ދެ މަޤާމަކަށް މުވައްޒަފުން ހަމަޖައްސައިފި

05 ޖަނަވަރީ 2024



ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ކައުންސިލް އޮފިސަރގެ މަޤާމަށާއި، ފ. އަތޮޅު ސްޓޯރުގެ ސޭލްސް އޮފިސަރގެ މަޤާމަށް މުވައްޒަފުން ހަމަޖައްސައިފިއެވެ. ކައުންސިލް އޮފިސަރގެ މަޤާމަށް 03 ޖަނަވަރީ 2024 ގައި ހަމަޖައްސާފައިވަނީ ފ. ނިލަންދޫ ރާސްތާ ޢާއިޝަތު ޢިބާދާއެވެ. ޢާއިޝަތު ޢިބާދާ ކައުންސިލް އޮފިސަރގެ މަޤާމަށް ހަމަޖެއްސިއިރު ހުރީ މިއިދާރާގެ އެސިސްޓެންޓް ކައުންސިލް އޮފިސަރެއްގެ މަޤާމުގައި ވަގުތީ ގޮތުންނެވެ. ސޭލްސް އޮފިސަރގެ މަޤާމަށް 04 ޖަނަވަރީ 2024 ގައި ހަމަޖައްސާފައިވަނީ ފ. ނިލަންދޫ ފޭރުމާގޭ އާމިނަތު މުނީޒާއެވެ. އާމިނަތު މުނީޒާ މި މަޤާމަށް ހަމަޖައްސާފައިވަނީ ވަގުތީ ގޮތުންނެވެ.

މި ދުމުވައްޒަފުންނަށް މަރުޙަބާކިއުމުގެ ޙަފްލާ ބާއްވާފައިވަނީ 04 ޖަނަވަރީ 2024 ދުވަހު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ. މި ޙަފްލާގައި އަތޮޅު ކައުންސިލްގެ ނައިބްރައީސް ޢަބްދުﷲ ވަޙީދާއި، ކައުންސިލް މެންބަރު ޢަބްދުލް ޙަމީދު އާދަމާއި، ކައުންސިލްގެ ވެރިންނާއި މުވައްޒަފުން ބައިވެރި ވެފައި ވެއެވެ.

މި ޙަފްލާގައި ނައިބްރައީސް ޢަބްދުﷲ ވަޙީދު ދެއްކެވި ވާހަކަ ފުޅުގައި އަލަށް ހަމަޖެހުނު މުވައްޒަފުންނާއި ޙަވާލުކުރެވޭ މަސައްކަތްތައް ފަރުވާތެރިކަމާއެކު ރަގަނޅަށް ކުރެއްވުމަށާއި، ވެރިންނާއި މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރެއްވުމަށާއި، މުވައްޒަފުންގެ ފަރާތުން ރަގަނޅު ޚިދުމަތްތަކެއް ކައުންސިލަށް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

ކައުންސިލް މެންބަރު ޢަބްދުލް ޙަމީދު މުޙައްމަދު ދެއްކެވި ވާހަކަ ފުޅުގައި އަތޮޅު ކައުންސިލްގެ މުވައްޒަފުންނެކޭ އެއްގޮތަށް ފ. އަތޮޅު ސްޓޯރުގެ މުވައްޒަފުންނަށްވެސް މިއަހަރު ޔުނީފޯމެއް ތައްޔާރު ކުރައްވާނެކަމަށާއި، މުވައްޒަފުންނަށް ކައުންސިލުން ކޮށްދެވެން ހުންނަ ކަންތައްތައް ކޮށްދެއްވާނެ ކަމަށާއި، މުވައްޒަފުންނާއި ޙަވާލުކުރެވޭ މަސައްކަތްތައް އިޚްލާޞްތެރިކަމާއެކު ފަރުވާ ބަހައްޓައިގެން ރަގަނގަޅަށް ކުރައްވަމުން ގެންދެވުމަށް ވިދާޅުވިއެވެ.

ވަޒީފާ ހަމަޖެހުނު މުވައްޒަފުންގެ ޝަރަފްގައި ތައްޔާރު ކުރި ސައިފޮދެއް ފ. އަތޮޅު ސްޓޭޓްހައުސްގައި ބާއްވާފައި ވެއެވެ.