"ފ. އަތޮޅު ޤުރުއާން މުބާރާތް 2023" ހޯސްޓް ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

24 އޮކްޓޫބަރު 2023


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މިއަތޮޅުގެ ސްކޫލް ތަކަށް ހުޅުވާލައިގެން މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ފ. އަތޮޅު ޤުރުއާން މުބާރާތް 2023" ހޯސްޓް ކުރުމުގެ ފުރުޞަތު 2023 އޮކްޓޫބަރު 22 ވަނަ ދުވަހު ހުޅުވާލައިފިއެވެ. މިއީ ފ. އަތޮޅު ޤުރުއާން މުބާރާތް ބާއްވަން ފެށިފަހުން މުބާރާތް ހޯސްޓް ކުރުމަށް ހުޅުވާލި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ޤުރުއާން މުބާރާތް ބާއްވަމުން ގެންދިޔައީ މުބާރާތް ބޭއްވުމަށް އަތޮޅު ކައުންސިލުން ނިންމާ ރަށެއްގައެވެ.

2023 ނޮވެންބަރު 23 އިން 25 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓް ކުރުމަށް ބޭނުންވާ ސްކޫލް ތަކުން އެކަމަށް ހުށަހަޅަންޖެހޭ ފޯމް ފުރިހަމަ ކުރުމަށްފަހު 2023 އޮކްޓޫބަރު 29 ވަނަ ދުވަހުގެ 10.00 ގެ ކުރިން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލަށް ހުށަހަޅަން ޖެހެއެވެ. މުބާރާތް ބާއްވާ ރަށެއް ނިންމާނީ ހޯސްޓް ކުރުމަށްއެދި ހުށަހަޅާ ފޯމްތައް އިވެލުއޭޓް ކުރުމަށްފަހު އެންމެގިނަ ޕޮއިންޓް ލިބޭ ފޯމް ހުށަހެޅި ސްކޫލް ހިމެނޭ ރަށެއްގައެވެ. ފޯމް މިހާރުވަނީ ސްކޫލްތަކަށް ފޮނިފައެވެ.

މީގެ ކުރީގެ އަހަރުތަކުގައި އަތޮޅު ޤުރުއާން މުބާރާތުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ދެމުންގެންދާ ފައިސާ ފޮނުވަމުން ގެންދަނީ މުބާރާތް ބާއްވާ ރަށެއްގެ ރަށުކައުންސިލަށް ކަމަށްވެފައި މުބާރާތް ކުރިއަށް ގެންދަނީވެސް އަތޮޅުކައުންސިލާއި، ރަށުކައުންސިލާއި ގުޅިގެން ނަމަވެސް މިއަހަރުން ފެށިގެން އަތޮޅު ޤުރުއާން މުބާރާތް ކުރިއަށް ގެންދާގޮތަށް އަތޮޅު ކައުންސިލުން ނިންމާފައިވަނީ އަތޮޅު ކައުންސިލާއި މުބާރާތް ބާއްވާ ރަށެއްގެ ސްކޫލަކާ ގުޅިގެންނެވެ. ޤުރުއާން މުބާރާތުގެ އިންތިޒާމްތައް ހަމަޖެއްސުމަށް އަތޮޅު ކައުންސިލުން ދޭ ފައިސާވެސް ދޭނީ މުބާރާތް ބާއްވާ ރަށެއްގެ ސްކޫލަކަށެވެ.

ފ. އަތޮޅު ޤުރުއާން މުބާރާތުގެ އިންތިޒާމްތައް ހަމަޖެއްސުމަށް މުބާރާތް ބާއްވާ ރަށެއްގެ ސްކޫލަކަށް މިއަހަރު ދިނުމަށް އަތޮޅު ކައުންސިލުން ނިންމާފައިވަނީ -/20،000 ރުފިޔާއެވެ. މިފައިސާ މިއަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ ޕޭމަންޓަކަށް ބަހާލައިގެންނެވެ. އެއީ މުބާރާތް ފެށުމުގެ ކުރިން -/10،000 ރުފިޔާ ދޫކުރުމަށްފަހު މުބާރާތް ނިމުމުން -/10،000 ރުފިޔާ ދޫކުރާ ގޮތަށެވެ.

ފ. އަތޮޅު ޤުރުއާން މުބާރާތް ބާއްވާ ރަށްނޫން އެހެން ރަށްރަށުގެ ސްކޫލް ތަކަށް ރަމްޒީ އެހީގެ ގޮތުގައި ދޭ ފައިސާގެ ޢަދަދު މިއަހަރުވަނީ ބޮޑުކޮށްފައެވެ. މި އަހަރު ކޮންމެ ސްކޫލަކަށް -/5،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. 2022 ވަނަ އަހަރު ދީފައިވަނީ -/3،000 ރުފިޔާއެވެ. ސްކޫލްތަކަށް މިއަހަރު ދިނުމަށް ކަނޑައަޅާފައިވާ ފައިސާ ދިނުމަށް އަތޮޅު ކައުންސިލުން ނިންމާފައިވަނީ މުބާރާތުގައި ބައިވެރިކުރަންޖެހޭ ދަރިވަރުންގެ ތެރެއިން މަދުވެގެން 1/2 ދަރިވަރުން ބައިވެރިކުރާ ސްކޫލް ތަކަށެވެ.

"ފ. އަތޮޅު ޤުރުއާން މުބާރާތް 2023" ހޯސްޓް ކުރުމަށް ހުށަހަޅާ ފޯމް

ފ. އަތޮޅު ޤުރުއާން މުބާރާތުގެ ޤަވާޢިދު 2023

ފ. އަތޮޅު ޤުރުއާން މުބާރާތުގެ އުޞޫލް 2023