ފ. އަތޮޅު އިންޓަރސްކޫލް ކުޅިވަރު މުބާރާތް ފަށައިފި

08 އޮކްޓޫބަރު 2023


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މިއަތޮޅުގެ ސްކޫލް މަދަރުސާ ތަކުގެ ދަރިވަރުންގެ މެދުގައި މިއަތޮޅު ބިލެއްދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފ. އަތޮޅު އިންޓަރސްކޫލް ކުޅިވަރު މުބާރާތް 2023 އޮކްޓޯބަރ 08 ވަނަ ދުވަހުގެ ހަވީރު ބިލެއްދޫ ފުޓްސަލް ދަނޑުގައި ފަށައިފިއެވެ. މި ކުޅިވަރު މުބާރާތް ފަށާފައިވަނީ ހޭންޑްބޯލް މުބާރާތުގެ މެޗަކުންނެވެ. ހަވީރު 4.00 ގައިފެށި މި މެޗްގައި ބައްދަލުކުރީ ބިލެއްދޫ ސްކޫލްގެ އަންހެން ޓީމާއި، ދަރަނބޫދޫ ސްކޫލްގެ އަންހެން ޓީމެވެ. ފޯރިގަދަ ކުޅެމެއް ފެނިގެންދިޔަ މި މެޗްގައި 05 ލަނޑު 06 ލަނޑުން މެޗު ކާމިޔާބުކުރީ ބިލެއްދޫ ސްކޫލްގެ އަންހެން ޓީމެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ 2023 އޮކްޓޫބަރު 08 ވަނަ ދުވަހުގެރޭ 20.00 ގައި ކުޅުމަށް ހަމަޖެހިފައިވާ ބިލެއްދޫ ސްކޫލާއި، ދަރަނބޫދޫ ސްކޫލް ބައްދަލުކުރާ ފުޓްސަލް މެޗު ފެށުމުގެ ކުރިންނެވެ. ރަސްމިއްޔާތު އޮންނާނީ ބިލެއްދޫ ފުޓްސަލް ދަނޑުގައެވެ. މި ރަސްމިއްޔަތު ޝަރަފްވެރި ކޮށްދެއްވާނީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ. ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބިލެއްދޫ ސްކޫލްގެ ފިރިހެން ޓީމާއި، ދަރަނބޫދޫ ސްކޫލްގެ ފިރިހެން ޓީމެވެ.

ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މިއަތޮޅުގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުންގެ މެދުގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ މި ކުޅިވަރު މުބާރާތުގައި ހިމެނޭ ފުޓްސަލް މުބާރާތް ކުރިއަށްދާނީ ސްކޫލް މަދަރުސާތަކުގެ ފިރިހެން ދަރިވަރުންގެ މެދުގައެވެ. ހޭންޑްބޯލް މުބާރާތް ކުރިއަށްދާނީ އަންހެން ދަރިވަރުންގެ މެދުގައެވެ. މި ދެ މުބާރާތުގައިވެސް ކުޅޭނީ ސްކޫލް މަދަރުސާ ތަކުގެ ދަރިވަރުންގެ ތެރެއިން ގްރޭޑް 01 އާއި 10 އާއި ދެމެދުގެ ދަރިވަރުންނެވެ.

2023 އޮކްޓޫބަރު 08 އިން 13 އަށް ކުރިއަށް ގެންދާ މި ކުޅިވަރު މުބާރާތުގެ މެޗްތައް ކުޅޭނީ ލީގު އުޞޫކުންނެވެ. ހަވީރު ކުޅެވޭނީ އަންހެން ދަރިވަރުންގެ ހޭންޑްބޯލް މެޗުތަކެވެ. ރޭގަނޑު ކުޅޭނީ ފިރިހެން ދަރިވަރުންގެ ފުޓްސަލް މެޗުތަކެވެ. ހަވީރުކުޅޭ ހޭންޑްބޯލް މެޗްތައް ފެށޭނީ 4.00 ގައެވެ. ރޭގަނޑުގައިކުޅޭ ފުޓްސަލް މެޗުތައް ފެށޭނީ 8.00 ގައެވެ. ފައިނަލްމެޗު އޮންނަ ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހަވީރު 02 މެޗު، ރޭގަނޑު 02 މެޗު ކުޅޭނެއެވެ. ފައިނަލް މެޗުތައް އޮންނާނީ 2023 އޮކްޓޫބަރު 13 ވާ ހުކުރު ދުވަހުއެވެ. މި ކުޅިވަރު މުބާރާތުގެ ހުރިހާ މެޗުތަކެއް ދަރަނބޫދޫ ދަނިއުސް އިން ވަގުތުން ލައިވް ކުރަމުން ގެންދާނެއެވެ.