ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ އުފެއްދުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ އުފައްދަވާފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 07/2010) ގެ 127 ވަނަ މާއްދާގެ ދަށުން 21 ފެބްރުވަރީ 2011 ގައެވެ. މިއިދާރާ އުފައްދަވާފައިވަނީ އެޤާނޫގެ ދަށުން އިންތިޚާބުކޮށް އުފެއްދޭ ކައުންސިލް ތަކުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމަށް އެހީތެރިވެދީ، ކައުންސިލްގެ އިދާރީ ކަންކަން ކުރުމަށެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލަކީ، އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމުގެ ޤާނޫނީބާރު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ ޤާނޫނީ މިނިވަން ޝަޚްސެކެވެ. އަތޮޅު ކައުންސިލަކީ ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާ ހިންގުމުގެ އެންމެ އިސް ފަރާތެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ އުފެއްދުމުގެ ކުރިން މިއިދާރާ ހިންގަމުން ގެންދިޔައީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުއޮފީހުގެ ނަމުގައެވެ. އަތޮޅުއޮފީސް އުފައްދާފައިވަނީ ކޮންތާރީޚެއްގައި ކަމެއް އެނގޭކަށް ނެތެވެ. މިއަތޮޅުގައި އަތޮޅުވެރިކަން ކުރަން ފެށުނީއްސުރެ އަތޮޅުގެ ވެރިކަން މިއަތޮޅު ނިލަންދޫއަށް ބަދަލު ކުރުމާ ހަމައަށް އަތޮޅުއޮފީސް ހިންގަމުން ގެންދިޔައީ މިއަތޮޅު މަގޫދޫގައެވެ. މަގޫދޫގައި އަތޮޅުގެ ވެރިކަން ކުރަންފެށި ތާރީޚެއްވެސް އެނގޭކަށް ނެތެވެ. މަގޫދޫގައިހުރި އަތޮޅުއޮފީސް މިއަތޮޅު ނިލަންދުއަށް ބަދަލު ކުރެއްވީ 18 ޖަނަވަރީ 1999 ގައެވެ. އޭރު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުވެރިޔަކީ މ.ފީއަލި އަލްފާޟިލް ޒަކަރިއްޔާ ޙަމީދެވެ.

ޒަމާނުއްސުރެ ދިވެހިރާއްޖޭގެ އަތޮޅު ތަކުގައި ކުރަމުން ގެންދިޔަ އަތޮޅުވެރިކަމަށް މީހުން ޢައްޔަންކުރުން 2009 ވަނަ އަހަރުން ފެށިގެން ހުއްޓާލައި، އަތޮޅުތައް ހިންގުމަށް ކައުންސިލަރުން ޢައްޔަންކުރާ ގޮތަށް ސަރުކާރުން ނިންމަވައި، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުއޮފީސް ހިންގުމަށް ކައުންސިލަރެއްގެ ގޮތުގައި 05 ޖަނަވަރީ 2009 ގައި ޢައްޔަން ކުރެއްވީ ފ.ނިލަންދޫ ޢަޒުމް އަލްފާޟިލް އިބުރާހީމް ޚަލީލެވެ.

ނިލަންދެއަތޮޅު އުުތުބުރީ އަތޮޅުކައުންސިލް އެކުލެވިގެންވާގޮތް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އެންމެ ފުރަތަމަ އެކުލެވިގެންވަނީ 06 މެންބަރުންގެ މައްޗަށެވެ. އެއީ މިއަތޮޅުގައި އޮންނަ އިންތިޚާބީ ދެ ދާއިރާ (ބިލެއްދޫ ދާއިރާ، ނިލަންދޫ ދާއިރާ) ގެ ތެރެއިން ކޮންމެ ދާއިރާ އަކުން 03 މެންބަރުން ހިމެނޭ ގޮތަށެވެ. އެގޮތުގެމަތިން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލަށް އެންމެ ފުރަތަމަ އިންތިޚާބުކުރި 06 މެންބަރުން މެންބަރު ކަމުގެ ހުވާކުރީ 26 ފެބްރުވަރީ 2011 ގައެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލަށް އެންމެ ފުރަތަމަ އިންތިޚާބުކުރި 06 މެންބަރުންނަކީ ފ.ފީއަލީ ޖަވާހިރުމާގޭ އިދުރީސް އަބޫބަކުރު، ފ.ނިލަންދޫ ފުލޫނިޔާގޭ އަޙްމަދު ޚަލީލު، ފ.ނިލަންދޫ އޯކިޑްމާގޭ އަޙްމަދު ޢަލީ، ފ.ނިލަންދޫ އަތިރީގޭ ޢަބްދުއްލަޠީފް އަޙްމަދު، ފ.މަގޫދޫ ސަލްޖަމްގޭ ޢުމަރު ޒާހިރު އަދި ފ.ބިލެއްދޫ މޫސަލް މޫސާ އިސްމާޢީލެވެ.

ފ.ފީއަލީ ޖަވާހިރުމާގޭ އިދުރީސް އަބޫބަކުރާއި، ފ.ބިލެއްދޫ މޫސަލް މޫސާ އިސްމާޢީލާއި، ފ.މަގޫދޫ ސަލްޖަމްގޭ ޢުމަރު ޒާހިރަކީ ބިލެއްދޫ ދާއިރާއިން އިންތިޚާބުކުރި 3 މެންބަރުންނެވެ. ނިލަންދޫ ދާއިރާއިން އިންތިޚާބުކުރި 3 މެންބަރުންނަކީ ފ.ނިލަންދޫ އޯކިޑްމާގޭ އަޙްމަދު ޢަލީއާއި، ފ.ނިލަންދޫ އަތިރީގޭ ޢަބްދުއްލަޠީފް އަޙްމަދާއި، ފ.ނިލަންދޫ ފުލޫނިޔާގޭ އަޚްމަދު ޚަލީލެވެ.

