ފަލަސްޠީނަށް އެހީވުމުގެ ފަންޑަށް ހަދިޔާ ކުރުމަށް ހޯދި ފައިސާ ނިލަންދޫ ކައުންސިލާއި ޙަވާލުކޮށްފި

31 އޮކްޓޫބަރު 2023


ޔަހޫދީ އިސްރާއީލުން ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާތަކާ ގުޅިގެން ޙާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ފައިސާ ހޯދުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލާއި ފާފު ފެމެލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރާއި ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓާއި، ބެންކް އޮފް މޯލްޑިވްސް ފ. ނިލަންދޫ ބްރާންޗާއި ގުޅިގެން 2023 އޮކްޓޫބަރު 20 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޙަރަކާތްތަކުން ލިބުނު ފައިސާ ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލާއި ޙަވާލުކޮށްފިއެވެ.

މިފައިސާ ނިލަންދޫ ކައުންސިލާއި ޙަވާލު ކުރުމަށް 2023 އޮކްޓޫބަރު 31 ވަނަ ދުވަހު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމްގައި ބޭއްވި ބައްދަލުވުމުގައި ނިލަންދޫ ކައުންސިލާއި ފައިސާ ޙަވާލު ކުރުމުގެ ލިއުން ޙަވާލުކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދާއި، މި މަސައްކަތުގައި ބައިވެރިވި މުވައްސަސާ ތަކުގެ ވެރިންނެވެ. ފައިސާ ޙަވާލު ކުރުމުގެ ލިއުމާއި ޙަވާލުވެ ލެއްވީ ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދާއި، އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ޢަލީ އަޙްމަދެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް ހިމެނޭ ޓީމުން ކުރި މަސައްކަތުން ލިބިފައިވާ -/27،012 ރުފިޔާއާއި، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ މުވައްޒަފުންގެ ފަރާތުން ހަދިޔާކުރާ 01 ދުވަހުގެ މުސާރައަށްވާ -/9،125 ރުފިޔާއާއި، އަތޮޅު ކައުންސިލްގެ މުވައްޒަފުންގެ ކުލަބުން ހަދިޔާކުރާ -/5،000 ރުފިޔާއާއި ޖުމްލަ -/41،137 ރުފިޔާ މިއަދު ނިލަންދޫ ކައުންސިލާއި ވަނީ ޙަވާލު ކުރެވިފައެވެ.

ފ. ނިލަންދޫ ކައުންސިލުން އިސްނަގައިގެން ނިލަންދޫގައިހުރި ސަރުކާރުގެ މުވައްސަސާތަކާއި ގުޅިގެން ނިލަންދޫ އިރުމަތީ ބަނދަރު ސަރަޙައްދުގައި 2023 އޮކްޓޫބަރު 20 ވަނަ ދުވަހުގެ ހަވީރު 4.00 އިން ރޭގަނޑުގެ 12.00 އަށް ކުރިއަށް ގެންދިޔަ ޙަރަކާތް ތަކުގައި މުވައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންގެ އިތުރުން ފ. ނިލަންދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެފައި ވެއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ދިވެހި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ކުރިއަށް ގެންދިޔަ ފައިސާ ހޯދުމުގެ ޕްރޮގްރާމްގެ ދަށުން ނިލަންދެއަތޮޅު އުތުރުބުރީގެ ހުރިހާ ރަށެއްގައިވެސް ފައިސާ ހޯދުމުގެ އެކިއެކި ޙަރަކާތްތައް ކުރިއަށް ގެންގޮސްފައި ވެއެވެ. ހުރިހާ ރަށެއްގެ ރައްޔިތުންވެސް ވަރަށް ޖޯޝާފޯރީގައި މި ޙަރަކާތްތަކުގައި ބައިވެރިވެ ފައިސާ ހަދިޔާ ކުރަމުން ގެންގޮސްފައި ވެއެވެ.

ދިވެހިންތިބީ ފަލަސްޠީނުގެ ރައްޔިތުންނާއި އެކުގައިކަން ހާމަކުރުމުގެ ގޮތުން 2023 އޮކްޓޫބަރު 13 ވީ ހުކުރު ދުވަހު މާލެއާއި އަތޮޅުތަކުގެ ރަށްރަށުގައި ބޭއްވި ބޮޑު އެއްވުމާއި ހިނގާލުމުގެ ޙަރަކާތްވެސް މިއަތޮޅުގެ ކޮންމެ ރަށެއްގައި އިންތިޒާމްކޮށް، މިއަތޮޅުގެ ރަށްރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުން އެދުވަހުގައި ބޭއްވި އެއްވުމާއި ހިނގާލުމުގައި ބައިވެރިވެ ފަލަސްޠީނާއި އެކުގައި ތިބިކަމުގެ ޝުޢޫރުތައް ފާޅުކޮށް ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި ފައިސާ ހަދިޔާކުރަމުން ގެންގޮސްފައި ވެއެވެ.