މޯލްޑިވްސް ކުލީން އެންވަޔަރަންމަންޓު ޕްރޮޖެކްޓާބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

17 ޖަނަވަރީ 2019


ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ޙައްލު ކުރުމަށްޓަކައި ވޯލްޑު ބޭންކުގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ކުރިއަށް ގެންދާ މޯލްޑިވްސް ކުލީން އެންވަޔަރަންމަންޓު ޕްރޮޖެކްޓުގެ މަޝްރޫޢާބެހޭ ގޮތުން މިއަތޮޅުގައި ބޭއްވުމަށް ހަމަޖައްސަވާފައިވާ ބައްދަލުވުން 16 ޖަނަވަރީ 2019 ވަނަ ދުވަހު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައި ބާއްވާފައިފިއެވެ. މި ބައްދަލުވުމުގައި މިއަތޮޅު ބިލެއްދޫ ފިޔަވައި އެހެން ކޮންމެ ރަށަކުން ދެބޭފުޅުން ބައިވެރި ވެފައި ވެއެވެ.

މި ބައްދަލުވުން ފައްޓަވައި ދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރު ޒާހިރެވެ.

މި ބައްދަލުވުމުގެ ބޭނުމަކީ މިޕްރޮޖެކްޓުގެ މަޝްރޫޢާބެހޭ މަޢުލޫމާތު ފޯރުކޮށްދީ، ރަށްރަށުގައި ކުނިމެނޭޖުކުރާ ގޮތުގެ ޙާލަތު ދެނެގަތުމަށް ބޭނުންވާ ބޭސްލައިން ސާރވޭ ކުރުމުގައި ރަށުކައުންސިލް ތަކުން ފުރިހަމަ ކުރަންޖެހޭ ބައިތަކަށް ބައިވެރިން އަހުލުވެރި ކުރުވުމެވެ. މިބައްދަލުވުމުގައި ކޮންމެ ރަށަކުން ބައިވެރިވި ދެބޭފުޅުންގެ ތެރެއިން އެއްބޭފުޅަކީ ކުނިމެނޭޖު ކުރުމުގެ މިމަސައްކަތުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ހުންނަވާ ބޭފުޅެކެވެ.

މި މަޝްރޫޢުގެ ދަށުން ސަރަޙައްދީ ކުނިމެނޭޖުކުރާ މަރުކަޒަކާއި އެ ސަރަޙައްދުގެ މީހުން ދިރިއުޅޭ ރަށްތަކުގައި ރަށުފެންވަރުގެ ކުނިމެނޭޖުކުރާ މަރުކަޒުތައް ޤާއިމު ކުރުމަށްވަނީ ހަމަޖެހިފައެވެ.