އަތޮޅު ތެރޭގެ ޙާލަތު ބެލުމަށް އަތޮޅު ކައުންސިލުން ފެއްޓެވި މަސައްކަތް ނިންމަވާލައްވައިފި

28 ޖަނަވަރީ 2019


އަތޮޅުތެރޭގެ ޙާލަތު ބެލުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ފެއްޓެވި މަސައްކަތް މިއަދު ނިންމަވާ ލައްވައިފިއެވެ.

އަތޮޅު ތެރޭގެ ޙާލަތު ބެލުމަށް އަތޮޅު ކައުންސިލުން ކުރިއަށް ގެންދެވި މަސައްކަތުގައި 27 ޖަނަވަރީ 2019 ވަނަ ދުވަހު ނިލަންދޫ ކައުންސިލާއި، ފ.އަތޮޅު ތަޢުލީމީ މަރުކަޒާއި، ފ.ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ބޭފުޅުންނާއި، ނިލަންދޫ ކައުންސިލަށް ލަފާދޭ ކޮމެޓީއާއި، ނިލަންދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ކުލަބު ޖަމްޢިއްޔާތަކުގެ މެންބަރުންނާ ބައްދަލު ކުރައްވައި، ނިލަންދޫގެ ރައްޔިތުންނަށް މިވަގުތަށް ބޭނުންވާ ކަންތައްތަކާއި، ރައްޔިތުންނަށް ޚިދުމަތްތައް ދިނުމުގައި ދިމާވާ ދަތިތަކާއި ހުރި ކަންބޮޑުވުންތަކުގެ މަޢުލޫމާތު ހޯއްދަވާފައި ވެއެވެ.

އެތަންތަނުގެ އިތުރުން 28 ޖަނަވަރީ 2019 ވަނަ ދުވަހު ފ.އަތޮޅު ހޮސްޕިޓަލުގެ ބޭފުޅުންނާއި، ފ.ނިލަންދޫ ޒުވާނުންގެ މަރުކަޒުގެ ބޭފުޅުންނާއި އަތޮޅު ކައުންސިލުން ބައްދަލު ކުރައްވައި، އެތަންތަނަށް މިވަގުތަށް ބޭނުންވާ ކަންތައްތަކާއި، އެކަންތައްތައް ކުރިއަށް ގެންދިއުމުގައިހުރި ދަތިތަކާއި، ރައްޔިތުންނަށް ޚިދުމަތްތައް ދިނުމުގައި ދިމާވާ ދަތިތަކުގެ މަޢުލޫމާތު ހޯއްދަވާފައި ވެއެވެ.

އަތޮޅު ތެރޭގެ ޙާލަތު ބެލުމަށް އަތޮޅު ކައުންސިލުން ކުރި މިދަތުރުގެ ބޭނުމަކީ ރަށުކައުންސިލް ތަކުންނާއި، ތަޢުލީމީ ދާއިރާއިން އަދި ޞިއްޙީ ދާއިރާއިން ރައްޔިތުންނަށް ޚިދުމަތްތައް ދިނުމުގައި ދަތިވާ ކަންތައްތަކާއި ހުރި ކަންބޮޑުވުން ތަކުގެ މަޢުލޫމާތު އޮޅުންފިލުވައި، އެކަންތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ހަމައަށް ގެންގޮސްގެން ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކާއި، އެތަންތަނުން ރައްޔިތުންނަށް ޚިދުމަތްތައް ދިނުމުގައި ދިމާވަމުންދާ ދަތިތަކަށް ޙައްލެއް ހޯދައި ދިނުމަށް މަސައްކަތް ކުރުމެވެ.

މިދަތުރުގައި އަތޮޅުކައުންސިލުން 2019 ވަނައަހަރު ކުރިއަށް ގެންދިއުމަށް ރާއްވަވާފައިވާ ކަންކަމުގެ މަޢުލުމާތު އޮޅުން ފިލުވައިދީ، ކައުންސިލް ތަކުންނާއި، ދާއިރާތަކުން އަދި ކުލަބު ޖަމްޢިއްޔާ ތަކުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ކުރައްވާ ކަންތައްތަކުގައި އަތޮޅު ކައުންސިލުން އެހީތެރިވެ ދިނުމަށްއެދޭ ކަންތައްތަކުގެ މަޢުލޫމާތުވެސް އޮޅުން ފިލުވާފައި ވެއެވެ.

ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ބޭފުޅުނާއި ބައްދަލު ކުރުމުގެ ތެރެއިން
ނިލަންދޫ ކައުންސިލާއި، ކޮމެޓީތަކާއި، ޖަމްޢިއްޔާތަކުގެ ބޭފުޅުންނާއި ބައްދަލު ކުރުމުގެ ތެރެއިން
ނިލަންދޫ ކައުންސިލާއި، ކޮމެޓީތަކާއި، ޖަމްޢިއްޔާތަކުގެ ބޭފުޅުންނާއި ބައްދަލު ކުރުމުގެ ތެރެއިން
ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ބޭފުޅުންނާއި ބައްދަލު ކުރުމުގެ ތެރެއިން
ނިލަންދޫ ޒުވާނުންގެ މަރުކަޒުގެ ބޭފުޅުންނާއި ބައްދަލު ކުރުމުގެ ތެރެއިން
ފ.އަތޮޅު ހޮސްޕިޓަލުގެ ބޭފުޅުންނާއި ބައްދަލު ކުރުމުގެ ތެރެއިން