2021 ވަނަ އަހަރު ދެވަނަ 2022 ވަނަ އަހަރު އެއްވަނަ ފ. އަތޮޅު ކައުންސިލަށް ލިބިއްޖެ

20 ޑިސެންބަރު 2023


އަތޮޅުކައުންސިލް ތަކާއި ރަށުކައުންސިލްތައް ދަރަޖަކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ދެމުން ގެންދާ "ކަންގަތި" އެވޯޑުގެ ތެރެއިން 2021 ވަނަ އަހަރުގެ ޕާފޯމަންސް އިންޑެކްސްއިން އަތޮޅު ކައުންސިލް ތަކުގެ ބައިން މުޅި ރާއްޖެއިން ދެވަނަ، 2022 ވަނަ އަހަރުގެ ޕާފޯމަންސް އިންޑެކްސްއިން އަތޮޅު ކައުންސިލްތަކުގެ ބައިން މުޅި ރާއްޖެއިން ފަޚްރުވެރި އެއްވަނަ ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ހޯދައި މި ދެއަހަރު "ގަދަހަމާންތި" ދަރަޖަ އެވޯޑް ޙާޞިލް ކޮށްފިއެވެ.

މި އެވޯޑްތައް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ޙަވާލުކޮށްދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީން 2023 ޑިސެންބަރު 20 ވަނަ ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި "ކަންގަތި އެވޯޑް 2023" ދިނުމުގެ ޙަފްލާގައި ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ. އެވޯޑާއި ޙަވާލުވެލެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ނައިބްރައީސް ޢަބްދުﷲ ވަޙީދެވެ.

ޕާފޯމަންސް އިންޑެކްސްގެ ވަކިވަކި އިންޑެކްސް ތަކުގެ ބައިތަކުން އިފެކްޓިވްނަސް އިންޑެކްސްއިންނާއި، ސެކިއުރިޓީ އިންޑެކްސްއިން 2022 ވަނަ އަހަރު އެއްވަނަ ހޯދައި، 2021 ވަނަ އަހަރު ޕާޓިސިޕޭޝަން އިންޑެކްސްއިން އެއްވަނަ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ހޯދައި މި އިންޑެކްސްތަކުން "މާރާދަ" ހަނދާނީފިލާ ވަނީ ޙާޞިލް ކޮށްފައެވެ.

2021 އަދި 2022 ގެ ވަކިވަކި އިންޑެކްސް ތަކުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލަށް ލިބުނު "މާރާދަ" ހަނދާނީފިލާ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ޙަވާލުކޮށްދެއްވީ މިޙަފްލާގައި ރައީސުލް ޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފެވެ. އަތޮޅު ކައުންސިލްގެ ފަރާތުން ހަނދާނީ ފިލައާއި ޙަވާލުވެ ލެއްވީ އަތޮޅު ކައުންސިލްގެ ނައިބްރައީސް ޢަބްދުﷲ ވަޙީދެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކައުންސިލްތަކަށް ދެމުންގެންދާ "ކަންގަތި" އެވޯޑަކީ ލޯކަލް ކައުންސިލްތަކުގެ ޕާފޯމަންސް އިންޑެކްސްގައި އެންމެމަތިން މާކްސް ހޯދަމުން ގެންދާ ކައުންސިލްތަކަށް ދެމުންގެންދާ އެވޯޑެކެވެ. މި އިންޑެކްސްގައި ބަލާ ކަންކަމުގެ ތެރޭގައި ލާމަރުކަޒީ ޤާނޫނަށް ޢަމަލު ކުރުމާއި، ކައުންސިލްތަކުގެ ބައިވެރިވުމާއި، ޒިންމާތައް އަދާކުރާމިންވަރު ހިމެނެއެވެ.

ކަންގަތި އެވޯޑުން 2021 އަދި 2022 ގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލަށް ލިބުނު ކާމިޔާބީގައި އަތޮޅު ކައުންސިލްގެ ކުރީގެ ރައީސަށާއި، އަތޮޅު ކައުންސިލްގެ ނައިބް ރައީސަށާއި، މެންބަރުންނަށާއި، އަތޮޅު ކައުންސިލްގެ ހީވާގި މުވައްޒަފުންނަށާއި އަތޮޅުގެ އެންމެހައި ރައްޔިތުންނަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ނަމުގައި މަރުޙަބާ ދަންނަވަމެވެ.