ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ފައިސާ ހޯދުމުގެ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

21 އޮކްޓޫބަރު 2023


ޔަހޫދީ އިސްރާއީލުން ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާތަކާ ގުޅިގެން ޙާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފައިސާ ހޯދުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ފ. ނިލަންދޫ ކައުންސިލުން އިސްނަގައިގެން ނިލަންދޫގައިހުރި ސަރުކާރުގެ މުވައްސަސާތަކާއި ގުޅިގެން ނިލަންދޫ އިރުމަތީ ބަނދަރު ސަރަޙައްދުގައި 2023 އޮކްޓޫބަރު 20 ވަނަ ދުވަހުގެ ހަވީރު 4.00 އިން ރޭގަނޑުގެ 12.00 އަށް ވަރަށް ފޯރިއާއި ޖޯޝާއެކުގައި މުވައްސަސާތަކުގެ މުވައްޒަފުން ކުރިއަށް ގެންދިޔަ މި ޙަރަކާތުގައި މުވައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން ފ. ނިލަންދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުންވެސް ބައިވެރިވެ ފައިސާ ހަދިޔާ ކުރަމުން ގެންގޮސްފައިވެއެވެ.

ޙާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަށް އެހީވުމަށް ފައިސާ ހޯދުމަށް މުވައްސަސާތަކުން ކުރިއަށް ގެންދިޔަ ޙަރަކާތް ތަކުގެ ތެރެއިން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި، ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓާއި، ފ. ފެމެލީ ޗިލްޑްރަން ސާރވިސް ސެންޓަރާއި، ބެންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން ގުޅިގެން ކުރިއަށް ގެންދިޔަ ޙަރަކާތް ތަކުން -/27،012 ރުފިޔާ ލިބިފައި ވެއެވެ. މި ޙަރަކާތުގެ އިތުރުން ނިލަންދޫގައި ހުރި ހުރިހާ މުވައްސަސާތަކުގެ މުވައްޒަފުންގެ 01 ދުވަހުގެ މުސާރަވެސް ހަދިޔާ ކުރާގޮތަށްވަނީ ނިންމާފައެވެ.

ޔަހޫދީ އިސްރާއީލުން ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާތަކާ ގުޅިގެން ފަލަސްޠީނުގެ އެތައް ރައްޔިތުންނެއްވަނީ މަރުވެފައެވެ. އެތައް ޢާއިލާތަކެއްވަނީ މަގުމަތިވެފައެވެ. އެއްވެސް ރަޙްމެއްނެތި ކޮންމެ ދުވަހަކު ބޮންއަޅައި ދެމުން ގެންދާ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން ޙާލުގައި ޖެހިފައިވާ ފަލަޞްތީނުގެ ލޮބުވެތި ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި މިހާރު ކުރިއަށް ގެންދާ ފައިސާ ހޯދުމުގެ ޕްރޮގްރާމްގެ ދަށުން ނިލަންދެއަތޮޅު އުތުރުބުރީގެ ހުރިހާ ރަށެއްގައިވެސް ފައިސާ ހޯދުމުގެ އެކިއެކި ޙަރަކާތްތައް މިހާރު ކުރިއަށް އެބަގެންދެއެވެ. ހުރިހާ ރަށެއްގެ ރައްޔިތުންވެސް ވަރަށް ޖޯޝާފޯރީގައި މި ޙަރަކާތްތަކުގައި ބައިވެރިވެ ފައިސާ ހަދިޔާ ކުރަމުން ގެންދެއެވެ.

ދިވެހިންތިބީ ފަލަސްޠީނުގެ ރައްޔިތުންނާއި އެކުގައިކަން ހާމަކުރުމުގެ ގޮތުން 2023 އޮކްޓޫބަރު 13 ވީ ހުކުރު ދުވަހު މާލެއާއި އަތޮޅުތަކުގެ ރަށްރަށުގައި ބޭއްވުމަށް އިންތިޒާމްކުރި ބޮޑު އެއްވުމާއި ހިނގާލުމުގެ ޙަރަކާތްވެސް މިއަތޮޅުގެ ކޮންމެ ރަށެއްގައި އިންތިޒާމްކޮށް، ކޮންމެ ރަށެއްގައިވެސް ކުދި ބޮޑު އެންމެހާ ރައްޔިތުން އެދުވަހުގެ އެއްވުމާއި ހިނގާ ލުމުގައި ބައިވެރިވެ ފަލަސްޠީނާއި އެކުގައި ތިބިކަމުގެ ޝުޢޫރުތައް ފާޅުކޮށް އެދުވަހުގައިވެސް ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި ފައިސާ ހަދިޔާކުރަމުން ގެންގޮސްފައި ވެއެވެ.