އަތޮޅުގެ ރަށްރަށް


ނިލަންދެއަތޮޅު އުތުރުބުރީ ފީއަލި

ފީއަލީ ކައުންސިލްގެ މެންބަރުން

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ ފ.ފީއަލި
ފޯނުނަންބަރު: 6740012
ފެކްސް ނަންބަރު: 6740012
އީމެއިލް: feeali2006@hotmail.com
* ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީގެ ތަފާސް ހިސާބު

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލި
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީގެ ގޫގުލް މެޕް

ނިލަންދެއަތޮޅު އުތުރުބުރީ ފީއައްޔަކީ މިއަތޮޅުގައި މީހުން ދިރިއުޅޭ 05 ރަށުގެ ތެރެއިން އެންމެ އުތުރަށް އޮންނަ އަދި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ބިމުގެ ގޮތުން އެންމެކުޑަ އާބާދީގެ ގޮތުން ތިންވަނަ ރަށެވެ. މިރަށުގެ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ވަޒީފާ އަދާކުރުމާއި އަދި ކޮންސްޓްރަކްޝަން މަސައްކަތެވެ. މިރަށުމީހުން ކުރާ މަސްވެރިކަމުގެ ތެރޭގައި ފާނައިގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަމާއި، ދޮށީގެ މަސްވެރިކަން ހިމެނެއެވެ. އެންމެ ގިނަ މީހުން ކޮށްއުޅެނީ ފާނައިގެ މަސްވެރިކަމާއި ބޮޑު ކަންނެލީގެ މަސްވެރިކަމެވެ. މީގެ އިތުރުން އާމްދަނީ ހޯދުމުގެ ގޮތުން މިރަށުގެ ބައެއް މީސްމީހުން ވިޔަފާރި ކުރުމާއި ސައިހޮޓާ ހިންގުންފަދަ މަސައްކަތާއި މަދުބަޔަކު ރިސޯޓު ތަކުގައިވެސް މަސައްކަތް ކުރަމުން ދެއެވެ. މިރަށަކީ މިއަތޮޅުގައި އެންމެ އޮޑިދޯނި ފަހަރު ގިނަ ރަށެވެ.

ފ.ފީއަލީ ކައުންސިލްގެ އިދާރާ

ފީއަލީ ކައުންސިލްގެ އިދާރާ ހިންގާ ޢިމާރާތަކީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ސަރުކާރުން ޢިމާރާތް ކޮށްދެއްވާފައިވާ ޢިމާރާތެކެވެ. ފީއަލީ ކޯޓާއި ރަށްވެހިގެ ހިމެނޭ ގޮތަށް ޢިމާރާތް ކޮށްދެއްވި މި އޮފީސް ހުޅުވައި ދެއްވީ 11 ނޮވެމްބަރ 1992 ގައި އޭރުގެ އެޓޮލްސް މިނިސްޓަރ އޮނަރަބްލް އަލްފާޟިލް އިލްޔާސް އިބުރާހިމެވެ. މީގެ ކުރިން ފީއަލީ އޮފީސް ހިންގާފައިވަނީ މިރަށު ރައްޔިތުންގެ ޢިމާރާތެއްގައެވެ. އޭރު ރަށުކޯޓާއި ރަށްވެހިގެވެސް ހުރީ އެ ޢިމާރާތުގައެވެ. ޒަމާނަށް އައި ބަދަލާ ގުޅިގެން އޮފީހުގައިހުރި ރަށްވެހިގެ މިހާރުވަނީ އުވިގެން ގޮސްފައެވެ.

ފ.އަތޮޅު މަދަރުސާ

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކޮށްދެއްވި އަތޮޅު މަދަރުސާ ހުންނަނީ ފީއަލީގައެވެ. މި މަދަރުސާ 4 މާރޗް 1982 ގައި ހުޅުވައި ދެއްވީ އޭރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އޮނަރަބްލް އަލްފާޟިލް މުޙަންމަދު ޒާހިރު ޙުސެއިނެވެ. އަތޮޅުމަދަރުސާގައި 1998 ވަނަ އަހަރުގެ ނިޔަލަށް ކިޔަވައި ދެމުން ގޮސްފައިވަނީ ގްރޭޑް 05 އަދި ގްރޭޑް 07 ގެ ފެންވަރަށެވެ.

1999 ވަނަ އަހަރުންފެށިގެން ސެކަންޑަރީއަށް ކިޔަވައިދޭން ފެށި މިމަދަރުސާގައި މިހާރު ގްރޭޑް 10 އަކަށް ކިޔަވައިދެމުން ދެއެވެ. ޖީ.ސީ.އީ އޯލެވެލް ފުރަތަމަ ހަދާފައިވަނީ 2001 ވަނަ އަހަރު 12 ކުދިންނެވެ. މިމަދަރުސާގެ ދަރިވަރުންނަށް ކޮމްޕިއުޓަރުގެ ތަޢުލީމު އުނގަންނައި ދިނުމަށްޓަކައި ކޮމްޕިއުޓަރ ލެބު ބޭނުންކުރަން ފަށާފައިވަނީ ފީއަލީގެ ރައްޔިތުން މި މަދަރުސާއަށް ހަދިޔާކުރި 8 ކޮމްޕިއުޓަރ ސިސްޓަމުންނެވެ.

