2025 ވަނަ އަހަރު 120 ލިޓަރުގެ 50 ޑަސްބިން ރަށު ކައުންސިލްތަކަށް ދޫކޮށްފި

ފ. އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ "ފާފު އެންމެ ސާފު" ޕްރޮގްރާމްގެ ދަށުން 2025 ވަނަ އަހަރު 120 ލިޓަރުގެ 50 ޑަސްބިން (މަތިޖެހި) ހޯދައި 2025 ސެޕްޓެންބަރު 11 ވަނަ ދުވަހު ކޮންމެ ރަށު ކައުންސިލަކަށް 10 ޑަސްބިން ދޫކޮށްފިއެވެ.
ރަށު ކައުންސިލްތަކަށް ފޮނުވުމަށް ފ. އަތޮޅު ކައުންސިލުން ޚަރަދުކޮށްގެން ޑަސްބިންތައް ހޯދާފައިވާ ގޮތަކީ 2017 ވަނަ އަހަރު 30 ޑަސްބިން، 2022 ވަނަ އަހަރު 90 ޑަސްބިން، 2024 ވަނަ އަހަރު 50 ޑަސްބިން އަދި 2025 ވަނަ އަހަރު 50 ޑަސްބިނެވެ. މިހާތަނަށް 120 ލިޓަރުގެ 220 ޑަސްބިން ހޯދައި ރަށު ކައުންސިލްތަކަށް ފޮނުވިފައި ވެއެވެ.
ރަށު ކައުންސިލްތަކުން ކުރިއަށް ގެންދާ ކުނި މެނޭޖް ކުރުމުގެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުންނާއި، ފ. އަތޮޅުގެ ކޮންމެ ރަށަކީ ސާފުތާހިރު ރީތި ރަށެއްގެ ގޮތުގައި ބޭއްވުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ރަށު ކައުންސިލްތަކަށް ޑަސްބިންތައް ދޫކޮށްފައިވާ ގޮތަކީ؛ ފ. ފީއަލީ ކައުންސިލަށް 40 ޑަސްބިން، ބިލެއްދޫ ކައުންސިލަށް 50 ޑަސްބިން، މަގޫދޫ ކައުންސިލަށް 40 ޑަސްބިން، ދަރަނބޫދޫ ކައުންސިލަށް 40 ޑަސްބިން އަދި ނިލަންދޫ ކައުންސިލަށް 50 ޑަސްބިނެވެ. ޑަސްބިންތައް ފޮނުވުމުގެ އިތުރުން ފ. އަތޮޅުގެ ކޮންމެ ރަށު ކައުންސިލަކަށް ފ. އަތޮޅު ކައުންސިލުން ރަށު ޕިކަޕެއް ހޯދައި ދެވިފައި ވެއެވެ.