މާލީބަޔާން ތައްޔާރުކުރަން ދަސްކޮށްދިނުމުގެ ތަމްރީނު ޕުރޮގުރާމެއް އަތޮޅުކައުންސިލުން ހިންގައިފި

18 ޖޫން 2019


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން އިސްނަގައިގެން ނިލަންދެއަތޮޅު އުތުރުބުރީގެ ރަށުކައުންސިލް ތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން މާލީބަޔާން ތައްޔާރު ކުރަން ދަސްކޮށްދިނުމުގެ ތަމްރީނު ޕުރޮގުރާމެއް 2019 ޖޫން 16 އިން 17 އަށް ހިންގައިފިއެވެ.

ރަށުކައުންސިލް ތަކުގެ މުވައްޒަފުންނަށް މާލީބަޔާން ތައްޔާރުކުރަން ދަސްކޮށްދިނުމުގެ ތަމްރީނު ޕުރޮގުރާމެއް ހިންގުމުގެ ބޭނުމަކީ، މާލީބަޔާން ތައްޔާރު ކުރުމުގެ ހުނަރުވެރިކަމާއި ޤާބިލުކަން ރަށުކައުންސިލް ތަކުގެ މުވައްޒަފުންގެ ކިބައިގައި އުފައްދައި، ހުރިހާ ރަށުކައުންސިލް ތަކުންވެސް 2019 ވަނައަހަރުން ފެށިގެން މާލީބަޔާން ތައްޔާރުކުރަންޖެހޭ ހަމަތަކާ އުޞޫލްތަކާއެއްގޮތަށް ތައްޔާރުކޮށް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވަންޖެހޭ މުއްދަތުގައި ފޮނުވުމަށް މަގުފަހި ކުރުމެވެ.

މިތަމްރީނު ޕުރޮގުރާމްގައި ރަށުކައުންސިލް އިދާރާތަކުން 07 މުވައްޒަފުން އަދި އަތޮޅުކައުންސިލްގެ އިދާރާއިން 02 މުވައްޒަފުންނާއެކު ޖުމްލަ 09 މުވައްޒަފުން ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައި ވެއެވެ. ތަމްރީނު ފުރިހަމަކުރި މުވައްޒަފުންނަށް ސެޓުފިކެޓު ޙަވާލުކޮށްދެއްވީ މިކަމަށްޓަކައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގެ ކޮންފަރެންސްހޯލްގައި 18 ޖޫން 2019 ވަނަދުވަހު ބޭއްވި ރަސްމިއްޔާތުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ނައިބުރައީސް އަލްފާޟިލް މަޙުމޫދު އަޙުމަދެވެ.

ރަށުކައުންސިލް އިދާރާތަކުގެ މުވައްޒަފުންނަށް މާލީބަޔާން ތައްޔާރުކުރަން ދަސްކޮށް ދިނުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ހިންގި ތަމްރީނު ޕުރޮގުރާމަކީ ކައުންސިލުން އިސްނަގައިގެން ހިންގި ފުރަތަމަ ޕުރޮގުރާމެވެ.