އަތޮޅު ކައުންސިލްގެ އެންމެ ފުރަތަމަ ރައީސަކީ ފ.ފީއަލީ ޖަވާހިރުމާގޭ އިދުރީސް އަބޫބަކުރެވެ. އަތޮޅު ކައުންސިލްގެ އެންމެ ފުރަތަމަ ނައިބު ރައީސަކީ ފ.ނިލަންދޫ ފުލޫނިޔާގޭ އަޙުމަދު ޚަލީލެވެ. ފުރަތަމަ ދައުރުގެ ފުރަތަމަ ރައީސް އިދުރީސް އަބޫބަކުރު މެންބަރުކަމުންނާއި ރައީސްކަމުން 11 ސެޕްޓެންބަރ 2011 ގައި އިސްތިޢުފާ ދެއްވުމުން 05 ޑިސެންބަރ 2011 ގައި މެންބަރަކަށް އިންތިޚާބުކުރީ ފ.ފީއަލީ އަތިރީގޭ އިބްރާހީމް ނަޢީމެވެ. 02 ޖަނަވަރީ 2012 އިން ފެށިގެން ފުރަތަމަ ދައުރުގެ ދެވަނަ ރައީސަކީ އިބުރާހީމް ނަޢީމެވެ.

އަތޮޅު ކައުންސިލްގެ ޢުމަރަކީ ކައުންސިލް އިންތިޚާބުވީ ތާރީޚުން ފެށިގެން 03 އަހަރު ދުވަހެވެ.

ތިންވަނަ ދައުރުން ފެށިގެން ނިލަންދެއަތޮޅު އުުތުބުރީ އަތޮޅުކައުންސިލް އެކުލެވިގެންވާގޮތް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ށ) އަށް 03 ޑިސެންބަރ 2015 ގައި އިސްލާޙް ގެންނަވައި، 03 ވަނަ ދައުރުން ފެށިގެން އަތޮޅުކައުންސިލަށް މެންބަރުން އިންތިޚާބު ކުރުމުގައި އަތޮޅުތަކުގެ އާބާދީގެ ނިސްބަތުން އަތޮޅުކައުންސިލަށް މެންބަރުން އިންތިޚާބުކުރުމާއި، އިންތިޚާބުކުރާ މެންބަރުން މުޅިއަތޮޅުގެ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކުރާގޮތަށް ކަނޑައަޅުއްވާފައިވާތީ، ނިލަންދެއަތޮޅު އުތުރުބުރީގެ އާބާދީގެ ނިސްބަތުން އަތޮޅުކައުންސިލަށް އިންތިޚާބު ކުރަންޖެހެނީ 03 މެންބަރުންނެވެ.

މުޅި އަތޮޅުގެމީހުން ވޯޓުލައިގެން ފުރަތަމަ ފަހަރަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލަށް އިންތިޚާބުކުރި 03 މެންބަރުންނަކީ ފ.މަގޫދޫ ސަލްޖަމްގޭ ޢުމަރު ޒާހިރު، ފ.ދަރަނބޫދޫ ވާރޭވިލާ މަޙުމޫދު އަޙުމަދު އަދި ފ.ނިލަންދޫ އެދުރުގޭ ޢަބްދުލް ޤާދިރު މުޙައްމަދެވެ. އަތޮޅު ކައުންސިލަށް އިންތިޚާބުކުރި މެންބަރުން މެންބަރު ކަމުގެ ހުވާކުރީ 03 ޖޫން 2017 ގައެވެ. މިދައުރުގެ ރައީސަކީ ފ.މަގޫދޫ ސަލްޖަމްގޭ ޢުމަރު ޒާހިރެވެ. ނައިބު ރައީސަކީ ފ.ދަރަނބޫދޫ ވާރޭވިލާ މަޙުމޫދު އަޙުމަދެވެ.

އަތޮޅު ކައުންސިލްގެ ޢުމަރަކީ ކައުންސިލް އިންތިޚާބުވީ ތާރީޚުން ފެށިގެން 03 އަހަރު ދުވަހެވެ.

ހަތަރުވަނަ ދައުރުން ފެށިގެން ނިލަންދެއަތޮޅު އުުތުބުރީ އަތޮޅުކައުންސިލް އެކުލެވިގެންވާގޮތް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 15 ޑިސެންބަރ 2019 ގައި ގެންނެވި 08 ވަނަ އިޞްލާޙުން ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ކުރާގޮތްތަކާއި މެންބަރުންގެ ޢަދަދަށް ބަދަލު ގެނެސްފައި ވެއެވެ. އެގޮތުން އެޤާނޫނުގެ 11 މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން 04 ވަނަ ދައުރުން ފެށިގެން އަތޮޅުކައުންސިލް އެކުލެވިގެންވަނީ އަތޮޅުރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިޚާބުކުރާ އަތޮޅު ކައުންސިލްގެ ރައީސާއި، ރަށުކައުންސިލްގެ ރައީސްގެ މަޤާމަށް އިންތިޚާބުކުރާ މީހުންގެ މައްޗަށެވެ. ރަށުކައުންސިލް ތަކުގެ ރައީސުންނަކީ އަތޮޅު ކައުންސިލްގެ މެންބަރުންގެ ގޮތުގައި ޤާނޫނުގައިވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން 04 ވަނަ ދައުރުގެ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އެކުލެވިގެންވަނީ ރައީސާއި ރަށުކައުންސިލްގެ ރައީސުންގެ ގޮތުގައި ހިމެނޭ 05 ބޭފުޅުންނާއި ޖުމްލަ 06 ބޭފުޅުންގެ މައްޗަށެވެ. އަތޮޅުކައުންސިލްގެ ނައިބް ރައީސަކަށް ބޭފުޅަކު އިންތިޚާބުކުރާނީ އަތޮޅު ކައުންސިލްގެ ރައީސް ފިޔަވައި ދެންތިބި މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.

