އަތޮޅުގެ ރަށްރަށް


ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ

ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ ފ.ދަރަނބޫދޫ
ފޯނުނަންބަރު: 6740015
ފެކްސް ނަންބަރު: 6740015
އީމެއިލް: admin@dharanboodhoo.gov.mv
* ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫގެ ތަފާސް ހިސާބު

ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ
ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫގެ ގޫގުލް މެޕް

ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫއަކީ މިއަތޮޅުގައި މީހުން ދިރިއުޅޭ 05 ރަށުގެ ތެރެއިން ވެރިކަންކުރާ ރަށް ނިލަންދުއާއި އެންމެ ގާތަށް އޮންނަ އަތޮޅުގެ އާބާދީ އެންމެ މަދު ރަށެވެ. މިރަށަކީ ފަސްގަނޑު އުސް ކުރީ ޒަމާނުގައި ހުޅަނގު މޫސުމުގައި ފަޅުގަދަ ރަށެކެވެ. މިރަށުގެ މީހުން 1969 ވަނަ އަހަރު މިއަތޮޅު މަގޫދޫއަށް ބަދަލުކުރައްވާ ގޮތަށް ސަރުކާރުން ހަމަޖެއްސެވުމުން އެއިރުތިބި 123 މީހުންގެ ތެރެއިން 89 މީހުން މަގޫދޫއަށް ބަދަލު ވިއެވެ. 34 މީހުން މަގޫދޫއަށް ނުގޮސް ތިއްބެވެ. މަގޫދޫއަށް ބަދަލުވި ދަރަނބޫދޫގެ މީހުން އެނބުރި އެރަށަށް ދިއުމަށް ސަރުކާރުން ހުއްދައެއްވުމުން މަގޫދޫގައި ދިރިއުޅެމުންދިޔަ ދަރަނބޫދޫގެ ގިނަ މީހުން 1977 ވަނަ އަހަރު އެނބުރި ދަރަނބޫދޫއަށް ދިރިއުޅުން ބަދަލުކުރި އެވެ.

ދަރަނބޫދޫ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ވަޒީފާ އަދާކުރުމާއި އަދި ކޮންސްޓްރަކްޝަން މަސައްކަތެވެ. މިރަށުމީހުން ކުރާ މަސްވެރިކަމުގެ ތެރޭގައި ފާނައިގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަމާއި، ދޮށީގެ މަސްވެރިކަން ހިމެނެއެވެ. މިރަށު މީހުން މިހާރު އެންމެ ގިނައިން ކޮށްއުޅެނީ ބޮޑުކަންނެލީގެ މަސްވެރިކަމެވެ. މީގެ އިތުރުން އާމްދަނީ ހޯދުމުގެ ގޮތުން މިރަށުގެ ބައެއް މީސްމީހުން ވިޔަފާރި ކުރުމާއި، ފަންގިވިނުމާއި، ވަޑާންކުރުންފަދަ މަސައްކަތް ކުރެއެވެ.

ފ.ދަރަނބޫދޫ ކައުންސިލްގެ އިދާރާ

މިހާރު ދަރަނބޫދޫ ކައުންސިލްގެ އިދާރާ ހިންގާ ޢިމާރާތަކީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ސަރުކާރުން ޢިމާރާތް ކޮށްދެއްވާފައިވާ ޢިމާރާތެކެވެ. ދަރަނބޫދޫ ކޯޓާއި ރަށްވެހިގެ ހިމެނޭ ގޮތަށް ޢިމާރާތް ކޮށްދެއްވި މިޢިމާރާތް ހުޅުވިފައިވަނީ 12 ނޮވެމްބަރ 1992 ގައެވެ. އޭގެ ކުރިން ދަރަނބޫދޫ އޮފީސް ހިންގަމުން ގޮސްފައިވަނީ އާދައިގެ ގޮތަކަށްހަދާފައިވާ އެރަށުގެ ރައްޔިތުންގެ ޢިމާރާތެއްގައެވެ. ޒަމާނަށް އައި ބަދަލާ ގުޅިގެން އޮފީހުގައިހުރި ރަށްވެހިގެ މިހާރުވަނީ އުވިގެން ގޮސްފައެވެ.

ފ.ދަރަނބޫދޫ ސްކޫލް

01 އޮކްޓޯބަރ 2005 ގައި ދަރަނބޫދޫ ސްކޫލު ސަރުކާރު ސްކޫލަކަށް ބަދަލުކުރެއްވުމާއި ހަމައަށް މިސްކޫލު ހިންގަމުން ގޮސްފައިވަނީ ދަރަނބޫދޫ ރައްޔިތުންގެ ސްކޫލެއްގެ ގޮތުގައެވެ. މިރަށުގެ ރައްޔިތުންގެ އަމިއްލަ މަސައްކަތުން 2006 ވަނަ އަހަރު ސެކަންޑްރީއަށް ކިޔަވައިދޭންފެށި މިސްކޫލުގައި މިހާރު ގްރޭޑް 10 އަށް ކިޔަވައިދެމުން ދެއެވެ. އޭގެ ކުރިން މިސްކޫލުގައި ގްރޭޑް 5 ގެ ފެންވަރަށް އަދި ގްރޭޑް 7 ގެ ފެންވަރަށް އެކި ދުވަސްވަރު ކިޔަވައިދެމުން ގޮސްފައި ވެއެވެ.

