އަތޮޅު ކައުންސިލްގެ މަސްއޫލިއްޔަތާއި ބާރުތައް

01- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން އެ އިދާރީ ދާއިރާއެއް ހިންގައި، އެ ދާއިރާ ތަރައްޤީ ކުރުމަށް މަސައްކަތް ކުރުން.

02- ރައްޔިތުންގެ ބައިވެރި ވުމާއެކު، ރަށްރަށުގެ ތަރައްޤީގެ ޕްލޭން ތަކަށާއި މުޅި އިދާރީ ދާއިރާގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ކަމާބެހޭ ފަރާތްތަކަށް ދިނުން.

03- ރަށުކައުންސިލުން ހިންގާ ޙަރަކާތްތައް ވިލަރެސް ކުރުމާއި އެ ކައުންސިލްތައް ހިންގާ ނުހިނގާގޮތް ބެލުން.

04- މި ޤާނޫނުގެ ދަށުން އަތޮޅު ކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެކައުންސިލެއްގެ އިޚްތިޞާޞްގައި ހިމެނޭ ކަންތައްތައް ތަންފީޒު ކުރުމަށް ބޭނުންވާ ޕްލޭންތައް ހެދުމާއި، ބަޖެޓް ތައްޔާރު ކުރުމާއި، ތަރައްޤީގެ މަޝްރޫޢުތައް ރަށުކައުންސިލް ތަކުން ތަންފީޒު ކުރުމުގެ ކަންތައް ހިނގާ ނުހިނގާގޮތް ބަލައި، އިދާރީ ދާއިރާގެ ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައެޅުމާއި އެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި އެއާގުޅޭ ޤަވާޢިދު ހެދުން.

05- އިދާރީ ދާއިރާގައި ދިރިއުޅޭ ރައްޔިތުންގެ ނަމުގައި މި ޤާނޫނުގެ ދަށުން ނިންމަންޖެހޭ ކަންކަން ނިންމުން.

06- އިދާރީ ދާއިރާގެ ރައްޔިތުންގެ މާލިއްޔަތާއި އެންމެހައި ވަސީލަތްތައް ބެލެހެއްޓުން.

07- ރަށު ރައްޔިތުންގެ މާލިއްޔަތާއި އެންމެހާ ވަސީލަތްތައް ބެލެހެއްޓުން.

08- މިޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން، އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި ދިނުމާއި، މިފަދަ ތަންތަނުގައި އިންވެސްޓް ކުރުމާއި އަދި މި އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކް ކުރުން. (09 ވަނަ އިސްލާޙުން މި މިމާއްދާ އިސްލާޙް ކޮށްފައި)

09- އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނޫފުލޭ މުދާ ހޯދުމާއި މިލްކް ކުރުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ މިފަދަ ތަކެތި، މި ޤާނޫނުގެ ދަށުންހެދޭ ޤަވާޢިދުގައިވާ ގޮތުގެމަތީން، އެހެން ފަރާތްފަރާތަށް ކުއްޔަށް ދިނުމާއި ދޫކުރުން.

10- ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި އެފަދަ ތަރަނިތަކުގެ ޙިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ޙައްޤުތަކާއި މަސްލަޙަތު ތަކާއި މިލްކިއްޔާތުތައް ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި، ތަފާތު އެކިކަންކަމަށް ފަންޑް އުފެއްދުން.

11- ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް މި ޤާނޫގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މުނިސިޕަލް ބޮންޑާއި، ބިލާއި މުނިސިޕަލް ސެކިއުރިޓީ ފަދަ އެކިއެކި މާލީ ސެކިއުރިޓީތައް އެކަށައަޅައި، އެފަދަ ސެކިއުރިޓީތައް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ވިއްކުން.

12- އިދާރީ ދާއިރާގެ ފެންވަރުގައި ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކިފަރާތްތަކާއެކު އެގްރީމެންޓްކޮށް ވިޔަފާރީގެ މުޢާމަލާތު ކުރުން.

13- ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތީން އެ އިދާރީ ދާއިރާއެއްގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި އެހެނިހެން ސިނާޢަތުތައް ކުރިއެރުވުމަށް އެހީތެރިވެދީ މަސައްކަތްކުރުން.

14- އަތޮޅު ކައުންސިލުން ދޭ ޚިދުމަތްތަކާއި ކައުންސިލް މެދުވެރިވެގެން ދޭ ޚިދުމަތްތަކަށް މި ޤާނޫނުގެ ދަށުން ހޭދޭ ޤަވާއިދާ އެއްގޮތްވާ ގޮތުގެމަތީން ފީ ކަނޑައެޅުމާއި، ފީ ނެގުން.

15- މި ޤާނޫނުގައި ބުނެފައިވާ ރިޕޯޓްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

16- ކައުންސިލްގެ މެންބަރުން ބަދަލުވާ ޙާލަތް ތަކުގައާއި ކައުންސިލްގެ ނަން ބަދަލުވާ ޙާލަތްތަކުގައި ކުރީގެ ކައުންސިލުން ކޮށްފައިވާ ކަންކަމަށް ޒިންމާ އުފުލުން.

17- ކައުންސިލަށް ނިސްބަތްވާ ސިއްކަ ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓްރީ ކުރުމަށްފަހު ބޭނުންކުރުން.

18- ރަށުކައުންސިލްގެ އިދާރާ ހިންގުން.

19- ޤާނޫނަކުން ކަނޑައަޅާ މިނޫންވެސް ކަންކަންކުރުން.

20- ރަށުކައުންސިލްތަކުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބެލުން.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2010) އަށް 15 ޑިސެންބަރ 2019 ގައި ގެނައި 08 ވަނަ އިޞްލާޙުން އިތުރުވި ކަންތައްތައް

21- ޤައުމީ ތަރައްޤީގެ އޮނިގަނޑު އެކުލަވާ ލުމުގައި ސަރުކާރުގެ ވުޒާރާތަކަށް ދޭންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން

22- ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާ އުޞޫލެއްގެ ދަށުން ސިޓީ ކައުންސިލާއި ރަށުކައުންސިލްގެ އިޚްތިޞާޞްގައި ނުހިމެނޭ ފަޅުރަށްރަށް، ބެލެހެއްޓުމަށާއި އިޤްތިޞާދީ ބޭނުންތަކަށް ބޭނުން ކުރުމަށްޓަކައި އެ އިދާރީ ދާއިރާގައިހިމެނޭ ރަށުކައުންސިލް ތަކާއި ސިޓީ ކައުންސިލްތަކާ ޙަވާލުކުރުން

23- ކައުންސިލްގެ މަޤްޞަދުތައް ޙާޞިލްކުރުމަށް ނިންމާ ނިންމުންތަކާއި ހިންގާ ޙަރަކާތްތައް ހިނގާ ނުހިނގާގޮތް ބަލައި، ރަގަނޅު ކުރަންޖެހޭ ކަންކަން ރަގަނޅު ކުރުމަށް މަސައްކަތް ކުރުން

24- ކައުންސިލްގެ ސިޔާސަތުތައް ކަނޑައެޅުމާއި، އެ ސިޔާސަތުތަކާގުޅޭ އުޞޫލްތަކާއި ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ ޤަވާޢިދުތައް ހަދައި ފާސްކޮށް އެ ޤަވާޢިދުތަކާ އުޞޫލްތައް ތަންފީޒްކުރުން (09 ވަނަ އިސްލާޙުން މި މިމާއްދާ އިސްލާޙް ކޮށްފައި)

25- ދައުލަތުގެ މުވައްސަސާތަކާއި ސަރުކާރުގެ އިދާރާތަކާއި އެކިއެކި ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި ކައުންސިލާ ދެމެދު ގުޅުން ޤާއިމްކުރުން

26- މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާ ހިނދަކު، އަތޮޅުކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާގައި ހިމެނޭ އެންމެހައި ފަޅުރަށްތަކާއި ފަޅުތަކުގެ ތެރެއިން، ރަށުކައުންސިލާއި، ސިޓީ ކައުންސިލްގެ އިޚްތިޞާސްގެ ތެރޭގައި ނުހިމެނޭ އެންމެހައި ފަޅުރަށްތަކާއި ފަޅުތަކުގެ މިލްކުވެރި ފަރާތަކީ ދައުލަތެވެ.

27- އަތޮޅުކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާގެ ތެރޭގައި ހިމެނޭ އެންމެހައި ފަޅުރަށްތަކާއި ފަޅުތައް، ސަރުކާރުގެ އެއްވެސް އިދާރާއަކުން ބޭނުން ކުރަންވާނީ ނުވަތަ ތަރައްޤީ ކުރަންވާނީ ނުވަތަ އެހެން ފަރާތަކަށް ކުއްޔަށް ނުވަތަ ވަރުވާއަށް ދޫކުރަންވާނީ އަތޮޅުކައުންސިލާ މަޝްވަރާ ކުރުމަށްފަހުއެވެ.

28- އަތޮޅުކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާގައި ހިމެނޭ ފަޅުރަށްތަކާއި ފަޅުތަކުގެ ތެރެއިން، ސިޓީ ކައުންސިލާއި ރަށުކައުންސިލްގެ އިޚްތިޞާޞްގައި ނުހިމެނޭ ފަޅުރަށްރަށް، ބަލަހައްޓާނީ އަތޮޅުކައުންސިލުންނެވެ. އަދި އިޤްތިޞާދީ ބޭނުންތަކަށް ބޭނުން ކުރުމަށްޓަކައި އެ އިދާރީ ދާއިރާގައި ހިމެނޭ ފަޅުރަށެއް ނުވަތަ ފަޅެއް އެ އިދާރީ ދާއިރާއެއްގައި ހިމެނޭ ރަށުކައުންސިލަކާއި ނުވަތަ ސިޓީ ކައުންސިލަކާއި ޙަވާލު ކުރަންވާނީ ސަރުކާރުން އެކަމަށް ކަނޑައަޅާ ވުޒާރާގެ ހުއްދަ ލިއުމުން ހޯދުމަށްފަހުއެވެ. (09 ވަނަ އިސްލާޙުން މި މިމާއްދާ އިސްލާޙް ކޮށްފައި)

29- މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދުމަށް ކައުންސިލުން އެދޭ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ލިއުމުން ޖަވާބު ދޭންވާނެއެވެ. އަދި ސަރުކާރުން ނުވަތަ އަތޮޅުކައުންސިލުން އެދޭ ހުއްދަ ސަރުކާރުގެ އެއްވެސް އިދާރާއަކުން ނުދޭން ނިންމާނަމަ، އެކަމުގެ ސަބަބުތައް އެލިއުމުގައި ބަޔާން ކުރަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ވަކިޖަވާބެއް ނުލިބޭނަމަ، އެދިފައިވާ ހުއްދައެއް ލިބުނީކަމުގައި ބެލެވޭނެއެވެ.

30- އަތޮޅުކައުންސިލްގެ ބާރުހިނގާ ދާއިރާގެ ތެރޭގައި ހިމެނޭ އެންމެހައި ފަޅުރަށްތަކާއި ފަޅުތަކާ ގުޅޭގޮތުން އަތޮޅުކައުންސިލާއި ސަރުކާރުން މި މާއްދާގެ ދަށުން ނިންމާ ނިންމުންތައް ވާންވާނީ އަތޮޅުގެ ރައްޔިތުންގެ ލާބަޔަށް އިސްކަންދީގެން ނިންމާ ނިންމުންތަކެއް ކަމުގައެވެ.