ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގައި ކެޝުއަލް ޔުނީފޯމެއް ބޭނުންކުރަން ފަށައިފި

06 ސެޕްޓެންބަރ 2023


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުން ބޭނުން ކުރުމަށް ކެޝުއަލް ޔުނީފޯމެއް ތައްޔާރުކޮށް ބޭނުންކުރަން ފަށައިފިއެވެ. މި ޔުނީފޯމް ބޭނުންކުރަން ފަށާފައިވަނީ 2023 ޖޫން 01 ވީ ބުރާސްފަތި ދުވަހުއެވެ. މިއީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އުފެދުނު ފަހުން މިފަދަ ޔުނީފޯމެއް ތަޢާރަފްކޮށް ބޭނުންކުރަންފެށި ފުރަތަމަ ފަހަރެވެ. ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު އޮފީހުގެ ނަމުގައި އޮފީސް ހިންގި ދުވަސްވަރު މިފަދަ ޔުނީފޯމެއް ބޭނުންކޮށްފައެއް ނުވެއެވެ.

މިހާރު ހިނގަމުންދާ އަތޮޅު ކައުންސިލްގެ 04 ވަނަ ދައުރުގައި ބޭނުންކުރަންފެށި މި ޔުނީފޯމް މުވައްޒަފުން ބޭނުންކުރާނީ ރަސްމީ ކޮންމެ ބުރާސްފަތި ދުވަހެއްގައެވެ. ބުރާސްފަތި ދުވަހު އޮފީހަށް އަންނައިރު ހުރިހާ މުވައްޒަފުންވެސް ތިބެންޖެހޭނީ މި ޔުނީފޯމްގައެވެ. މީގެ އިތުރުން އަތޮޅު ކައުންސިލް ތަމްސީލުކުރާ، ރަސްމީ ޙަރަކާތްތަކުގައި ބައިވެރިވާ މުވައްޒަފުންވެސް މި ޔުނީފޯމް ބޭނުން ކުރަންޖެހޭގޮތަށްވަނީ ހަމަޖެހިފައެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައި ވަޒީފާ އަދާކުރާ މުވައްޒަފުން ރަސްމީ ބޭނުންތަކުގައި ބޭނުންކުރުމަށް ތަޢާރަފްކުރި މި ޔުނީފޯމް މުވައްޒަފުންގެ އަމިއްލަ ބޭނުންތަކުގައި ބޭނުމެއް ނުކުރެވޭނެއެވެ. މުވައްޒަފަކު ވަޒީފާއިން ވަކިވެއްޖެނަމަ، ނުވަތަ އެހެން އިދާރާއަކަށް ބަދަލު ވެއްޖެނަމަ، މުވައްޒަފަށް ދީފައިވާ ޔުނީފޯމް އަނބުރާ އަތޮޅު ކައުންސިލާއި ޙަވާލު ކުރަންޖެހޭނެއެވެ. މުވައްޒަފުގެ އަމިއްލަ އިހުމާލުން ޔުނީފޯމަށް ގެއްލުމެއް ލިބިއްޖެނަމަ، ޔުނީފޯމް ހޯދަންޖެހޭނީ އެމުވައްޒަފަކު އަމިއްލައަށެވެ.


މުވައްޒަފުން ބޭނުން ކުރުމަށް އަލަށް ތަޢާރަފްކުރި ކެޝުއަލް ޔުނީފޯމް

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުން ހެދުން އެޅުމުގެ އުޞޫލް