ފ.އަތޮޅު ކައުންސިލަށް ލިބިފައިވާ ކާމިޔާބީތައް

2021 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ޕާރފޯމަންސް އިންޑެކްސް އިން 2023 ވަނައަހަރު ލިބުނު ކާމިޔާބީ

2021 ވަނައަހަރުގެ ޕާފޯމަންސް އިންޑެކްސް އިން އަތޮޅުކައުންސިލް ތަކުގެ ބައިން 02 ވަނަ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ހޯދައި އަދި ޕާފޯމަންސްގެ ވަކިވަކި އިންޑެކްސް ތަކުގެ ތެރެއިން ޕާޓިސިޕޭޝަން އިންޑެކްސް އިން 01 ވަނަ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ހޯދާފައި ވެއެވެ.

2022 ވަނައަހަރުގެ ޕާފޯމަންސް އިންޑެކްސް އިން އަތޮޅުކައުންސިލް ތަކުގެ ބައިން ފަޚްރުވެރި 01 ވަނަ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ހޯދައި އަދި ވަކިވަކި އިންޑެކްސް ތަކުގެ ތެރެއިން އިފެކްޓިވްނަސް އިންޑެކްސް އާއި، ސެކިއުރިޓީ އިންޑެކްސް އިންވެސް 01 ވަނަ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ހޯދާފައި ވެއެވެ.

ކޮންމެ އަހަރަކުވެސް އަތޮޅުކައުންސިލް ތަކާއި ރަށުކައުންސިލްތައް ދަރަޖަކޮށް ވަނަވަނައަށް އަންނަ ފަރާތްތަކަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ދެމުން ގެންދާ "ކަންގަތި އެވޯޑް" ގެ ތެރެއިން 2021 ވަނައަހަރު "ގަދަހަމާންތި ދަރަޖަ" އެވޯޑާއި ޕާޓިސިޕޭޝަން އިންޑެކްސްއިން "މާރާދަ" ހަނދާނީ ފިލައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލަށް ލިބިފައިވެއެވެ. އަދި 2022 ވަނައަހަރު "ގަދަހަމާންތި ދަރަޖަ" އެވޯޑާއި ޕާފޯމަންސްގެ ވަކިވަކި އިންޑެކްސް ތަކުގެ ތެރެއިން އިފެކްޓިވްނަސް އިންޑެކްސްއާއި ސެކިއުރިޓީ އިންޑެކްސް އިން "މާރާދަ" ހަނދާނީ ފިލައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލަށް ލިބިފައިވެއެވެ.

2021 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ޕާފޯމަންސް އިންޑެކްސއިން ވަނަވަނައަށްދިޔަ ފަރާތްތަކަށް އެވޯޑާއި ހަނދާނީ ފިލައި ޙަވާލުކޮށްދެއްވީ ލޯކަލްގަވަރމަންޓް އޮތޯރިޓީގެ ފަރާތުން 2023 ޑިސެންބަރު 20 ވަނަ ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި ޙަފްލާގައެވެ. މި ޙަފްލާ ޝަރަފްވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

2022 ވަނައަހަރު ބޭއްވި ޤުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތުން 2023 ވަނައަހަރު ލިބުނު ކާމިޔާބީ

ކީރިތި ޤުރުއާނާބެހޭ މަރުކަޒުން އިންތިޒާމުކޮށްގެން 2022 ވަނައަހަރު ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތުގައި ކީސްޓޭޖު 05 ން ބަލައިގެން ކިޔެވުމުގެ ގޮފިން 03 ވަނަ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލަށް ލިބިފައި ވެއެވެ. ޤުރުއާން މުބާރާތުގައި ދެގޮފިން ޖުމްލަ 22 ދަރިވަރުން ބައިވެރިވި މި މުބާރާތުގައި ވަނަ ހޯދާފައިވަނީ ހަމައެކަނި ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މަލާޒު މުޞްލިޙް މޫސާއެވެ. ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ނަމުގައި ބަިވެރިވި މިމުބާރާތުގައި ބައިވެރިކޮށްފައިވަނީ މިއަތޮޅުގެ ސްކޫލް / މަދަރުސާތަކުގެ ދަރިވަރުންނެވެ.

2021 ވަނައަހަރު ބޭއްވި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުން 2022 ވަނައަހަރު ލިބުނު ކާމިޔާބީ

2021 ވަނައަހަރު ކީރިތި ޤުރުއާނާބެހޭ މަރުކަޒުން އިންތިޒާމުކޮށްގެން ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމަށް 16 މާރިޗް 2022 ދުވަހުގެރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ބައިވެރިކުރި މިއަތޮޅުގެ ސްކޫލް ތަކުގެ ދަރިވަރުންގެ ތެރެއިން 04 ދަރިވަރަކަށް މުބާރާތުގެ ވަނަތައް ލިބިފައި ވެއެވެ. މީގެ އިތުރުން މުބާރާތުގައި ބައިވެރިވި އަތޮޅުކައުންސިލް ތަކުގެ ބައިންނާއި، މުބާރާތުގައި ބައިވެރިވި ހުރިހާ މުވައްސަސާތަކުގެ ބައިން ފަޚްރުވެރި 01 ވަނަ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލަށް ލިބިފައިވެއެވެ.

މި މުބާރާތުގައި އަތޮޅުކައުންސިލް ތަކުގެ ބައިން ޢުމުރު ފުރާތަކުން 15 އަހަރުން ދަށުން ނުބަލައި ކިޔެވުމުން 01 ވަނަ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ފ.ނިލަންދޫ ފިނިފެންމާގޭ މަރްޔަމް ނައުހާ ނަސީމު ހޯދާފައިވާއިރު، 15 އަހަރުން ދަށުން ނުބަލައި ކިޔެވުމުން 03 ވަނަ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ފ.ނިލަންދޫ ހިޔާ އަމަތުﷲ ޢަބްދުﷲ އަޙްމަދު ހޯދާފައި ވެއެވެ.

އަތޮޅުކައުންސިލް ތަކުގެ ބައިން 12 އަހަރުން ދަށުން ނުބަލައި ކިޔެވުމުން 02 ވަނަ ހޯދާފައިވަނީ ފ.އަތޮޅު މަދަރުސާގެ ދަރިވަރު ފ.ފީއަލީ ޖަވާހިރުމާގޭ ރިވާ ޖަލީލުއެވެ. އަތޮޅުކައުންސިލް ތަކުގެ ބައިން 15 އަހަރުން ދަށުން ބަލައިގެން ކިޔެވުމުން 02 ވަނަ ހޯދާފައިވަނީ ފ.އަތޮޅު މަދަރުސާގެ ދަރިވަރު ފ.ފީއަލީ ނަދީލާ މަންޒިލް ޢާއިޝަތު ޔާނާ އަޙްމަދެވެ.

އަތޮޅުކައުންސިލް ތަކުގެ ބައިން މުޅި މުބާރާތުން ނުބަލައި ކިޔެވުމުން 02 ވަނަ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ފ.ނިލަންދޫ ފިނިފެންމާގޭ މަރްޔަމް ނައުހާ ނަސީމް ހޯދާފައިވާއިރު، އަތޮޅުކައުންސިލް ތަކުގެ ބައިން މުޅި މުބާރާތުން ބަލައިގެން ކިޔެވުމުން 03 ވަނަ ފ.އަތޮޅު މަދަރުސާގެ ދަރިވަރު ފ.ފީއަލީ ނަދީލާ މަންޒިލް ޢާއިޝަތު ޔާނާ އަޙްމަދު ހޯދާފައި ވެއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅުކައުންސިލަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމާއި ޙަވާލުވެލެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު އިބްރާހީމެވެ.

2019 ވަނަ އަހަރުގެ ޕާރފޯމަންސް އިންޑެކްސް އިން 2021 ވަނައަހަރު ލިބުނު ކާމިޔާބީ

2019 ވަނައަހަރުގެ ޕާފޯމް އިންޑެކްސް އިން އަތޮޅުކައުންސިލް ތަކުގެ ބައިން 03 ވަނަ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ހޯދާފައި ވެއެވެ. މިކަން އިޢުލާން ކޮށްފައިވަނީ މިއަހަރުގެ ލާމަރުކަޒީ ދުވަސްކަމަށްވާ 26 ފެބްރުވަރީ 2021 ވަނަ ދުވަހު ކައުންސިލް ތަކުގެ ރޭންކިންގ އިޢުލާން ކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ބޭއްވި ޚާއްޞަ ޖަލްސާގައެވެ.

2019 ވަނައަހަރުގެ ޕާފޯމަންސް އިންޑެކްސްއިން އަތޮޅުކައުންސިލްތަކުގެ ބައިން 03 ވަނަ ލިބިފައިވާތީ ލޯކަލް ގަވަރމަންޓް އޮތޯރިޓީން ދެއްވާ ގަދަހަމާންތި ދަރަޖަ އެވޯޑް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލަށް ލިބިފައި ވެއެވެ.

ދައުލަތުގެ އިދާރާތައް ދަރަޖަ ކުރުމުގެ ބައިން 2018 ވަނައަހަރު ލިބުނު ކާމިޔާބީ

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން 2018 ވަނައަހަރު މަޢުލޫމާތު ހާމަކޮށްފައިވާ މިންވަރު ބެލުމަށް ދައުލަތުގެ އިދާރާތައް ދަރަޖަ ކުރިއިރު، ދެވަނަ ދަރަޖަ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ވެބްސައިޓަށް ލިބިފައި ވެއެވެ.

ދައުލަތުގެ އިދާރާތައް ދަރަޖަ ކޮށްފައިވާގޮތް އިޢުލާނު ކޮށްފައިވަނީ މަޢުލޫމާތު ހާމަކުރުމުގެ ރަންވަނައަށް ހޮވުނު ފަރާތްތަކަށް އެވޯޑު ދިނުމަށް އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހުން 25 ސެޕްޓެންބަރ 2018 ވަނަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތު ގައެވެ.


2016 ވަނަ އަހަރުގެ ޕާރފޯމަންސް އިންޑެކްސް އިން 2018 ވަނައަހަރު ލިބުނު ކާމިޔާބީ

2016 ވަނަ އަހަރުގެ ޕާފޯމަންސް އިންޑެކްސް އިން އަތޮޅު ކައުންސިލް ތަކުގެ ރޭންކުން އެންމެ ރަގަނޅު 05 ކައުންސިލްގެ ތެރޭގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް ހިމެނިފައި ވެއެވެ. އެގޮތުން 03 އިންޑެކްސްއިން 01 ވަނަ ލިބި 03 އެވޯޑް ލިބިފައި ވެއެވެ. އެގޮތުން؛

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ޢަމަލުކުރާ މިންވަރު ދައްކުވައިދޭ ސަބު އިންޑެކުސްގެ ބައިން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން 01 ވަނަ ހޯދާފައިވާތީ ލޯކަލް ގަވަރމަންޓް އޮތޯރިޓީން ދެއްވާ "މާރާދަ" ހަނދާނީ ފިލައި ލިބިފައި ވެއެވެ.

ސެކިއުރުޓީ ސަބުއިންޑެކުސްގެ ބައިން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން 01 ވަނަ ހޯދާފައިވާތީ ލޯކަލް ގަވަރމަންޓް އޮތޯރިޓީން ދެއްވާ "މާރާދަ" ހަނދާނީ ފިލައި ލިބިފައި ވެއެވެ.

ކުރީއަހަރުގެ ނަތީޖާއާއި އަޅާބަލާއިރު އެންމެބޮޑު ކުރިއެރުމުގެ ބައިން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން 01 ވަނަ ހޯދާފައިވާތީ ލޯކަލް ގަވަރމަންޓް އޮތޯރިޓީން ދެއްވާ "ކާންނާ" ހަނދާނީ ފިލައި ލިބިފައި ވެއެވެ.

ހަނދާނީ ފިލައި ލިބިފައިވަނީ ކަންގަތި އެވޯޑު ދިނުމަށް ލޯކަލް ގަވަރމަންޓު އޮތޯރިޓީން 25 މާރިޗު 2018 ވަނަ ދުވަހުގެރޭ މާލެއަތޮޅު ގުރައިދޫ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައެވެ.