ފ.އަތޮޅު ކައުންސިލް އިދާރާއާއި ފ.އަތޮޅުސްޓޯރުގެ ހިސާބުތައް އޮޑިޓު ކޮށްފި

25 އެޕްރީލް 2018


ފ.އަތޮޅު ކައުންސިލް އިދާރާއާއި ފ.އަތޮޅު ސްޓޯރުގެ 2016 ވަނައަހަރުގެ ހިސާބުތައް އޮޑިޓު ކޮށްފިއެވެ. އޮޑިޓު ކުރުމުގެ މަސައްކަތް ކޮށްފައިވަނީ 2018 އެޕްރީލް 19 އިން 24 އަށެވެ.

މީގެކުރީގެ އަހަރުތަކުގައި އަތޮޅުކައުންސިލްތަކާއި ރަށުކައުންސިލްތައް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އޮޑިޓު ކުރަމުން ގެންދިޔަނަމަވެސް އަތޮޅު ކައުންސިލްތަކާއި ރަށުކައުންސިލްތައް އޮޑިޓު ކުރުމުގެ މަސައްކަތް އޮޑިޓު ފާމްތަކާއި ޙަވާލުކޮށްގެން ކުރިއަށް ގެންދާގޮތަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނިންމެވުމާއި ގުޅިގެން ފ.އަތޮޅު ކައުންސިލްގެ އިދާރާއާއި ފ.އަތޮޅު ސްޓޯރގެ ހިސާބުތައް އޮޑިޓު ކޮށްފައިވަނީ އޮޑިޓު ފާމެއް ކަމުގައިވާ އެފް. ޖޭ. އެސް އެސޯސިއޭޓްސް އިންނެވެ.


އޮޑިޓު ޓީމުން މުވައްޒަފުންނާއި ބައްދަލު ކުރުމުގެ ތެރެއިން

ފ.އަތޮޅު ކައުންސިލާއި ފ.އަތޮޅު ސްޓޯރގެ ހިސާބުތައް އޮޑިޓު ކުރުމަށް އެފް. ޖޭ. އެސް އެސޯސިއޭޓްސް އިން ވަޑައިގެންނެވި ބޭފުޅުންނަކީ 01- ނާސިފު ޙުސައިން 02- މުޙައްމަދު އަސީދު ސަޢުދު 03- އުސައިދު މޫސާ އެވެ.

ފ.އަތޮޅު ކައުންސިލްގެ އިދާރާއާއި، ފ.އަތޮޅު ސްޓޯރގެ 2016 ވަނައަހަރު ހިސާބުތައް އޮޑިޓު ކުރުމުގެ އިތުރުން ފ.ނިލަންދޫ ކައުންސިލްގެ އިދާރާގެ 2016 ވަނައަހަރުގެ ހިސާބުތައްވެސް އެފް. ޖޭ. އެސް އެސޯސިއޭޓްސް އިން އޮޑިޓު ކުރުމަށްވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން ފ.އަތޮޅު ކައުންސިލް އިދާރާއާއި، ފ.އަތޮޅު ސްޓޯރ އޮޑިޓު ކޮށްފައިވަނީ 2013 ވަނައަހަރުގެ ހިސާބު ތަކެވެ. އެއަހަރުގެ ހިސާބުތައް އޮޑިޓު ކޮށްފައިވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުންނެވެ.