ފ. އަތޮޅު އިންޓަރސްކޫލް ކުޅިވަރު މުބާރާތުގައި ބައިވެރިވާ ސްކޫލްތަކުގެ ޓީމްތަކަށް މަރުޙަބާ ކިޔައިފި

08 އޮކްޓޫބަރު 2023


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ފުރަތަމަ ފަހަރަށް މިއަތޮޅުގެ ސްކޫލް މަދަރުސާތަކަށް ހުޅުވާލައިގެން މިއަތޮޅު ބިލެއްދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުޅިވަރު މުބާރާތުގައި ބައިވެރިވާ އެހެން ރަށްރަށުގެ ސްކޫލް މަދަރުސާ ތަކުގެ ޓީމްތައް ބިލެއްދޫއަށް ދިއުމުން ބިލެއްދޫ ސްކޫލުންނާއި ބިލެއްދޫގެ ރައްޔިތުން ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

މި ކުޅިވަރު މުބާރާތުގައި ބައިވެރިވާ ސްކޫލް މަދަރުސާތަކުގެ ޓީމްތަކަށް މަރުޙަބާ ކިއުމާއި މެހުމާންދާރީ އަދާކުރުމަށް ބިލެއްދޫގެ ބަނދަރުމަތިވަނީ ވަރަށްބޮޑަށް ޒީނަތްތެރިކޮށްފައެވެ. ކޮންމެ ސްކޫލަކަށްވެސް ކިޔާފައިވަނީ ރަތްދޫލައިގެ މަރުޙަބާ އެކެވެ. ސްކޫލް މަދަރުސާތަކުގެ ދަރިވަރުންގެ މެދުގައި އަތޮޅު ފެންވަރުގައި މީގެކުރިން ބޭއްވި އެއްވެސް މުބާރާތެއްގެ ޓީމްތަކަށް މަރުޙަބާ ކިޔާފައިނުވާހާ ފުރިހަމަކޮށް ބިލެއްދޫ ސްކޫލާއި ބިލެއްދޫގެ ރައްޔިތުން މި މުބާރާތުގެ ޓީމްތަކަށް މަރުޙަބާ ކިޔާފައިވާކަން ފާހަގަ ކުރެވެއެވެ.

މި ކުޅިވަރު މުބާރާތް ހޯސްޓް ކުރުމަށް ހުޅުވާލި ފުރުޞަތުގައި ބިލެއްދޫ ސްކޫލުން ހޯސްޓްކޮށްގެން ބިލެއްދޫގައި ކުރިއަށް ގެންދާ މި ކުޅިވަރު މުބާރާތް ބިލެއްދޫގައި ކުރިއަށް ގެންދިއުމުގައި ބިލެއްދޫ ސްކޫލާއި ބިލެއްދޫގެ މުވައްސަސާތަކާއި އަދި ބިލެއްދޫގެ އޮޑިވެރިންނާއި، ފިޔަފާރި ވެރިންނާއި ޖުމްލަކޮށް ބިލެއްދޫގެ ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބެމުން އަންނަކަން ފާހަގަކުރެވެއެވެ. މުބާރާތުގައި ބައިވެރިވި އެހެން ރަށްރަށުގެ ޓީމްތަކަށް މެހުމާންދާރީ އަދާކުރުމަށް ކޮންމެ ސްކޫލަކަށް ފޯކަލްޕޮއިންޓެއް ހަމަޖައްސައި މެހުމާންދާރީ އަދާކުރުމަށް ރަގަނޅު އިންތިޒާމްތަކެއް ހަމަޖައްސާފައި ވެއެވެ. މި މުބާރާތް އަމަން އަމާން ކަމާއެކުގައި ކުރިއަށް ގެންދިއުމަށް މުބާރާތް ބާއްވާ ބިލެއްދޫ ފުޓްސަލް ދަނޑުގައިވެސް ހަމަޖައްސަންޖެހޭ ހުރިހާ އިންތިޒާމްތަކެއް ވަރަށް ރަގަނޅަށް ހަމަޖައްސާފައިވެއެވެ.

2023 އޮކްޓޫބަރ 08 އިން 13 އަށް ކުރިއަށް ގެންދާ މި ކުޅިވަރު މުބާރާތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހޭންޑްބޯލް މުބާރާތަކާއި، ފުޓްސަލް މުބާރާތެކެވެ. ހޭންޑްބޯލް މުބާރާތް ކުރިއަށް ގެންދާނީ އަންހެން ދަރިވަރުންނަށެވެ. ފުޓްސަލް މުބާރާތް ކުރިއަށް ގެންދާނީ ފިރިހެން ދަރިވަރުންނަށެވެ. މި ދެމުބާރާތުގައިވެސް ބައިވެރިވާނީ ސްކޫލް މަދަރުސާތަކުގެ ގްރޭޑް 01 އިން 10 އާއި ދެމެދުގެ ދަރިވަރުންނެވެ.

މި ކުޅިވަރު މުބާރާތުގައި ހިމެނޭ ހޭންޑްބޯލް މުބާރާތުގެ ކުޅުން ކުރިއަށް ގެންދާނީ ހަވީރު 4.00 ގައެވެ. ފުޓްސަލް މުބާރާތުގެ ކުޅުން ކުރިއަށް ގެންދާނީ ރޭގަނޑުގެ 20.00 ގައެވެ. ފައިނަލް މެޗް އޮންނަ ދުވަސް ފިޔަވައި އެހެން ކޮންމެ ދުވަހަކުވެސް ކޮންމެ މުބާރާތަކުންވެސް 02 މެޗުގެ ކުޅުން ކުރިއަށް ގެންދާނެއެވެ. މުބާރާތުގެ ހުރިހާ މެޗްތަކެއް މިއަތޮޅު ދަރަނބޫދޫ ދަނިއުސް އިން ވަގުތުން ލައިވް ކުރަމުން ގެންދާނެއެވެ.

މި ކުޅިވަރު މުބާރާތްތަކުގެ ސްޕޮންސަރުންނަކީ ފ. ބިލެއްދޫ ކައުންސިލް، ފ. ނިލަންދޫ ރިއަލް ޖާރޒީ އަދި ފާފު ޕޮލިސް ކުލަބެވެ. މީޑިއާ ޕާޓްނަރަކީ ދަރަނބޫދޫ ދަނިއުސްއެވެ. 2023 އޮގަސްޓް 10 އިން 16 އަށް މިއަތޮޅު ނިލަންދޫގައި ކުރިއަށް ގެންދިޔަ ވޮލީ މުބާރާތުގެ މީޑިއާ ޕާރޓްނަރުކަންވެސް ކޮށްފައިވަނީ ދަނިއުސް އިންނެވެ.