ފ. އަތޮޅު ކައުންސިލް އިދާރާގެ "މާވަށި" ދޯނި 10 އަހަރު ދުވަހަށް ކުއްޔަށް ދޫކުރުން

ފ. އަތޮޅު ކައުންސިލް އިދާރާގެ "މާވަށި" ދޯނި ނުދުއްވައި ފަޅުގައި އަޅާފައި އޮތުމުގެ ސަބަބުން ދޯންޏަށް ގެއްލުންތައް ލިބެމުން ދިއުމާއި، ދޯނިން އެއްވެސް އާމްދަނީއެއް ނުލިބޭތީ، ދޯނި ކުއްޔަށް ހިފާނެފަރާތެއް ހުރިނަމަ، އެފަރާތަކަށް ދޯނި ކުއްޔަށް ދިނުމަށް ފުރުޞަތު ހުޅުވާލުމުން ދޯނި ކުއްޔަށްހިފުމަށް އެދި ހުށަހަޅާފައިވަނީ ފ. މަގޫދޫ އޯކިޑު ޓުރަސްޓުންނެވެ.
ދޯނި ކުއްޔަށް ހިފުމަށްއެދި ފ. މަގޫދޫ އޯކިޑު ޓުރަސްޓުން ހުށަހެޅި ޕްރޮޕޯސަލްގައިވާ ގޮތަށް، ފ. މަގޫދޫ އޯކިޑު ޓުރަސްޓަށް ދޯނި ކުއްޔަށް ދޫކުރުމަށް ފ. އަތޮޅު ކައުންސިލާއި، ފ. މަގޫދޫ އޯކިޑު ޓުރަސްޓާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މީލާދީ 10 އަހަރު ދުވަހުގެ މުއްދަތަށް "މާވަށި" ދޯނިވަނީ އެފަރާތަށް ކުއްޔަށް ދޫކޮށްފައެވެ.
"މާވަށި" ދޯނި ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ 03 ޑިސެންބަރު 2024 ވަނަ ދުވަހު ފ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ. އެއްބަސްވުމުގައި ފ. އަތޮޅު ކައުންސިލް އިދާރާގެ ފަރާތުން ސޮއި ކުރެއްވީ ފ. އަތޮޅު ކައުންސިލްގެ ރައީސް ޙައްވާ ޢަބްދުލް ޢަޒީޒެވެ. ފ. މަގޫދޫ އޯކިޑު ޓްރަސްޓްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޞީރު މުޙައްމަދެވެ.
ފ. އަތޮޅު ކައުންސިލް އިދާރާގެ "މާވަށި" ދޯންޏަކީ، ދޯނީގެބޭރު ވަށައިގެން ފައިބަރު ކޮށްފައިވާ ޔޮޓު ވައްތަރަށް ހަދާފައިވާ، 03 ކޮޓަރިއާއި 02 ފާޚާނާއާއި ސިޓިންގ ރޫމަކާއި ބަދިގެއެއް އެކުލެވޭގޮތަށް ހަދާފައިވާ ދޯންޏެކެވެ. ދޯނީގައި އަޅާފައިވަނީ 115 ހޯސްޕަވަރުގެ 06 ސިލިންޑަރުގެ "ޔަންމާ" އިންޖީނެކެވެ.
![]() |
![]() |