04 ވަނަ ދައުރުގެ އަތޮޅުކައުންސިލްގެ ރައީސާއި މެންބަރުން ހުވާކުރީ 17 މޭ 2021 ދުވަހުއެވެ. ކޮވިޑް-19 ގެ ބަލި އަތޮޅުގައި ފެތުރިފައި ވުމާއެކު ހުވާކުރުމުގެ ރަސްމިއްޔާތު ގެންދިޔައީ އޮންލައިންކޮށެވެ. 04 ވަނަ ދައުރުގެ އަތޮޅުކައުންސިލްގެ ރައީސަކީ ފ.ނިލަންދޫ ބުލްބުލާގޭ ޢަލީ މުޙައްމަދެވެ. މެންބަރުންނަކީ ފީއަލީ ކައުންސިލްގެ ރައީސް ފީއަލީ ބީޗްހައުސް މޫސާ އަޙްމަދު، ފ.ބިލެއްދޫ ކައުންސިލްގެ ރައީސް ބިލެއްދޫ މޯނިންގވިލާ އަޙްމަދު އަސްލަމް، ފ.މަގޫދޫ ކައުންސިލްގެ ރައީސް މަގޫދޫ ގުލްބަކާގޭ ޢަބްދުﷲ ވަޙީދު، ފ.ދަރަނބޫދޫ ކައުންސިލްގެ ރައީސް ދަރަނބޫދޫ ހީނާމާގޭ ޢަބްދުލް ޙަމީދު އާދަމް އަދި ފ.ނިލަންދޫ ކައުންސިލްގެ ރައީސް ނިލަންދޫ ޖަނަވަރީމާގޭ ޢަލީ އަޙްމަދެވެ. މި ދައުރުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ނައިބްރައީސަކީ ފ.މަގޫދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ވަޙީދެވެ.

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫގެ 12 ވަނަ މާއްދާއަށް 15 ޑިސެންބަރ 2019 ގައި ގެނައި 08 ވަނަ އިޞްލާޙްގައި ކައުންސިލްގެ ޢުމަރަކީ ކައުންސިލް އިންތިޚާބުވީ ތާރީޚުން ފެށިގެން 05 އަހަރު ދުވަހެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ވިޝަން (ތަޞައްވުރު)

އިޤްތިޞާދީގޮތުން ފުދުންތެރި، ޢުމްރާނީ ގޮތުން ކުރިއަރާފައިވާ، ތަޢުލީމީ ގޮތުންނާއި ދީނީގޮތުން ހޭލުންތެރި، ދުޅަހެޔޮ ރައްޔިތަކު ދިރިއުޅޭ އަމާން އަތޮޅެއް ކަމުގައި ހެދުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ މިޝަން (އަމާޒު)

ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމާއެކު، ބިނާކުރަނިވި މުޖްތަމަޢު އަކަށް އަތޮޅު ހެދުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ލަނޑުދަޑިތައް

  • ޒަމާނާ އެއްގޮތަށް އަތޮޅުކައުންސިލްގެ އިދާރީ ހިންގުން ހަރުދަނާކޮށް ތަރައްޤީ ކުރުން
  • އަތޮޅުކައުންސިލްގައި ވަޒީފާއަދާކުރާ މުވައްޒަފުންނަކީ ޒަމާނުގެ ތަޢުލީމު ލިބިފައިވާ ޒިންމާދާރު ބައެއްގެ ގޮތުގައި ހެދުން
  • އަތޮޅުކައުންސިލުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަގަނޅުކޮށް ޒަމާނީ ޓެކުނޮލޮޖީގެ ތެރެއިން ޚިދުމަތްތައް އަވަހަށް ފޯރުކޮށް ދިނުން
  • ޕުލާސްޓިކުން ލިބޭ ގެއްލުންތަކާއި ރައްކާތެރި ގޮތުގައި ޕްލާސްޓިކާއި ކުނިބުނި ނައްތާލުމަށް މީހުން ހޭލުންތެރި އަތޮޅަކަށް ހެދުން
  • “ފާފު އެންމެ ސާފު”ޝިޢާރުގެ ދަށުން ޕުލާސްޓިކާއި ކުނިބުނިން ތިމާވެށި އެންމެ ސާފު އަތޮޅު ކަމުގައި ހެދުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ރަސްމީ މަސައްކަތުގަޑި

ރަސްމީ ގަޑިއަކީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 8.00 އިން 14.00 އަށެވެ. ރަމަޟާން މަހުގެ ރަސްމީ ގަޑިއަކީ ރަމަޟާން މަހުގެ ރަސްމީ ގަޑީގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާ ގަޑިއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ޤަބޫލުކުރާ ހަމަތަކާއި މިންގަނޑުތައް

