ކައުންސިލުން ހިންގާ ޙަރަކާތްތައް

2024 ވަނައަހަރު އަތޮޅު ކައުންސިލުން ހިންގި މުހިންމު ޙަރަކާތްތައް

02- މިއަތޮޅުގެ ތިން ރަށުކައުންސިލަކަށް ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުން

މިއަތޮޅު ފީއަލީ ކައުންސިލް އިދާރާގެ 2023 ވަނަ އަހަރުގެ މާލީ ބަޔާންތައްޔާރު ކުރުމުގައި ދިމާވެފައިވާ މައްސަލަ ޙައްލު ކުރުމާއި، ފައިސާގެ މަސައްކަތްކުރާ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ދިނުމަށް 2024 ފެބްރުވަރީ 14 އިން 17 އަށް ފީއަލީ ކައުންސިލް އިދާރާގައި މަސައްކަތް ކުރެވިފައި ވެއެވެ. ފީއަލީ ކައުންސިލް އިދާރާގައި ކުރި މަސައްކަތް ތަކުގެ ތެރޭގައި 2023 ވަނަ އަހަރުގެ މާލީ ބަޔާން ތައްޔާރު ކުރުމުގައި ދިމާވެފައިވާ މައްސަލަތައް ހޯދައި، އެ އަހަރުގެ މާލީބަޔާން އެއްކޮށް ފުރިހަމަ ކޮށްދިނުމާއި، ހިސާބުތައް ބެލެހެއްޓުމުގައި ހުރި އޮޅުންތައް ސާފުކޮށްދިނުމާއި، ފައިސާގެ މަސައްކަތްކުރާ މުވައްޒަފުންނަށް މާލީބަޔާން ފުރިހަމަ ކުރުމުގައި ކުރަންޖެހޭ މުހިންމު ކަންތައްތަކާއި، ހިސާބުތައް ބެލެހެއްޓުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތަމްރީނުތައް ދެވިފައި ވެއެވެ.

މިއަތޮޅު ދަރަނބޫދޫ ކައުންސިލް އިދާރާގެ ވެބްސައިޓް ބެލެހެއްޓުމާބެހޭ ތަމްރީނު އެ ކައުންސިލްގެ މުވައްޒަފުންނަށް ދިނުމާއި ދަރަނބޫދޫ ކައުންސިލް އިދާރާގެ 2023 ވަނަ އަހަރުގެ މާލީ ބަޔާން ޗެކްކުރުމާއި، ފައިސާގެ މަސައްކަތްކުރާ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ދިނުމަށް 2024 ފެބްރުވަރީ 22 އިން 24 އަށް ދަރަނބޫދޫ ކައުންސިލް އިދާރާގައި މަސައްކަތް ކުރެވިފައި ވެއެވެ. ދަރަނބޫދޫ ކައުންސިލް އިދާރާގައި ކުރި މަސައްކަތް ތަކުގެ ތެރޭގައި ދަރަނބޫދޫގެ ވެބްސައިޓް ބެލެހެއްޓުމުގެ ތަމްރީނުތައް މުވައްޒަފުންނަށް ދިނުމާއި، ވެބްސައިޓަށް ލާންޖެހޭ ލިއުންތައްލައި ވެބްސައިޓް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރުމާއި، ދަރަނބޫދޫ ކައުންސިލް އިދާރާގެ 2023 ވަނަ އަހަރުގެ މާލީ ބަޔާން ޗެކްކޮށް، މާލީ ބަޔާނުގައި ހުރި މައްސަލަތައް ފާހަގަކޮށް، ރަގަނޅު ކުރެވެންހުރި ކަންތައްތައް ރަގަނޅު ކޮށްދިނުމާއި، މާލީ ބަޔާނުގައި ހުރި މައްސަލަތައް ރަގަނޅު ކުރާނެގޮތްތައް މުވައްޒަފުންނަށް ބުނެދިނުމާއި، މާލީބަޔާން ފުރިހަމަ ކުރުމުގައި ކުރަންޖެހޭ މުހިންމު ކަންތައްތަކާއި، ހިސާބުތައް ބެލެހެއްޓުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތަމްރީނުތައް ދެވިފައި ވެއެވެ.

