ފ. އަތޮޅު އިންޓަރސްކޫލް ކުޅިވަރު މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ދަނިއުސް ހަމަޖައްސައިފި

05 އޮކްޓޫބަރު 2023


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މިއަތޮޅުގެ ސްކޫލް މަދަރުސާ ތަކުގެ ދަރިވަރުންގެ މެދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފ. އަތޮޅު އިންޓަރސްކޫލް ކުޅިވަރު މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް މިއަތޮޅު ދަރަނބޫދޫ ދަނިއުސް ހަމަޖައްސައިފިއެވެ. މުބާރާތް އޮންނާނީ 2023 އޮކްޓޫބަރ 08 އިން 13 އަށް މިއަތޮޅު ބިލެއްދޫގައެވެ.

މި ކުޅިވަރު މުބާރާތުގެ މީޑިއާގެބައި ކުރިއަށް ގެންދިއުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި، ދަނިއުސްއާއި ދެމެދު 2023 ސެޕްޓެންބަރ 26 ވަނަ ދުވަހު ދަރަނބޫދޫ ކައުންސިލް އިދާރާގައި ބައްދަލުވުމެއް ބާއްވައި، ދެ ފަރާތުން ކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކޮށް އެއްބަސްވުމެއް އެކުލަވާލާފައި ވެއެވެ. އެއްބަސްވެފައިވާ ގޮތުގެމަތިން މުބާރާތުގެ ހުރިހާ މެޗްތަކެއް ދައުނިއުސް އިން ވަގުތުން ލައިވް ކުރާނެއެވެ. އަދި ފޮޓޯ ގެނުމާއި، މުބާރާތުގެ ޚަބަރުތައް ފެތުރުމުގެ މަސައްކަތްވެސް ދަނިއުސްއިން ކުރަމުން ގެންދާނެއެވެ.

މި ކުޅިވަރު މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ދަނިއުސް ހަމަޖައްސާފައިވާއިރު، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން މިއަތޮޅުގެ ރަށުކައުންސިލް ތަކުގެ މެދުގައި 2023 އޮގަސްޓް 10 އިން 16 އަށް މިއަތޮޅު ނިލަންދޫގައި ކުރިއަށް ގެންދިޔަ ވޮލީ މުބާރާތުގެ މީޑިއާ ޕާޓްނަރުކަންވެސް ކޮށްފައިވަނީ ދަނިއުސް އިންނެވެ. މި މުބާރާތުގެ މެޗުތައް ވަގުތުން ލައިވްކުރުމާއި ފޮޓޯ ނެގުމާއި، މުބާރާތުގެ ޚަބަރުތައް ފެތުރުމުގެ މަސައްކަތް ދަނިއުސް ޓީމުން ވަރަށް ފުރިހަމައަށް ގެންގޮސްފައި ވެއެވެ.

މިއަތޮޅުގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުންގެ މެދުގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ މި ކުޅިވަރު މުބާރާތުގެ ތެރެއިން ފުޓްސަލް މުބާރާތް ކުރިއަށްދާނީ ސްކޫލް މަދަރުސާތަކުގެ ފިރިހެން ދަރިވަރުންގެ މެދުގައެވެ. ހޭންޑްބޯލް މުބާރާތް ކުރިއަށްދާނީ އަންހެން ދަރިވަރުންގެ މެދުގައެވެ. ސްކޫލް ތަކުގެ ގްރޭޑް 01 އިން 10 އާއި ދެމެދުގެ ދަރިވަރުންގެ މެދުގައި ކުރިއަށް ގެންދާ މިމުބާރާތުގައި މިއަތޮޅުގެ ރަށްރަށުގެ 05 ސްކޫލުންވެސް ބައިވެރިވެ ކޮންމެ ސްކޫލަކުންވެސް އަންހެން ޓީމަކާއި، ފިރިހެން ޓީމެއް (ޖުމްލަ 10 ޓީމު) ބައިވެރި ވެފައި ވެއެވެ.

ލީގު އުޞޫލުން ކުޅުމަށް ހަމަޖެހިފައިވާ މި ކުޅިވަރު މުބާރާތުގައި ހަވީރު ކުޅެވޭނީ އަންހެން ދަރިވަރުންގެ ހޭންޑްބޯލް މެޗުތަކެވެ. ރޭގަނޑު ކުޅޭނީ ފިރިހެން ދަރިވަރުންގެ ފުޓްސަލް މެޗުތަކެވެ. މެޗްތައް ކުޅެން ހަމަޖެހިފައިވާ ގޮތަށް ބަލާއިރު ފައިނަލްމެޗް އޮންނަ ދުވަސް ފިޔަވައި އެހެން ކޮންމެ ދުވަހަކު ފުޓްސަލް 02 މެޗް، ހޭންޑްބޯލް 02 މެޗްގެ ކުޅުން ކުރިއަށް ގެންދާ ނެއެވެ. ހޭންޑް ބޯލްއާއި، ފުޓްސަލް މުބާރާތުގެ ފައިނަލް މެޗް އޮންނާނީ 2023 އޮކްޓޯބަރ 13 ވާ ހުކުރު ދުވަހުއެވެ.

މި ކުޅިވަރު މުބާރާތުގައި ހިމެނޭ ހޭންޑްބޯލާއި، ފުޓްސަލް މުބާރާތުގެ ޗެންޕިއަން ކޮންމެ ޓީމަކަށް -/10000 ރުފިޔާ، ރަނަރަޕް ކޮންމެ ޓީމަކަށް -/7000 ރުފިޔާގެ ފައިސާގެ އިނާމު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ދިނުމަށްވަނީ ނިންމާފައެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މިއަތޮޅުގެ ސްކޫލް މަދަރުސާ ތަކުގެ ދަރިވަރުންނަށް ވާދަކުރެވޭ މުބާރާތެއްގެ ގޮތުގައި މީގެކުރިން ކުރިއަށް ގެންގޮސްފައިވަނީ ހަމައެކަނި އަތޮޅު ޤުރުއާން މުބާރާތެވެ. ޤުރުއާން މުބާރާތުގެ އިތުރުން ކުރިވަރު މުބާރާތްތަކާއި އަދަބީ މުބާރާތްތައްވެސް ބޭއްވުމަށް މިހާރުގެ އަތޮޅު ކައުންސިލުންވަނީ ނިންމާފައެވެ. ރޭވިފައިވާ ގޮތަށް ދާނަމަ، ސްކޫލް މަދަރުސާ ތަކުގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަދަބީ މުބާރާތްވެސް މިއަހަރު ބޭއްވިގެން ދާނެއެވެ.

ސްކޫލް މަދަރުސާ ތަކުގެ ދަރިވަރުންގެ މެދުގައި ވާދަކުރެވޭ މިފަދަ ޙަރަކާތްތައް އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިއުމަކީ ދަރިވަރުންނަށާއި ސްކޫލްތަކަށް އެތައްގޮތަކުން ފައިދާކުރާނެ ކަމެއް ކަމުގައި ސްކޫލްތަކުން ފާހަގަ ކުރެއެވެ.