  • ނަޒާޙަތްތެރިކަން: ހުރިހާ ޙާލަތެއްގައިވެސް ތެދުވެރިކަމާއި، އިޚުލާޞްތެރި ކަމާއި، އަމާނާތްތެރި ކަމާއެކީ ދެމިތިބުން
  • ޒިންމާދާރުކަން: އެންމެ ރަގަނޅު ފެންވަރުގައި ޒިންމާދާރު ކަމާއި ހަލުވި ކަމާއެކު ޚިދުމަތްތައް އަވަހަށް ފޯރުކޮށް ދިނުން
  • ޖަވާބުދާރީ ވުމާއި، ޔަޤީންކަން: ޚިދުމަތް ހޯދާ ފަރާތްތަކާއި އެކުގައި މަސައްކަތްކުރާ ފަރާތްތަކާ މެދުގައި ރަގަނޅު ގުޅުމެއް ބޭއްވުން
  • ހަމަހަމަކަން: ޚިދުމަތްތައް ދިނުމުގައި ނުރަގަނޅު ނުފޫޒު ތަކުން އެއްކިބާވެ ދެފުށް ފެންނާނޭހެން ހަމަހަމަ ކަމާއެކު ޚިދުމަތްތައް ދިނުން
  • ޤާނޫނާއި ޤަވާޢިދު ދެމެހެއްޓުން: ޚިދުމަތްތައް ދިނުމާއި، މަސައްކަތްތައް ކުރުމުގައި ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތަށް ޢަމަލު ކުރުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ޚިދުމަތް ދިނުމުގައި ކަނޑައަޅާފައިވާ މައިގަނޑު އުޞޫލްތައް

  • ޚިދުމަތް ހޯދުމަށް އޮފީހަށް އަންނަ ހުރިހާ ފަރާތްތަކަށް އަދަބު އިޙުތިރާމާއިއެކު މުޢާމަލާތް ކުރުމާއި ޖަވާބުދާރީވުން
  • ޚިދުމަތް ހޯދުމަށް އޮފީހަށް އަންނަމީހާ ބޭނުންވާ ޚިދުމަތް އަވަހަށް ފޯރުކޮށް ދިނުމާއި، އެހީތެރިކަމަށްއެދޭ ކަންކަމުގައި އެހީތެރިވެ ދިނުން
  • ރަސްމީ މަސައްކަތު ގަޑީގައި އޮފީހަށް އަންނަ ފޯނުކޯލްތަކަށް އަދަބު އިޙުތިރާމާއެކު ޖަވާބު ދިނުން
  • އޮފީހަށްލިބޭ ސިޓީތަކާއި، އީ މެއިލް ތަކާއި އެހެނިހެން ލިއުން ތަކުގެ ތެރެއިން ޖަވާބު ދޭންޖެހޭ ލިއުންތަކަށް އެލިއުމެއް އޮފީހަށް ލިބޭތާ ލަސްވެގެން ރަސްމީ 03 ދުވަހުގެ ތެރޭގައި ޖަވާބު ދިނުން
  • މަޢުލޫމާތު ހޯދައި ލބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މަޢުލޫމާތު ހޯދުމަށް ހުށަހެޅުމުން އެ މަޢުލޫމާތަކީ ޤާނޫނާ ޤަވާޢިދާ އެއްގޮތަށް ދޫކުރެވޭ މަޢުލޫމާތެއް ކަމުގައިވާނަމަ، ފޯމު ހުށަހަޅާތާ ލަސްވެގެން 21 ދުވަހުގެ ތެރޭގައި މަޢުލޫމާތު ދިނުން

މުވައްޒަފުންނާއި ޢާންމު ފަރާތްތަކުގެ ޚިޔާލު ހޯދުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާއިން ދެމުން ގެންދާ ޚިދުމަތުގެ ފެންވަރު ރަގަނޅު ކުރުމަށްޓަކައި މިއިދާރާގެ މުވައްޒަފުންނާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުން މިއިދާރާއިން ދޭ ޚިދުމަތްތަކާމެދު ޚިޔާލު ހުށަހެޅުމާއި ފާޑު ކިއުންތަކަށް މަރުޙަބާ ކިއަމެވެ.

ޚިޔާލު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން މިއިދާރާއިން ޢާންމުކޮށްފައިވާ ޚިޔާލު ހުށަހަޅާ ފޯމުން ޚިޔާލު ހުށަހެޅުއްވުން އެދެމެވެ. އެފޯމު މިއިދާރާގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ.

[ޚިޔާލު ހުށަހަޅާ ފޯމް] [Download W] [Download Pdf]

ޚިޔާލު ހުށަހެޅުމަށްޓަކައި މިއިދާރާގެ މުވައްޒަފުންނަށް ވަކި ފޮއްޓެއް، އަދި އެނޫން ފަރާތްތަކަށް ވަކިފޮއްޓެއް މިއިދާރާގައި ބެހެއްޓިފައި ވެއެވެ. މުވައްޒަފުން ޚިޔާލު ހުށަހަޅުއްވާނީ މުވައްޒަފުންނަށް ޚާއްޞަކޮށްފައިވާ ޚިޔާލު ފޮއްޓަށެވެ. އެނޫން ފަރާތްތަކުން ޚިޔާލު ހުށަހަޅުއްވާނީ މިއިދާރާގެ ކައުންޓަރގައި ބަހައްޓާފައިވާ ޚިޔާލު ފޮއްޓަށެވެ. މިއިދާރާއަށް ދުރުވެ ޚިޔާލު ހުށަހަޅުއްވާނަމަ، ރަސްމީ ކޮންމެ ދުވަހެއްގެ 8.00 އިން 14.00 އާއި ދެމެދު ޚިޔާލު ފޮއްޓަށް ޚިޔާލު ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ޚިޔާލު ހުށަހަޅުއްވާނަމަ، ޚިޔާލު ހުށަހެޅުމުގެ އީމެއިލްއަށް ފޮނުއްވުން އެދެމެވެ. އީމެއިލް އެޑުރެހަކީ khiyaalu@faafu.gov.mv އެވެ. ޚިޔާލު ހުށަހެޅުއްވުމުގައި ހުށަހަޅާ ފަރާތުގެނަން ނުޖަހައި އަދި ނަން ޖަހައިގެންވެސް ހުށަހެޅިދާނެއެވެ. މިގޮތުން ނަންޖަހައިގެން ހުށަހަޅާ ފަރާތްތަކުގެ ސިއްރު ހިފެހެއްޓޭނެއެވެ.

