"ފާފު އެންމެ ސާފު" ޕްރޮގުރާމްގެ ދަށުން މިއަތޮޅު ފީއަލި، ބިލެއްދޫ އަދި ނިލަންދޫ ސާފުކޮށްފި

08 ޑިސެންބަރ 2018


"ސާފުރާއްޖެ، އަހަރެންގެވެސް ޒިންމާ" ޕްރޮގުރާމްގެ ދަށުން މުޅި ރާއްޖޭގައި މިއަދު ކުރިއަށް ގެންދިޔަ ސާފުކުރުމާ ގުޅުވައިގެން ފ.އަތޮޅުގެ ރަށްރަށް ސާފުކުރުމަށް ފ.އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ "ފާފު އެންމެ ސާފު" ޕްރޮގުރާމްވެސް ކުރިއަށް ގެންދިއުމުގެ ގޮތުން އަތޮޅު ކައުންސިލްގެ މުވައްޒަފުން 03 ގުރޫޕަކަށް ބަހައި މިއަތޮޅު ފީއަލި، ބިލެއްދޫ އަދި ނިލަންދޫ ސާފުކުރުރުމުގައި އަތޮޅު ކައުންސިލްގެ މުވައްޒަފުން ބައިވެރިވެ ރަށުގެ ރައްޔިތުންނާ ގުޅިގެން އެރަށްރަށުގެ ގޮނޑު ދޮށުގައިހުރި ޕްލާސްޓިކުގެ ބާވްތައްތަކާއި އެނޫންވެސް ތަކެތި ނަގައި ސާފުކުރުމުގެ މަސައްކަތް މިއަދު ކޮށްފިއެވެ. ރަށްރަށުގެ ރައްޔިތުންނާ އެކުގައި ސާފުކުރުމަށް މިއަދު ކުރިއަށް ގެންދިޔަ މަސައްކަތުން ޖަންބޯ ގޯނީގެ 10 ގޯނި ޕްލާސްޓިކު ފީއަލި ބިލެއްދޫން ނެގިފައި ވެއެވެ. އަދި ނިލަންދޫވެސް 173.2 ކިލޯ ޕްލާސްޓިކު ނެގިފައި ވެއެވެ.

މިމަސައްކަތަކީ މިއަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށްރަށާއި ފަޅުރަށްރަށުގެ ގޮޑުދޮށްތަކަށް ލައްގަމުން ގެންދާ ޕްލާސްޓިކުގެ ބާވަތްތައް ނަގައި ސާފުކޮށް، ޕްލާސްޓިކުގެ ސަބަބުން އިންސާނުންނަށާއި ދިރޭތަކެއްޗަށް ލިބޭގެއްލުންތަކާއި އަދި ރައްކާތެރި ގޮތުގައި ޕްލާސްޓިކު ނައްތާލުމަށް މިއަތޮޅުގެ ރަށްރަށުގެ ރައްޔިތުންނާއި ސްކޫލްތަކުގެ ދަރިވަރުން ހޭލުންތެރި ކުރުވައި ހުރިހާ ރަށެއްގައިވެސް ޕްލާސްޓިކުން ސާފުވެފައިވާ ތިމާވެއްޓެއް ބޭއްވުމަށް އަތޮޅުކައުންސިލުން އިސްނަގައިގެން މުޅިއަތޮޅުގައި ކުރިއަށް ގެންދާ ކެންޕެއިން ޕްރޮގުރާމްގެ ތެރެއިން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މިޕްރޮގުރާމަކީ މީގެ 03 އަހަރު ކުރިން ފެށިގެން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.