2023 ވަނަ އަހަރު ފ. އަތޮޅު ޤުރުއާން މުބާރާތް ބާއްވާނެ ރަށެއް ކަނޑައަޅައިފި

30 އޮކްޓޫބަރު 2023


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މިއަތޮޅުގެ ސްކޫލް މަދަރުސާތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 2023 ވަނަ އަހަރުގެ ފ. އަތޮޅު ޤުރުއާން މުބާރާތް ބާއްވާނެރަށެއް ކަނޑައަޅައިފިއެވެ.

2023 ނޮވެންބަރު 23 އިން 25 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުމަށްޓަކައި މުބާރާތް ހޯސްޓް ކުރުމުގެ ފުރުޞަތު މިއަތޮޅުގެ ހުރިހާ ސްކޫލް މަދަރުސާތަކަށް ހުޅުވާލުމުން މުބާރާތް ހޯސްޓް ކުރުމަށް އެދި ފޯމް ހުށަހަޅުއްވާފައިވަނީ ފ. އަތޮޅު މަދަރުސާއިންނާއި، ފ. މަގޫދޫ ސްކޫލުންނާއި، ފ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ.

ފ. އަތޮޅު ޤުރުއާން މުބާރާތް ހޯސްޓް ކުރުމުގެ ފޯމް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލަށް ހުށަހަޅަންޖެހޭ މުއްދަތުގެ ފަހުން ފ. އަތޮޅު ތަޢުލީމީ މަރުކަޒުން ފޯމް ހުށަހަޅާފައިވާތީ، އެފޯމް ކެންސަލް ކުރުމަށްފަހު އިވެލުއޭޓް ކުރީ ފ. އަތޮޅު މަދަރުސާއިންނާއި ފ. މަގޫދޫ ސްކޫލުން ހުށަހަޅާފައިވާ ފޯމެވެ. މި ދެ ސްކޫލުން ހުށަހަޅާފައިވާ ފޯމް އިވެލުއޭޓް ކުރުމުން އެންމެގިނަ ޕޮއިންޓް ލިބިފައިވަނީ ފ. މަގޫދޫ ސްކޫލުން ހުށަހަޅާފައިވާ ފޯމަށެވެ. އެހެންކަމުން މުބާރާތް ހޯސްޓްކުރި ސްކޫލަކީ ފ. މަގޫދޫ ސްކޫލުން ކަމަށްވާތީ، 2023 ވަނަ އަހަރުގެ ފ. އަތޮޅު ޤުރުއާން ބާއްވާ ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ފ. މަގޫދޫއެވެ.

މީގެ ކުރީގެ އަހަރުތަކުގައި އަތޮޅު ޤުރުއާން މުބާރާތުގެ އިންތިޒާމްތައް ހަމަޖައްސަމުން ގެންދަނީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި، މުބާރާތް ބާއްވާ ރަށެއްގެ ރަށުކައުންސިލާއި ގުޅިގެން ނަމަވެސް 2023 ވަނަ އަހަރުން ފެށިގެން ފ. އަތޮޅު ޤުރުއާން މުބާރާތް ކުރިއަށް ގެންދާގޮތަށް އަތޮޅު ކައުންސިލުން ނިންމާފައިވަނީ އަތޮޅު ކައުންސިލާއި މުބާރާތް ބާއްވާ ރަށެއްގެ ސްކޫލަކާ ގުޅިގެންނެވެ. މުބާރާތުގެ އިންތިޒާމްތައް ހަމަޖެއްސުމަށް އަތޮޅު ކައުންސިލުން ދޭ ފައިސާވެސް ދޭނީ މުބާރާތް ބާއްވާ ރަށެއްގެ ސްކޫލަކަށެވެ.

ފ. އަތޮޅު ޤުރުއާން މުބާރާތުގެ އިންތިޒާމްތައް ހަމަޖެއްސުމަށް މުބާރާތް ބާއްވާ ރަށެއްގެ ސްކޫލަކަށް މިއަހަރު ދިނުމަށް އަތޮޅު ކައުންސިލުން ނިންމާފައިވަނީ -/20،000 ރުފިޔާއެވެ. މިފައިސާ މިއަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ ޕޭމަންޓަކަށް ބަހާލައިގެންނެވެ. އެއީ މުބާރާތް ފެށުމުގެ ކުރިން -/10،000 ރުފިޔާ ދޫކުރުމަށްފަހު މުބާރާތް ނިމުމުން -/10،000 ރުފިޔާ ދޫކުރާ ގޮތަށެވެ.

ފ. އަތޮޅު ޤުރުއާން މުބާރާތް ބާއްވާ ރަށްނޫން އެހެން ރަށްރަށުގެ ސްކޫލް ތަކަށް ރަމްޒީ އެހީގެ ގޮތުގައި ދޭ ފައިސާގެ ޢަދަދު މިއަހަރުވަނީ ބޮޑުކޮށްފައެވެ. މި އަހަރު ކޮންމެ ސްކޫލަކަށް -/5،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. 2022 ވަނަ އަހަރު ދީފައިވަނީ -/3،000 ރުފިޔާއެވެ. ސްކޫލްތަކަށް މިއަހަރު ދިނުމަށް ކަނޑައަޅާފައިވާ ފައިސާ ދިނުމަށް އަތޮޅު ކައުންސިލުން ނިންމާފައިވަނީ މުބާރާތުގައި ބައިވެރިކުރަންޖެހޭ ދަރިވަރުންގެ ތެރެއިން މަދުވެގެން 1/2 ދަރިވަރުން ބައިވެރިކުރާ ސްކޫލް ތަކަށެވެ.

މިއަހަރު ބާއްވާ ފ. އަތޮޅު ޤުރުއާން މުބާރާތުގައި މިއަތޮޅުގެ ހުރިހާ ރަށެއްގެ ސްކޫލް މަދަރުސާ ތަކުން ބައިވެރިވެއެވެ.