ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް މޮނިޓަރ ކުރުމުގެ މަސައްކަތް ނިންމައިފި

19 އޮކްޓޫބަރު 2023


ކައުންސިލްތައް މޮނިޓަރ ކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް މޮނިޓަރ ކުރުމުގެ މަސައްކަތް 2023 އޮކްޓޫބަރު 19 ވަނަ ދުވަހު ނިންމައިފިއެވެ.

މޮނިޓަރިންގައި ފާހަގަކުރި ކަންތައްތަކާބެހޭ މަޢުލޫމާތު ދިނުމަށް ޓީމުގެ ފަރާތުން 2023 އޮކްޓޫބަރު 19 ވަނަ ދުވަހުގެ ހެނދުނު 10.00 ގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގައި ބައްދަލުވެއް ބާއްވާފައި ވެއެވެ. މި ބައްދަލުވުމުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދާއި، އަތޮޅުކައުންސިލްގެ ވެރިންނާއި އިދާރީމުވައްޒަފުން ބައިވެރިވެފައި ވެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް މޮނިޓަރ ކުރުމުގައި ބެލުމަށް ކަނޑައަޅާފައިވާ 129 ކަންތައް ތަކުގެ ތެރެއިން 115 ކަމެއް ވަރަށް ރަގަނޅަށް ހުރިކަމަށް އަދި 14 ކަމެއް ރަގަނޅު ކުރަންޖެހޭ ކަންތައް ތަކުގެ ގޮތުގައި ފާހަގަ ކުރެވުނު ކަމަށް މޮނިޓަރިންގ ޓީމުން ފާހަގަކޮށްފައި ވެއެވެ. ފާހަގަކުރެވޭފަދަ ބޮޑަތި މައްސަލަތައް ކައުންސިލްގައި ފާހަގަ ކުރެވިފައި ނުވާކަމަށާއި، ޖުމްލަ ގޮތެއްގައި ފައިސާއާއި، އިދާރީ ކަންކަމާއި އަދި އެނޫން އެހެން ކަންކަންވެސް ގެންގޮސްފައިވާގޮތް ވަރަށް ރަގަނޅު ކަމަށް މޮނިޓަރިންގ ޓީމުން ފާހަގަ ކޮށްފައި ވެއެވެ.

މޮނިޓަރިންގެ މަސައްކަތުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ، އަތޮޅު ކައުންސިލްގެ ވޯކްއެންވަޔަރމަންޓް އެނަލިލިސްގެ ރިޕޯޓަށް ބަލާއިރު، މުވައްޒަފުން މަސައްކަތް ކުރުމަށް ބޭނުންވާ އާލަތްތައް ވަރަށް ރަގަނޅަށް ހޯދާ ދީފައިވާ ކަމަށާއި، މުވައްޒަފުން ހިތްހަމަޖެހިގެން މަސައްކަތް ކުރެވޭނެ މާޙައުލެއް ޤާއިމްވެފައި ނެތްކަމަށާއި، އެކިއެކި ޔުނިޓްތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުންތައް ރަގަނޅަށް ނެތްކަމަށާއި، ވަކިވަކި މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުންތައް ރަގަނޅުކަމަށް މުވައްޒަފުން ފާހަގަ ކޮށްފައިވާތީ، ކުރިއަތްއޮތް ތަނުގައި އެކަންތައްތައް ރަގަނޅުކޮށް އެއްޓީމެއްގެ ގޮތުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މޮނިޓަރިންގ ޓީމުގެ ބޭފުޅުން ލަފާދެއްވިއެވެ.

ކައުންސިލްތައް އުފެދުނުފަހުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އެންމެފަހުން މޮނިޓަރ ކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ. ދިގު މުއްދަތަކަށްފަހު މޮނިޓަރ ކޮށްފައިވާތީ، ކުރިއަށް އޮތްތަނުގައި މިއަށްވުރެ އަވަހަށް މޮނިޓަރ ކުރެވޭނެ ނިޒާމެއް ޤާއިމްކޮށްދެއްވުމަށާއި، ރަށްރަށުގެ ރަށުކައުންސިލްތައް މޮނިޓަރ ކުރުމަށްފަހު އެލް.ޖީ.އޭ އަށް ފޮނުވާ ރިޕޯޓްތަކާއި، ރަށުކައުންސިލްތަކުގެ މާލީބަޔާންތަކުގައި ރަގަނޅު ކުރަންޖެހޭ ވަރަށްގިނަ ކަންތައްތައް ހުންނައިރު، އެލް.ޖީ.އޭ އިން އެކަމަށް އެއްވެސް ފިޔަވަޅެއް އަޅުއްވަމުން ނުގެންދަވާކަން ފާހަގަކޮށް، ރަށުކައުންސިލް ތަކުގެ މަސައްކަތްތައް ރަގަނޅު ކުރުމަށް އަތޮޅު ކައުންސިލުން ކުރަމުން ގެންދާ މަސައްކަތްތަކުގައި އެލް.ޖީ.އޭގެ އެހީތެރިކަން ވަރަށްބޮޑަށް ބޭނުންވާ ކަމުގައި އަތޮޅު ކައުންސިލްގެ ރައީސާއި، އިދާރާވެރިން ފާހަގަ ކޮށްފައި ވެއެވެ.

އެލް.ޖީ.އޭ.ގެ މޮނިޓަރިން ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ؛

1. އޮޑިޓަރ މުޙައްމަދު އިރުފާމް

2. އޮޑިޓަރ އަޙްމަދު ސައިފުﷲ ޙަސަން

3. އޮޑިޓަރ ރިޒްނާ ޢަބްދުލް ވައްހާބު

4. ފައިނޭންސް އޮފިސަރ މިފްތާހު މަޖީދު

ލޯކަލް ގަވަރމަންޓް އޮތޯރިޓީން ފަރާތުން ކުރިއަށްގެންދިޔަ މި މޮނިޓަރިންގައި ބަލާފައިވަނީ 2022 ވަނަ އަހަރު ނިލަންދެއަތޮޅު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ހިންގާފައިވާ އިދާރީ ކަންތައްތަކާއި ފައިސާއާއި އެ އަހަރުގެ އެހެނިހެން މުޢާމަލާތް ތަކެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތައް ހިނގަމުންދަނީ ޤާނޫނުއަސާސީއާއި ލާމަރުކަޒީ ޤާނޫނާއި އަދި އެހެނިހެން ޤާނޫނުތަކާއި އެއްގޮތަށްތޯ ބަލައި، އެމަސައްކަތްތަކާއި ޙަރަކާތްތައް ޤައުމީ ފެންވަރުގައި ވިލަރެސްކުރުމަކީ ލޯގަލްފަވަރމަންޓް އޮތޯރިޓީގެ ޒިންމާއެކެވެ.