ޝަކުވާގެ މައްސަލަތައް ހުށަހެޅުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާއަށް ޝަކުވާގެ މައްސަލައެއް ހުށަހެޅުމަށް ބޭނުންވާނަމަ، އެފުރުޞަތު ކޮންމެ ފަރާތަކަށްވެސް ހުލުވާލެވިފައި ވެއެވެ. ޝަކުވާގެ މައްސަލަ ހުށަހަޅާނީ މިއިދާރާއިން ޢާންމުކޮށްފައިވާ ޝަކުވާގެ މައްސަލަ ހުށަހަޅާ ފޯމުންނެވެ. އެފޯމު މިއިދާރާގެ ކައުންޓަރުންނާއި ވެބުސައިޓުން ލިބެން ހުންނާނެއެވެ.

[ޝަކުވާގެ މައްސަލަ ހުށަހަޅާ ފޯމު] [Download W] [Download Pdf]

ފޯމު ފުރުމުގައި ޖިސްމާނީ ނުކުޅެދުން ތެރިކަން ހުރެގެން ފޯމު ފުރުމުގައި ދަތިވާ ފަރާތްތަކަށާއި، ލިޔަންކިއަން ނުދަތުމުގެ ސަބަބުން ފޯމު ފުރުމަށް ދަތިވާ މީހުން ރަސްމީ ގަޑީގައި މިއިދާރާއަށް ދުރުވެ އަނގަބަހުން ޝަކުވާ ހުށަހެޅޭނެއެވެ. މިގޮތުން އަނގަބަހުން ހުށަހަޅާ ޝަކުވާތައްލިޔެ ހުށަހަޅާ ފަރާތުގެ އިނގިލީގެ ނިޝާން ނެގުމަށްފަހު މައްސަލަ ކުރިއަށް ގެންދެވޭނެއެވެ. ޝަކުވާ ހުށަހަޅާފޯމު ރަސްމީ ކޮންމެ ދުވަހެއްގެ 8.00 އިން 14.00 އަށް މިއިދާރާގެ ކައުންޓަރުން ބަލައިގަންނާނެއެވެ. އެފޯމު މިއިދާރާގެ ރަސްމީ އީ މެއިލަށްވެސް ފޮނުވޭނެއެވެ.

ޝަކުވާގެ މައްސަލަތައް ބެލުމުގެ އުޞޫލް

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާއަށް ޝަކުވާގެ މައްސަލައެއް ހުށަހަޅާތާ ރަސްމީ 03 ދުވަހުގެ ތެރޭގައި އެމައްސަލައަކީ މިއިދާރާއިން ބެލޭނެ މައްސަލައެއްކަން ނުވަތަ ނޫންކަން ކަނޑައަޅައި އެކަން މައްސަލަ ހުށަހެޅި ފަރާތަށް ލިއުމުން އެންގޭނެއެވެ.

މިއިދާރާއަށް ހުށަހަޅާ ޝަކުވާގެ މައްސަލަ ތަކުގެ ތެރެއިން މަޤާމާ ގުޅޭގޮތުން މުވައްޒަފުން ހުށަހަޅާ ޝަކުވާގެ މަައްސަލަތައް ފިޔަވައި އެހެން މައްސަލަތައް ބަލާނީ އެމައްސަލައެއް ބެލުމަށް އެކުލަވާލާ ވަގުތީ ކޮމެޓީއަކުންނެވެ. މިކޮމެޓީއަކީ 03 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީ އެކެވެ. ކޮމެޓީގައި ހިމެނޭނީ ކައުންސިލް މެންބަރަކާއި، ހުށަހަޅާ މައްސަލައާ ގުޅުންނެތް އެސިސްޓެންޓު ޑިރެކްޓަރުން ފެށިގެން މަތީގެ ވެރިޔަކާއި، ހުށަހަޅާ މައްސަލައާ ގުޅުންނެތް ޖީ.އެސް. 03 އިން ފެށިގެން މަތީގެ މުވައްޒަފެކެވެ.

މިއިދާރާއަށް ހުށަހަޅާ ޝަކުވާގެ މައްސަލަތައް ބެލުމަށް، މިއިދާރާއަށް މައްސަލަ ހުށަހަޅާތާ ލަސްވެގެން ރަސްމީ 03 ދުވަހުގެ ތެރޭގައި މައްސަލަބަލާ ކޮމެޓީ ކަނޑައަޅައި، މައްސަލަ ކޮމެޓީއާއި ޙަވާލު ކުރެވޭނެއެވެ. މައްސަލަ ބެލުމަށް ކޮމެޓީއާއި ޙަވާލުކުރާ ތާރީޚުން ފެށިގެން ރަސްމީ 07 ދުވަހުގެ ތެރޭގައި މައްސަލަ ބަލައި ނިންމޭނެއެވެ. މައްސަލަ ބަލައި ނިމޭތާ ރަސްމީ 03 ދުވަހުގެ ތެރޭގައި މައްސަލަ ހުށަހެޅި ފަރާތަށް ޖަވާބު ދެވޭނެއެވެ.

މައްސަލަ ބަލައި ނިންމާއިރު، މައްސަލަ ހުށަހެޅި ފަރާތަށް ޖަވާބު ދެވެން އަންނަނީ އަތޮޅު ކައުންސިލްގެ ޖަލްސާއަކުން ނިންމައިގެން ކަމުގައިވާނަމަ، އެންމެ ކުރިއަށް އޮންނަ އަތޮޅު ކައުންސިލްގެ ޖަލްސާއަށް މައްސަލަ ހުށަހެޅޭނެއެވެ. މައްސަލައާމެދު އަތޮޅު ކައުންސިލުން ގޮތެއް ނިންމަވާތާ ރަސްމީ 03 ދުވަހުގެ ތެރޭގައި މައްސަލަ ހުށަހެޅި ފަރާތަށް ޖަވާބު ދެވޭނެއެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުން

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (ޤާނޫނު ނަންބަރު 01/2014) ދަށުން މަޢުލޫމާތު ހޯދުމަކީ ކޮންމެ މީހަކަށް ލިބިގެންވާ ޙައްޤެކެވެ. މިޙައްޤުގެ ދަށުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާއިން މަޢުލުމާތު ހޯދުމަށް ހުށަހެޅުމަކީ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެކެވެ.

މަޢުލޫމާތު ހޯދުމަށް އެދި ހުށަހެޅުން

ދައުލަތުގެ އިދާރާއެއްގައިވާ މަޢުލޫމާތަށް އެދި ހުށަހަޅާނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (ޤާނޫނު ނަންބަރު 01/2014) އާއި، އެ ޤާނޫނުގެ ދަށުން ހަދާފައިވާ "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ" ޤަވާޢިދުގެ ދަށުން އެ އިދާރާއެއްގެ އިންފޮރމޭޝަން އޮފިސަރަށް ލިއުމަކުންނެވެ. އެގޮތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ އިންފޮރމޭޝަން އޮފިސަރަކީ ކޮންޕިއުޓަރ ޓެކްނީޝަން ޢަބްދުލް ވާޙިދު ޢަބްދުލް ޢަޒީޒެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން މަޢުލޫމާތު ހޯދުމަށްއެދި ހުށަހަޅާނީ މިއިދާރާއިން ޢާންމު ކޮށްފައިވާ މަޢުލޫމާތު ހޯދުމަށް އެދޭ ފޯމުންނެވެ. މިފޯމް މިއިދާރާއިންނާއި މިއިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޢުލޫމާތު ހޯދުމަށް ހުށަހަޅާ މީހަކީ، ޖިސްމާނީ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން ނުވަތަ ލިޔަންކިއަން ނުދަތުމުގެ ސަބަބުން ލިއުމުން ހުށަހެޅުމަށް ޢުޒުވެރިވާ މީހަކު ކަމުގައިވާނަމަ، މަޢުލޫމާތު ހޯދުމަށް އިންފޮރމޭޝަން އޮފިސަރަށް އަގަބަހުން ހުށަހެޅިދާނެއެވެ. އެފަދަ ފަރާތަކުން މަޢުލޫމާތު ހޯދަން އަގަބަހުން ހުށަހަޅައިފިނަމަ، އެހުށަހެޅުން ލިޔެ، އެހުށަހެޅުމުގައި އިންފޮރމޭޝަން އޮފިސަރ ސޮއިކޮށް، އެކަން އެގޮތަށް ކުރުމުގައި ހެއްކެއް ބަހައްޓައި ހެއްކެއްގެ ގޮތުގައި ބެހެއްޓި މީހާގެސޮއި ހޯދައި، އަދި އެހުށަހެޅުން އަނގަބަހުން ހުށަހެޅި މީހާގެ އިގިލީގެނިޝާން އެހުށަހެޅުމުގެ ލިއުމުގައި ޖަހައި، އެހުށަހެޅުމުގެ ލިއުމުގެ އެއްކޮޕީ އެހުށަހެޅުން އަނގަބަހުން ހުށަހެޅި ފަރާތަށް ދެވޭނެއެވެ.

މަޢުލުމާތު ހޯދުމަށް އެދި ހުށަހަޅާ ފޯމުގައި ތިރީގައިއެވާ ކަންކަން އެނގޭ ގޮތަށް ފޯމު ފުރިހަމަ ކުރުމަށްފަހު ރަސްމީ ކޮންމެ ދުވަހެއްގެ 8.00 އިން 14.00 އާ ދެމެދު މިއިދާރާއަށް ހުށަހެޅުއްވުމުން ފޯމު ބަލައި ގަންނާނެއެވެ. ފޯމު މިއިދާރާގެ އީމެއިލަށްވެސް ފޮނުވޭނެއެވެ. އީމެއިލަށް ފޮނުވާ ފޯމަކީވެސް މިއިދާރާއަށް ފޮނުވާ ފޯމެއްކަމުގައި ބެލޭނެއެވެ.

"މަޢުލޫމާތު ހޯދުމަށް އެދޭ ފޯމް" [Download W] [Download Pdf]

# މަޢުލޫމާތު ހޯދުމަށް ހުށަހަޅާ ހުށަހެޅުމަކީ މަޢުލޫމާތު ހޯދުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްކަން އެނގެން އޮތުން.

