އަލަށް އިންތިޚާބުކުރި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް، މަޤާމުގެ ހުވައި ކޮށްފި

26 ފެބްރުވަރީ 2024


އަލަށް އިންތިޚާބުކުރި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް ފ. ނިލަންދޫ ފޮނިލުނބޯގޭ ޙައްވާ ޢަބްދުލް ޢަޒީޒު، މަޤާމުގެ ހުވައި 2024 ފެބްރުވަރީ 26 ވަނަ ދުވަހު ކޮށްފިއެވެ. މަޤާމުގެ ހުވައި ކުރުމަށް ފ. ނިލަންދޫ ގޮމަވަތީގައި 2024 އެދުވަހުގެ 10.00 ގައި ބޭއްވި ދަރުބާރުގައި ހުވައިލައިދެއްވީ ފ. ނިލަންދޫ މެޖިސްޓްރޭޓްކޯޓްގެ މެޖިސްޓްރޭޓް އަލްއުސްތާޛް ޢަބްދުލް ޢަޒީޒު މޫސާއެވެ. ހުވައި ކުރެއްވުމަށްފަހު ހުވައިގެ އިޤްރާރުގައި ޙައްވާ ޢަބްދުލް ޢަޒީޒު ސޮއިކުރައްވާފައި ވެއެވެ.

ޤުރުއާނުގެ ބަރަކާތުން ދަރުބާރު ފައްޓަވައި ދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އެކައުންޓްސް އޮފިސަރ ޢަލީ އަޙްމަދެވެ. ދަރުބާރު ތަޢާރަފް ކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ނައިބްރައީސް ޢަބްދުﷲ ވަޙީދެވެ. ދަރުބާރު ކުރިއަށްދާގޮތް ހުށަހަޅައިދިނީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ސީނިއަރ ކައުންސިލް އޮފިސަރ ފަޠިމަތު ނުޒުލާ ޖަލީލެވެ.

މި ދަރުބާރުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ މެންބަރުންނާއި، ނިލަންދޫގެ ދާއިރާތަކުގެ ވެރިންނާއި، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ މުވައްޒަފުންނާއި ނިލަންދޫގެ ކަމުވޮށިގެންވާ މީހުން ބައިވެރި ވެފައި ވެއެވެ.

މިއަދު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމުގެ ހުވައި ކުރެއްވި ޙައްވާ ޢަބްދުލް ޢަޒީޒަކީ ލާމަރުކަޒީ ތާރީޚްގައި ރައްޔިތުންގެ ވޯޓުން އަތޮޅު ކައުންސިލެއްގެ ރައީސްކަމަށް އިންތިޚާބުކުރި ފުރަތަމަ އަންހެން ރައީސެވެ. ޙައްވާ ޢަބްދުލް ޢަޒީޒު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމަށް އިންތިޚާބުވެފައިވަނީ 2024 ފެބްރުވަރީ 10 ވީ ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންގައި ފ. ނިލަންދޫ ޢަޒުމް އިބްރާހީމް ޚަލީލާއި ވާދަކޮށް ކުރި ހޯއްދަވައިގެންނެވެ. ޙައްވާ ޢަބްދުލް ޢަޒީޒަކީ މިއިދާރާގެ ސީނިއަރ ކައުންސިލް އޮފިސަރެއްގެ މަޤާމުގައި ހުންނަވައި ރައީސްކަމުގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅެކެވެ.

މި އިންތިޚާބުގައި ޙައްވާ ޢަބްދުލް ޢަޒީޒަށް 941 ވޯޓް (%51.45) ލިބިފައިވާއިރު، ޙައްވާ ޢަބްދުލް ޢަޒީޒާއި ވާދަކުރެއްވި ފ. ނިލަންދޫ ޢަޒުމް އިބްރާހީމް ޚަލީލަށް ލިބިފައިވަނީ 888 ވޯޓް (%48.55) އެވެ. މިއިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 4385 މީހުން ތިބިއިރު ވޯޓްލާފައިވަނީ 1881 މީހުންނެވެ. ވޯޓްލީމީހުންގެ އިންސައްތައަކީ %42.90 އެވެ. މިއިންތިޚާބުގައި ޙައްވާ ޢަބްދުލް ޢަޒީޒު ވާދަކޮށްފައިވަނީ ކޮންގްރެސް ޕާޓީންނެވެ. އިބްރާހީމް ޚަލީލު ވާދަކޮށްފައިވަނީ އެމް.ޑީ.ޕީންނެވެ.

ފުރަތަމަ ފަހަރަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސަކަށް އަންހެން ބޭފުޅަކު އިންތިޚާބު ވެގެންދިއުމަކީ ނިލަންދެއަތޮޅު އުތުރުބުރީގެ ތާރީޚްގައި ފާހަގަ ކޮށްލެވޭ ކަމެކެވެ. ލާމަރުކަޒީގެ ތާރީޚަށް ބަލާއިރުވެސް ރައްޔިތުންގެ ވޯޓަކުން އަންހެން ބޭފުޅަކު މީގެކުރިން އަތޮޅު ކައުންސިލްގެ ރައީސްކަމަށް އިންތިޚާބު ކޮށްފައެއް ނުވެއެވެ.