ފ. މަގޫދޫ ކައުންސިލް އިދާރާގެ ފައިސާގެ ހިސާބުތައް ހަރުދާނާކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި، ފައިސާގެ މަސައްކަތްކުރާ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ދިނުމަށް 2024 ފެބްރުވަރީ 28 އިން 2024 މާރިޗު 03 އަށް ފ. މަގޫދޫ ކައުންސިލް އިދާރާގައި މަސައްކަތް ކުރެވިފައި ވެއެވެ. މަގޫދޫ ކައުންސިލް އިދާރާގައި ކުރި މަސައްކަތްތަކުގެ ތެރޭގައި 2024 ޖަނަވަރީ، ފެބްރުވަރީ މި ދެމަހު ބެންކް އެކައުންޓަށް ޖަމާކުރި ފައިސާގެ ތެރެއިން ރަސީދު ނުހަދައި ހުރި ފައިސާގެ ހިސާބުތައް ވަކިކޮށް، ލިބޭފައިސާގެ ދުވަހުފޮތް ތައްޔާރުކޮށްދީ 2024 ޖަނަވަރީ، ފެބްރުވަރީ މަހުގެ ލިބުނު ހުރިހާ ފައިސާއެއް ދުވަހުފޮތަށް އަރުވައި، ލިބުނު ފައިސާގެ 2024 ޖަނަވަރީ، ފެބްރުވަރީ މަހުގެ މަސްދުވަހުގެ ރިޕޯޓާއި، ލިބުނު ފައިސާގެ މި ދެމަހުގެ ޢާންމުކުރާ ރިޕޯޓާއި، ލިބުނު ފައިސާގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ތައްޔާރުކޮށް، ރިޕޯޓްތަކަށް އަރުވަންޖެހޭ ހިސާބުތައް އަރުވައި ހިސާބުތައް ފުރިހަމަކޮށް، 2024 ވަނަ އަހަރުގެ އައިޓަމްތަކުގެ ބާކީއާއި، އެކައުންޓްބާކީއާއި ރިކޮންސިލިއޭޝަން ސްޓޭޓްމަންޓްގެ ހިސާބުތައް ފުރިހަމަ ކުރުމަށް ބޭނުންވާ ނަމޫނާ ތައްޔާރުކޮށް، އެ ހިސާބުތައް ފުރިހަމަ ކުރަންޖެހޭ ގޮތުގެ މަޢުލޫމާތާއި، ވިޔަމޮޑިއުލްގެ ތެރެއިން މަސައްކަތްތައް ކުރަންޖެހޭ ގޮތުގެ މަޢުލޫމާތުތައް މުވައްޒަފުންނަށް ދީ މިކަންކަމަށް މުވައްޒަފުން އަހުލުވެރި ކުރުވުމުގެ މަސައްކަތްތައް ކުރެވިފައި ވެއެވެ.

މި ރަށްރަށުގައި ކުރި މަސައްކަތްތައް ކޮށްފައިވަނީ މިއިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އަޙްމަދު ރަފީޢު އެވެ.

01- ކައުންސިލްތަކުގެ މުވައްޒަފުންނަށް މާލީ ބަޔާން ތައްޔާރު ކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މިއަތޮޅުގެ ކައުންސިލް ތަކުގެ މުވައްޒަފުންނަށް މާލީ ބަޔާން ތައްޔާރު ކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

2024 ފެބްރުވަރީ 04 އިން 07 އަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައި ކުރިއަށް ގެންދިޔަ މިތަމްރީނު ޕްރޮގްރާމްގައި ފީއަލީ ކައުންސިލުން 01 މުވައްޒަފަކު، ދަރަނބޫދޫ ކައުންސިލުން 03 މުވައްޒަފަކު، ނިލަންދޫ ކައުންސިލުން 01 މުވައްޒަފަކު އަދި އަތޮޅު ކައުންސިލުން 02 މުވައްޒަފަކު ޖުމްލަ 07 މުވައްޒަފުން ބައިވެރިވެ ތަމްރީނު ފުރިހަމަ ކޮށްފައި ވެއެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ފުރިހަމަކުރި މުވައްޒަފުންނަށް ހަނދާނީލިއުން ދީފައި ވެއެވެ. ހަނދާނީ ލިއުން ޙަވާލު ކޮށްދެއްވީ އަތޮޅު ކައުންސިލްގެ ނައިބްރައީސް ޢަބްދުﷲ ވަޙީދެވެ.

މާލީ ބަޔާން ރަގަނޅު ފެންވަރުގައި ތައްޔާރު ކުރުމަށް 2021 ވަނަ އަހަރުން ފެށިގެން ނިލަންދެއަތޮޅު އުތުބުރީ އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން ކައުންސިލް ތަކުގެ ވަރަށްގިނަ މުވައްޒަފުން މިހާރުވަނީ ތަމްރީނު ކޮށްފައެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ މި މަސައްކަތުގެ ތެރެއިން 2022 ވަނަ އަހަރަކީ މިއަތޮޅުގެ ހުރިހާ ރަށެއްގެ ރަށުކައުންސިލް އިދާރާތަކުގެ މާލީ ބަޔާން އަތޮޅުކައުންސިލަށް ލިބުނު ފުރަތަމަ އަހަރެވެ.


Back to top