# ހޯދުމަށް ބޭނުންވަނީ ކޮންކޮން މަޢުލޫމާތެއްކަން އެނގޭނެ މިންވަރަށް އެމަޢުލޫމާތެއްގެ ތަފްޞީލް ބަޔާން ކުރުން.

# ހޯދަން އެދޭ މަޢުލޫމާތު ނުވަތަ ފޮނުވަންޖެހޭ ލިއުންތައް ފޮނުވާނެ އެޑްރެހެއް އެނގެން އޮތުން.

# ފީ ދެއްކުން ނުވަތަ ފީ ދައްކަން އެންގުމުން އެފީއެއް ދެއްކުމަށް އެއްބަސްވާކަން ކަށަވަރުކޮށް ދިނުން.

# މަޢުލޫމާތު ހޯދުމަށް ހުށަހަޅާ ފަރާތުގެ ނަމާއެޑްރެސް އަދި ގުޅޭނެ ނަންބަރެއް އެނގެން އޮތުން.

މަޢުލޫމާތު ހޯދުމަށް ހުށަހަޅާ ފޯމަށް ޢަމަލު ކުރުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާއިން މަޢުލޫމާތު ހޯދުމަށް ހުށަހަޅާ ފޯމުތަކަށް އެންމެ ފުރަތަމަ ޖަވާބު ދާރީވާނީ މިއިދާރާގެ އިންފޮރމޭޝަން އޮފިސަރެވެ. އިންފޮރމޭޝަން އޮފިސަރ ދޭ ޖަވާބަކާމެދު ހިތްހަމަ ނުޖެހިގެން އެކަން މުރާޖާކޮށް ދިނުމަށް މިއިދާރާއަށް ހުށަހަޅައިފިނަމަ އެމައްސަލަ ބަލައި ޖަވާބުދާރީވާނީ މިއިދާރާގެ މުރާޖާ ކޮމެޓީންނެވެ. މުރާޖާ ކޮމެޓީން ނިންމާ ނިންމުމަކާމެދު ހިތްހަމަ ނުޖެހޭނަމަ، އެކަން ހުށަހަޅާނީ އިންފޮރމޭޝަން ކޮމިޝަނަރގެ އޮފީހަށެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާއިން މަޢުލޫމާތު ހޯދުމަށް ހުށަހަޅަންޖެހޭ ފޯމު މިއިދާރާއަށް ލިބުމުން ފޯމު މިއިދާރާއަށް ލިބިއްޖެކަން އަންގައިދޭ ލިއުމެއް މަޢުލޫމާތު ހޯދުމަށް ހުށަހެޅި ފަރާތަށް ދެވޭނެއެވެ.

މަޢުލޫމާތު ހޯދުމަށް ހުށަހަޅާފައިވާ ހުށަހެޅުމަކީ، މަޢުލުމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައިވާ ގޮތަށް ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމުގައިވާނަމަ، އެންމެ ލަސްވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި މަޢުލުމާތު ދޫކުރެވޭނެއެވެ.

ހޯދުމަށް ހުށަހަޅާފައިވާ މަޢުލޫމާތު ފޯރޮކޮށްދެވެންއޮތީ ވަރަށްގިނަ މަޢުލޫމާތު ހޯދައިގެން ދިރާސާ ކޮށްގެން ކަމުގައިވާނަމަ، ނުވަތަ ހޯދުމަށް އެދިފައިވަނީ ވަރަށްގިނަ މަޢުލޫމާތު ތަކެއް ކަމަށްވެފައި، އޮފީހުގެ މަސައްކަތްތައް ހުންނަ ގޮތުން 21 (އެކާވީސް) ދުވަހުގެ ތެރޭގައި މަޢުލޫމާތު ފޯރުކޮށްދިނުމުގައި ދަތިވާނަމަ، މުއްދަތުގެ ތެރޭގައި މަޢުލޫމާތު ދެވެންނެތް ސަބަބު މަޢުލޫމާތު ހޯދުމަށް ހުށަހެޅި ފަރާތަށް އެންގުމަށް ފަހު 21 (އެކާވީސް) ދުވަސް ހަމަވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި މަޢުލޫމާތު ދެވޭނެއެވެ.

މަޢުލޫމާތު ހޯދުމަށް ހުށަހަޅާއިރު، މަޢުލޫމާތު ހޯދުމަށް ހުށަހަޅާ ލިއުމުގައި ހުރުމަށް، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނުނުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ތަކުގެ ތެރެއިން ބައެއް މަޢުލޫމާތުތައް ފުރިހަމަ ނުވާނަމަ، މަޢުލޫމާތު ހޯދުމަށް ހުށަހެޅި ފަރާތަށް އެކަންއަންގައި މަޢުލޫމާތު ފުރިހަމަ ކުރުމަށް ފުރުޞަތު ދިނުމަށްފަހު، އަދި އެކަމަށް އެހީތެރިކަން ފޯރުކޮށް ދިނުމަށްފަހުގައިވެސް މަޢުލޫމާތު ފުރިހަމަ ނުކުރާނަމަ، ނުވަތަ އެކަމަށް އިންކާރު ކުރާނަމަ، މަޢުލޫމާތު ދިނުމަށް އޮންނަ 21 (އެކާވީސް) ދުވަސް ހަމަވުމުން ނުވަތަ އޭގެކުރިންވެސް މަޢުލޫމާތު ހޯދުމަށް ހުށަހެޅި ފަރާތަށް މަޢުލޫމާތު ދެވެން ނެތްކަން ސަބަބު ބަޔާންކޮށް ލިއުމުން އެންގޭނެއެވެ.

މަޢުލޫމާތު ހޯދުމަށް ހުށަހަޅާ ހުށަހެޅުމަކީ، އެހުށަހެޅުމެއް ކުރިން ހުށަހެޅުމުން އެކަމަށް ޖަވާބުދެވިފައިވާ ނުވަތަ މަޢުލޫމާތު ފޯރުކޮށްދެވިފައިވާ ހުށަހެޅުމެއް ކަމުގައިވާނަމަ، އަދި އެޖަވާބު ނުވަތަ މަޢުލޫމާތު ފޯރުކޮށްދިން ފަހުން އެކަށީގެންވާ ބަދަލެއް އެމަޢުލޫމާތަށް އައިސްފައިނުވާނަމަ، އެ މަޢުލޫމާތެއް ހޯދަން ހުށަހެޅި ފަރާތަށް އެކަން ލިއުމުން އަންގައި އެސަބަބަށްޓަކައި އެލިއުމަށް ޢަމަލު ނުކުރުމުގެ އިޚުތިޔާރު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލަށް ލިބިގެންވެއެވެ.

