ސަރުކާރަށް 40 އަހަރު ޚިދުމަތް ކުރުމުގައި ދެމިހުރި މުވައްޒަފެއްގެ ޚިދުމަތް ފާހަގަ ކޮށްފި

06 ނޮވެންބަރު 2023


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ޑްރައިވަރެއްގެ މަޤާމުގައި ހުންނެވި ފ. ނިލަންދޫ ވައިޖެހޭގޭ ޢަބްދުއްރައްޒާޤް އިބްރާހީމް ސަރުކާރަށް ޚިދުމަތް ކުރައްވާތާ 40 އަހަރު ފުރުމާގުޅިގެން އެކަން ފާހަގަ ކުރުމުގެ ގޮތުން 2023 ނޮވެންބަރު 06 ވަނަ ދުވަހު ޙަފްލާއެއް ބާއްވައިފިއެވެ. މިޙަފްލާގައި އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދާއި، ކައުންސިލްގެ އިދާރީ ވެރިންނާއި މުވައްޒަފުން ބައިވެރި ވެފައި ވެއެވެ.

ޢަބްދުއްރައްޒަޤް އިބްރާހީމް ސަރުކާރަށް ޚިދުމަތްކުރެއްވި 40 އަހަރުގެ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި ބޭއްވި މި ޙަފްލާގައި ހަނދާނީ ފިލައަކާއި މާބޮޑިއެއް ޢަބްދުއްރައްޒާޤް އިބްރާހީމަށް އަރުވާފައި ވެއެވެ. ހަނދާނީ ފިލައާއި މާބޮޑި ޢަބްދުއްރައްޒާޤް އިބްރާހީމާއި ޙަވާލުކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ. އަދި ޢަބްދުއްރައްޒާޤް އިބްރާހީމްގެ ޝަރަފްގައި ތައްޔާރު ކޮށްފައިވާ ކޭކުފެޅުންވެސް މިޙަފްލާގައި އޮތެވެ.

މި ޙަފްލާގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދު ދެއްކެވި ވާހަކަ ފުޅުގައި ޢަބްދުއް ރައްޒާޤް އިބްރާހީމަކީ މުރާލިކަމާއި ހީވާގިކަމާއެކު މަސައްކަތްކުރާ މުވައްޒަފެއް ކަމަށާއި، ސަރުކާރުގެ ޚިދުމަތުގައި 40 އަހަރު ދެމިހުރުމަކީ އެމުވައްޒަފަކަށް ލިބޭ ވަރަށްބޮޑު ޝަރަފެއް ކަމަށާއި، ޢަބްދުއް ރައްޒާޤް އިބްރާހީމް ސަރުކާރުގެ ވަޒީފާގައި އަދާކުރި ދިގު މުއްދަތުގެ ތެރޭގައި އެންމެގިނަ ދުވަހު ޚިދުމަތް ކޮށްފައިވަނީ ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައި ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް ޢަބްދުއްރައްޒާޤް އިބްރާހީމްގެ ފަރާތުން އިޚްލާޞްތެރި ރަގަނޅު ޚިދުމަތްތަކެއް އަތޮޅު ކައުންސިލަށް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

ޢަބްދުއް ރައްޒާޤް އިބްރާހީމް އެންމެ ފުރަތަމަ ސަރުކާރަށް ޚިދުމަތް ކުރަން ފައްޓަވާފައިވަނީ 31 މޭ 1983 ގައެވެ. ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައި (ކުރީގެ އަތޮޅު އޮފީހުގައި) ޚިދުމަތްކުރަން ފައްޓަވާފައިވަނީ 05 ފެބްރުވަރީ 1999 ގައެވެ.

ސަރުކާރުގެ ޚިދުމަތުގައި ޢަބްދުއްރައްޒާޤް އިބްރާހީމް ހޭދަކުރެއްވި 40 އަހަރު ދުވަހުގެ ތެރޭގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގައި 24 އަހަރު ޚިދުމަތް ކުރައްވާފައި ވެއެވެ. ޢަބްދުއްރައްޒާޤް އިބްރާހީމް ސަރުކާރުގެ ޚިދުމަތަށް 40 އަހަރު ފުރުނުއިރު ހުންނެވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ޑްރައިވަރެއްގެ މަޤާމުގައެވެ.