ފީއަލީގައި އެންމެ ފުރަތަމަ ތަޢުލީމު ދެމުން ގޮސްފައިވަނީ އެރަށުގެ ރައްޔިތުން ފަނުންހަދާފައިވާ މަދަރުސާއެއްގައި ވަރަށް އާދައިގެ ގޮތަކަށެވެ.

ފ.ފީއަލީ ޞިއްޙީ މަރުކަޒު

ފީއަލީގައި ޞިއްޙީޚިދުމަތް ދިނުމުގެ މަސައްކަތް ކުރިން ކުރަމުން ގޮސްފައިވަނީ ފަރުދީ ގޮތެއްގައި ދިވެހި ބޭސްވެރިއެކެވެ. ފީއަލީގައި ރަސްމީގޮތުން ޢާއިލާގެ އެހީތެރިންގެ ފެންވަރުގައި ޞިއްޙީ ޚިދުމަތް ދޭން ފަށާފައިވަނީ 02 އޯގަސްޓް 1983 ގައެވެ. 17 ސެޕްޓެމްބަރ 2003 ގައި ފީއަލީ ހެލްތް ޕޯސްޓް ހުޅުވުމާއި ހަމައަށް މިޚިދުމަތް ދެމުން ދިޔައީ ފީއަލީ އޮފީހުގައެވެ. ފީއަލީގައި ސަރުކާރުން ޢިމާރާތްކޮށްދެއްވި ހެލްތުޕޯސްޓު ހުޅުއްވައިދެއްވީ އެއިރުގެ ހެލްތު މިނިސްޓަރ އޮނަރަބްލް އަލްފާޟިލް އަޙްމަދު ޢަބްދުﷲ އެވެ. 21 ފެބްރުއަރީ 2006 ން ފެށިގެން ފީއަލީ ހެލްތުޕޯސްޓު ވަނީ ޞީއްޙީމަރުކަޒަކަށް ބަދަލުކުރައްވާފައެވެ. ފީއައްޔަކީ ރާއްޖޭގެ ނިސްބަތުން ތެލަސީމިއާ ކުދިން އެންމެ ގިނަ ރަށެވެ.

ފީއަލީގައި ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި ޑޮކްޓަރަކާއި ނަރުހުންގެ ޚިދުމަތް ލިބެމުން ދެއެވެ. އަދި މިމަރުކަޒުގައި އާދައިގެ ކުދި ބަލިތަކުގެ ޓެސްޓު ހެދޭނޭ ލެބޯރޓްރީއެއް ހުރެއެވެ. މީގެ އިތުރުން ތެސީމިއާ ކުދިންގެ ގަޔަށް ލޭ އެޅުމުގެ ޚިދުމަތްވެސް މިހާރު މިމަރުކަޒުން ލިބެން ހުރެއެވެ. މިހާރު މިމަރުކަޒުގައި އެމްބިއުލާންސްގެ ޚިދުމަތްވެސް ލިބެމުން ދެއެވެ.

ފ.ފީއަލީ އިންޖީނުގެ

އެންމެފުރަތަމަ މިރަށުގައި ކަރަންޓްދޭން ފެށީ 1983 ވަނަ އަހަރުގެ ސެޕްޓެމްބަރ 18 ވަނަ ދުވަހު އަމިއްލަ ދެފަރާތަކުން ވަރަށް އާދައިގެ ގޮތަކަށެވެ. އެދުވަސްވަރު ކަރަންޓުގެ ޚިދުމަތް ލިބެމުންދިޔައީ އިރުއޮއްސި 6:00 ން ރޭގަނޑު 11:00 އަށެވެ. މިރަށުގައި ރައްޔިތުންގެ ގޮތުން ކަރަންޓްދޭން ފެށީ 08 އޯގަސްޓް 1999 ގައެވެ. އެއިރު އިރުއޮއްސި 6:00 ން ހެނދުނު 8:00 އަށް ދޭންފެށި ކަރަންޓްގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފައިވަނީ 01 ޖެނުއަރީ 2000 ގައެވެ. ފީއަލީގައި ކަރަންޓުގެ ޚިދުމަތް ދިނުމަށްޓަކައި ރައްޔިތުން އިމާރާތް ކުރި އިންޖީނުގެ ކުޑަވެ ކަރަންޓު ދިނުމަށް ދަތިވާތީ ރަނގަޅު ފެންވަރުގެ އިންޖީނުގެއެއް ޢިމާރާތްކޮށް އެ ޢިމާރާތުގައި ކަރަންޓުގެ ޚިދުމަތްދޭންފެށީ 31 މާރިޗު 2007 ގައެވެ. މިހާރު މިރަށުގައި ކަރަންޓުގެ ޚިދުމަތްދެނީ ފެނަކަ ކޯޕަރޭޝަނުންނެވެ. ފީއަލީ އިންޖީނުގެ ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކުރީ 02 އޮކްޓޯބަރ 2014 ގައެވެ. ފީއަލީ އިންޖީނުގެ ފެނަކަ ކޯޕަރޭޝަނާއި ޙަވާލު ކުރުމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލެވެ. ފީއަލީ ކައުންސިލް އިދާރާގެ ފަރާަތުން ސޮއިކުރެއްވީ ފީއަލީ ކައުންސިލްގެ ރައީސް މުޙައްމަދު ޖަލީލެވެ.