ދަރަނބޫދޫ ޞިއްޙީ މަރުކަޒު

ދަރަނބޫދޫގައި ޞިއްޙީ ޚިދުމަތް ދޭން ފުރަތަމަ ފަށާފައިވަނީ ފަރުދީ ގޮތެއްގައި އަމިއްލަ ދިވެހި ބޭސްވެރިއެކެވެ. ދަރަނބޫދޫގައި ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި ޢާއިލާގެ އެހީތެރިޔަކު މެދުވެރިކޮށް ދަރަނބޫދޫ އޮފީހުގައި ޞިއްޙީ ޚިދުމަތް ދޭންފެށީ 02 އޯގަސްޓް 1983 ން ފެށިގެންނެވެ. ދަރަނބޫ އޮފީހުގައި ދެމުން ގެންދިޔަ ޞިއްޙީ ޚިދުމަތް ދަރަނބޫދޫ ރައްޔިތުންގެ އިޖުތިމާޢީ މަރުކަޒަށް ބަދަލުކޮށް ފެމިލީ ހެލްތް ސެކްޝަންގެ ނަމުގައި ޞިއްޙީ ޚިދުމަތް ދޭންފެށީ 2006 ވަނައަހަރުންގެ ފެށިގެންނެވެ.

ދަރަނބޫދޫގައި ޞިއްޙީ ޚިދުމަތް ދިނުމަށް ހެލްތު ޕޯސްޓެއް ޤާއިމުކޮށް ފުރަތަމަ ޚިދުމަތް ދެމުން ގެންދިޔައީވެސް ދަރަނބޫދޫ ރައްޔިތުންގެ އިޖުތިމާޢި މަރުކަޒު ގައެވެ. 12 އޭޕްރީލް 2008 އިން ފެށިގެން ސިއްޙީ ޚިދުމަތް ދެމުންދަނީ އަލަށް އިމާރާތްކުރި ހެލްތު ޕޯސްޓުގައެވެ. ހެލްތު ޕޯސްޓްގެ ނަން ދަރަނބޫދޫ ޞިއްޙީ މަރުކަޒުގެ ނަމަށް ބަދަލު ކުރެއްވީ 21 ފެބްރުވަރީ 2006 ގައެވެ. ދަރަނބޫދޫ ޞިއްޙީ މަރުކަޒުގެ ދިދަ ރަސްމީކޮށް ނަގާފައިވަނީ 01 މާރިޗު 2006 ގައެވެ. މި މަރުކަޒުގައި ޑޮކްޓަރަކާއި ނަރުހެއް ހުރެއެވެ. އަދި އެމްބިއުލާންސްގެ ޚިދުމަތްވެސް މިހާރު ލިބެން ހުރެއެވެ.

ފ.ދަރަނބޫދޫ އިންޖީނުގެ

މިރަށުގައި އެންމެ ފުރަތަމަ ކަރަންޓުގެ ޚިދުމަތް ދޭންފެށީ ރައްޔިތުންގެ ގޮތުން 16 ނޮވެމްބަރ 1984 ގައެވެ. އޭރު ކަރަންޓް ދެމުން ގޮސްފައިވަނީ ވަރަށް އާދައިގެ ގޮތަކަށް ހަވީރު 6:00 ން ރޭގަނޑު 11:00 އަށެވެ. ދަރަނބޫދޫގައި ދެމުން ގެންދިޔަ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުޅާކޮށް 1996 ވަނަ އަހަރުން ފެށިގެން 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ދެމުން ގެންދެއެވެ. ދަރަނބޫދޫގައި ކަރަންޓުގެ ޚިދުމަތް މިހާރު ދެމުން ގެންދަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. ދަރަނބޫދޫއަކީ މިއަތޮޅުގެ ރަށްރަށުގެ ތެރެއިން ފެނެކަ ކޯޕަރޭޝަނަށް ކަރަންޓު ބަދަލުކުރި ފުރަތަމަ ރަށެވެ. ފެނަކަ ކޯޕަރޭޝަންގެ ރީޖަނަލް އޮފީސްވެސް ހުންނަނީ މިރަށުގައެވެ.

ދަރަނބޫދޫ މަސްޖިދުއް ތަޤްވާ މިސްކިތް

އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މުޅިރާއްޖޭގެ މިސްކިތްތައް އެއާރކޯން ކުރުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢުގެ ދަށުން ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އެއާރކޯންކުރި މިސްކިތަކީ މިއަތޮޅު ދަރަނބޫދޫ މަސްޖިދުއް ތަޤްވާ މިސްކިތެވެ.

މި މަޝްރޫޢު ފައްޓަވައި ދެއްވީ 27 މާރިޗު 2019 ވަނަ ދުވަހު ދަރަނބޫދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކު އެފެއާޒު އޮންރަބުލް ޑރ އަޙުމަދު ޒާހިރުއެވެ. މިމަޝްރޫޢުގެ ދަށުން ދަރަނބޫދޫގެ މިމިސްކިތުގައި ހަރުކޮށްފައިވާ އެއާރކޯން ތަކަށް ބޭނުންވާ މިންވަރަށް ކަރަންޓް އުފެއްދުމަށް ބޭނުންވާ ސޯލާޕެނަލް މި މިސްކިތުގެ ފުރާޅުގައި ހަރުކޮށްފައި ވެއެވެ.