2023 ވަނަ އަހަރުގެ ފ. އަތޮޅު ޤުރުއާން މުބާރާތް 88 ދަރިވަރުންނާއެކު ފ. މަގޫދޫގައި ފަށައިފި

23 ނޮވެންބަރު 2023


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މިއަތޮޅުގެ ސްކޫލް މަދަރުސާތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ "ފ. އަތޮޅު ޤުރުއާން މުބާރާތް 2023" މިއަތޮޅު މަގޫދޫގައި ފަށައިފިއެވެ. މި މުބާރާތް ފަށާފައިވަނީ 2023 ނޮވެންބަރު 23 ވަނަ ދުވަހުގެރޭ 20.30 ގައެވެ. މުބާރާތް ފައްޓަވައި ދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ.

2023 ނޮވެންބަރު 23 އިން 25 އަށް ފ. މަގޫދޫ އިޖްތިމާޢީ މަރުކަޒުގައި ކުރިއަށް ގެންދާ މި މުބާރާތުގައި މިއަތޮޅުގެ ސްކޫލް މަދަރުސާތަކުން 88 ދަރިވަރުން ބައިވެރިވެފައި ވެއެވެ. މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފިންނާއި، ނުބަލައި ކިޔެވުމުގެ ގޮފިން ބައިވެރިވެފައިވާ ހުރިހާ ދަރިވަރުންގެ ކިޔެވުން 2023 ނޮވެންބަރު 24 ވަނަ ދުވަހުގެރޭގައި ނިމޭނެއެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ 2023 ނޮވެންބަރު 25 ވަނަ ދުވަހުގެ މެންދުރުފަހު 1.00 ގައި ފ. މަގޫދޫ އިޖްތިމާޢީ މަރުކަޒުގައެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި، ފ. މަގޫދޫ ސްކޫލާއި ގުޅިގެން ކުރިއަށް ގެންދާ މި މުބާރާތުގައި މާލޭގައި ބާއްވާ 36 ވަނަ ޤައުމީ ޤުރުއާން މުބާރާތަށް ހޮވަންޖެހޭ 25 ދަރިވަރުންހޮވައި އެ ދަރިވަރުންގެ ނަންތައް މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި އިޢުލާނުކޮށް ޤައުމީ ޤުރުއާން މުބާރާތަށް ހޮވުނު ކަމުގެ ލިއުން އެ ދަރިވަރުންނާއި ޙަވާލު ކުރާނެއެވެ.

ފ. މަގޫދޫގައި މިއަހަރު ބާއްވާ ފ. އަތޮޅު ޤުރުއާން މުބާރާތަކީ، މުބާރާތް ހޯސްޓް ކުރުމުގެ ފުރުޞަތު ފުރަތަމަ ފަހަރަށް ސްކޫލް މަދަރުސާތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މުބާރާތް ހޯސްޓްކުރުމަށް ހުޅުވާލި ފުރުޞަތުގައި މުބާރާތް ހޯސްޓް ކޮށްފައިވަނީ ފ. މަގޫދޫ ސްކޫލުންނެވެ. ފ. މަގޫދޫގައި މި މުބާރާތް ބޭއްވުމުގައި ފ. މަގޫދޫ ސްކޫލާއި، މަގޫދޫ ކައުންސިލާއި އަދި މަގޫދޫގައިހުރި އެހެން މުވައްސަސާތަކާއި ރައްޔިތުންނާއި ގުޅިގެން މުބާރާތުގެ ހުރިހާ އިންތިޒާމްތަކެއް ވަރަށް ފުރިހަމައަށް ހަމަޖައްސާފައި ވާކަން ފާހަގަ ކުރެވެއެވެ. މި މުބާރާތް ކުރިއަށް ގެންދާ މަގޫދޫ އިޖްތިމާޢީ މަރުކަޒުވަނީ ވަރަށް ފުރިހަމައަށް ތައްޔާރު ކޮށްފައެވެ.

މި މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި މަސައްކަތް ކުރައްވަނީ އައްޝެއިޚް މުޙައްމަދު މައުމޫނާއި އައްޝެއިޚް ޙަސަން ތަޢުފީޤުގެ އިތުރުން އަލްޤާރީ ޙުސައިން ޝަފީޤެވެ. މުބާރާތުގެ ކިޔެވުން ފެށުމުގެ ކުރިން ފަނޑިޔާރުންގެ ފަރާތުން މުބާރާތުގެ ބައިވެރިންނާއި ބެލެނިވެރިންނާ މުޚާތަބުކޮށް މުބާރާތުގައި ބަލާނެކަންކަމާއި ސަމާލުކަން ދޭންވީ މުހިންމު ކަންކަން ހަނދާން ކޮށްދެއްވިއެވެ.

ފ. އަތޮޅު ޤުރުއާން މުބާރާތުގެ މީޑިއާ ޕާޓްނަރަކީ މިއަތޮޅު ދަރަނބޫދޫ ދަނިއުސްއެވެ. ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ދަނިއުސްއާއި ދެމެދު އެއްބަސް ވެފައިވާ ގޮތުގެމަތިން މުބާރާތުގެ ކިޔެވުމާއި، މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ވަގުތުން ލައިވްކުރާނެއެވެ. 2023 ވަނަ އަހަރު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ފ. އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތާއި، ފ. އަތޮޅު އިންޓަރސްކޫލް ކުޅިވަރު މުބާރާތުގެ މީޑިއާ ޕާޓްނަރަކީވެސް ދަރަނބޫދޫ ދަނިއުސްއެވެ. ދަނިއުސްއިން މި މަސައްކަތް ވަރަށް ރަގަނޅަށް ކުރަމުން ގެންދާކަން ފާހަގަ ކުރެވެއެވެ.

ފ. އަތޮޅު ޤުރުއާން މުބާރާތުން 01 ވަނައަށް ދާ ސްކޫލަށް -/10،000 ރުފިޔާ، 02 ވަނައަށް ދާ ސްކޫލަށް -/7،000 ރުފިޔާ އަދި 03 ވަނައަށް ދާ ސްކޫލަށް -/5،000 ރުފިޔާގެ ފައިސާގެ އިނާމު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ހުށަހަޅާފައި ވެއެވެ. އަދި ޤުރުއާން މުބާރާތުގެ ކޮންމެ ކީ ސްޓޭޖަކުންވެސް 01 ވަނަ، ދެވަނަ، ތިންވަނައަށް ދާ ފަރާތްތަކަށްވެސް ފައިސާގެ އިނާމު ހުށަހަޅާފައި ވެއެވެ.