މައުލޫމާތު ހޯދަން ހުށަހެޅުމުން ހޯދުމަށް ހުށަހަޅާފައިވާ މަޢުލޫމާތު ލިބެން ނެތްނަމަ، އަދި ހޯދުމަށް ހުށަހަޅާފައިވާ މަޢުލުމާތު ލިބެންހުރިނަމަވެސް މަޢުލޫމާތު ދޫކުރެވެން ނެތްނަމަ، މަޢުލޫމާތު ދޫކުރެވެންނެތް ސަބަބު ބަޔާންކޮށް މަޢުލޫމާތު ހޯދުމަށް ހުށަހަޅާތާ 21 (އެކާވީސް) ދުވަސް ހަމަވުމުގެ ކުރިން އެފަރާތަކަށް ލިއުމުން ޖަވާބު ދެވޭނެއެވެ.

ހޯދުމަށް ހުށަހަޅާފައިވާ މަޢުލޫމާތެއް ދިނުން ފަސްކުރުމަށް އިންފޮރމޭޝަން އޮފިސަރ ކަނޑަ އަޅައިފިނަމަ، އެކަން އެގޮތަށްކުރި ސަބަބަބާއި، އެމަޢުލޫމާތު ދެވޭނެ ދުވަހެއް މަޢުލޫމާތު ހޯދުމަށް ހުށަހެޅި ފަރާތަށް ލިއުމުން އެންގޭނެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ހޯދަން ހުށަހަޅާ މަޢުލޫމާތަކާ ގުޅިގެން އިންފޮރމޭޝަން އޮފިސަރ ދޭ ޖަވާބަކާމެދު ހިތްހަމަ ނުހިޖެއްޖެނަމަ، އެނިންމުމެއް ނިންމި ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަން އަލުން މުރާޖާ ކޮށްދިނުންއެދި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ މުރާޖާ ކޮމެޓީއަށް ހުށަހެޅި ދާނެއެވެ.

މުރާޖާ ކޮމެޓީއަށް ޝަކުވާ ހުށަހެޅުމަށް ބުނެފައިވާ މުއްދަތުގެ ފަހުން ހުށަހަޅާ ޝަކުވާތައް ބަލައިގަނެވޭނީ އެމުއްދަތުގައި ޝަކުވާ ހުށަހެޅިފައި ނުވަނީ މަޤުބޫލް ސަބަބެއް އޮވެގެން ކަމުގައި މުރާޖާ ކޮމެޓީއަށް ޤަބޫލު ކުރެވޭ ނަމައެވެ.

މުރާޖާ ކޮމެޓީއަށް ހުށަހަޅާ ޝަކުވާތައް ބަލައި އެންމެ ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ޝަކުވާ ހުށަހެޅި ފަރާތަށް ލިއުމުން ޖަވާބު ދެވޭނެއެވެ. އެމުއްދަތުގައި ނުނިމޭނެ ކަމަށް ފެންނަނަމަ، ސަބަބާއެކު އެކަން ޝަކުވާ ހުށަހެޅި ފަރާތަށް ލިއުމުން އަންގައި، އިތުރު 15 (ފަނަރަ) ދުވަސް ހަމަވުމުގެ ކުރިން އެކަން ބަލައި ޝަކުވާ ހުށަހެޅި ފަރާތަށް ލިއުމުން ޖަވާބު ދެވޭނެއެވެ.

މުރާޖާ ކޮމެޓީން ނިންމާ ނިންމުމަކާމެދު ހިތްހަމަ ނުޖެހޭނަމަ، އެނިންމުމެއް ނިންމި ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އިންފޮރމޭޝަން ކޮމިޝަނަރަށް އިލްތިމާސް ކުރުމުގެ އިޚުތިޔާރު އެފަރާތަކަށް ލިބިގެން ވެއެވެ.

މަޢުލޫމާތު ހާމަކުރުން

ޚަބަރާއި މަޢުލޫމާތުތައް އެންމެ ތާޒާކަންމަތީ މިއިދާރާގެ ވެބުސައިޓުންނާއި މިއިދާރާގެ ފޭސްބުކު ޕޭޖުން ޢާންމު ކުރަމުން ގެންދަމެވެ. އަދި މިއިދާރާއިން ދެމުން ގެންދާ ޚިދުމަތްތަކާއި، ޚިދުމަތް ހޯދުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލް ތަކާއި، ކައުންސިލުން ނިންމާ ނިންމުން ތަކާއި، އަތޮޅުގެ އާބާދީއާއި، ކުރާ އިޢުލާނު ތަކާއި، އިންފޮރމޭޝަން އޮފިސަރގެ މަޢުލޫމާތާއި، މުރާޖާ ކޮމެޓީގެ މަޢުލޫމާތާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގައި ޢަމަލު ކުރަންވީ ގޮތާއި، މިނޫންވެސް ވަރަށްގިނަ މަޢުލޫމާތުތައް މިއިދާރާގެ ވެބުސައިޓުން އެގެން ހުންނާނެއެވެ.

ވެބުސައިޓުގެ އިތުރުން މަޢުލޫމާތުތައް ވީހާ ފުޅާދާއިރާއެއްގައި ޢާންމުންނަށް ފެންނާނޭގޮތް ހެދުމަށްޓަކައި މިމަޢުލޫމާތުތައް މިއިދާރާގެ މައިނޯޓިސްބޯޑު ކަމަށްވާ މިއިދާރާގެ ކައުންޓަރގައި ބަހައްޓާފައި ހުންނަ ޓީ.ވީ މެދުވެރިކޮށް 24 ގަޑިއިރު ޢާންމު ކުރަމުން ގެންދަމެވެ.


Back to top