ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އޭޒޯން ލައިސަންސްގެ ޚިދުމަތްދޭން ފަށައިފި

04 އޮކްޓޫބަރު 2023


އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ އޭޒޯން ލައިސަންސް ދޫކުރުމުގެ ޚިދުމަތް 03 އޮކްޓޫބަރ 2023 އިން ފެށިގެން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ދޭން ފަށައިފިއެވެ. މި ޚިދުމަތް ފެށުމާއެކު، މީގެކުރިން ދޫކުރަމުން ގެންދިޔަ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ ސީ ޒޯން ލައިސަންސް ދޫކުރުން އެތާރީޚުންފެށިގެން ވަނީ ހުއްޓާލާފައެވެ. އަލަށް ދޫކުރަންފެށި އޭޒޯން ލައިސަންސްގައި ދޫކުރާނީ ޑިޖިޓަލް ކާޑެވެ. ސީ. ޒޯން ލައިސަންސްގައި ދޫކުރަމުން ގެންދިޔައީ ފޮތެވެ.

އޭޒޯން ލައިސަންސްގެ ޚިދުމަތަށް އެދޭ ފަރާތްތަކުން ޚިދުމަތަށް އެދެންޖެހޭނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ސިމްސް https://sims.transport.gov.mv/login ޕޯޓަލްގެ ތެރެއިން އެމީހެއްގެ އީ ފާސް އެކަންޓް މެދުވެރިކޮށެވެ. މި ޚިދުމަތް ހޯދުމަށް ބޭނުންވާ ކޮންމެ މީހަކުވެސް އީ ފާސް އެކައުންޓެއް ހަދަންޖެހޭނެއެވެ.

ލައިސަންސްގެ ޚިދުމަތަށް އެދުމާއި ފައިސާ ދެއްކުމާއި، ތިޔަރީ ޓެސްޓާއި، ދުއްވުމުގެ ޓެސްޓް ހެދުމުގައި ޚިދުމަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ޢަމަލު ކުރަންޖެހޭ ގޮތުގެ މަޢުލޫމާތު ރަށްރަށުގެ ރައްޔިތުންނަށް ދިނުމަށްޓަކައި ހުސްވި ސެޕްޓެންބަރ މަހުގެ ފަހުކޮޅު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ޓީމެއް އަތޮޅުގެ ރަށްރަށަށްް ދަތުރުކޮށް ލައިސަންސާ ގުޅޭގޮތުން ދޭންޖެހޭ މަޢުލޫމާތުތައްވަނީ ދީފައެވެ.

އޭޒޯން ލައިސަންސް ހެއްދުމަށް ސަރުކާރަށް ދައްކަންޖެހޭ ފީތައް ދައްކަންޖެހޭނީ ސީދާ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނަށެވެ. އެމިނިސްޓްރީއަށް ފައިސާ ދައްކާނީ ސިމްސް ޕޯޓަލްގެ ތެރެއިން މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https://bandeyripay.finance.gov.mv މެދުވެރިކޮށެވެ. ލައިސަންސް ކާޑު އެމީހެއްގެ އީފާސްގެ ތެރެއިން ލިބޭގޮތަށް ހަމަޖެހިފައިވުމާއެކު، އެއްވެސް ފަރާތަކުން ލައިސަންސް ކާޑު ހޯދުމަށް އަތޮޅު ކައުންސިލަށް އަންނާކަށް ނުޖެހޭނެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ދޭ މި ޚިދުމަތަށް ތިރީގައިވާ ގޮތުގެމަތިން ޚިދުމަތުގެ ފީ ނެގުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ 2023 ވަނަ އަހަރުގެ 15 ވަނަ ޖަލްސާއިން 03 އޮގަސްޓް 2023 ގައި ނިންމާފައިވާތީ، ލައިސަންސްގެ ޚިދުމަތްހޯދާ ފަރާތްތަކުން މި ފީތައް އަތޮޅު ކައުންސިލަށް ދައްކަންޖެހޭނެއެވެ. ޚިދުމަތުގެ ފީއަށް ދައްކަންޖެހޭ ފައިސާ ޖަމާކުރާނީ ބެންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ބެންކް އެކައުންޓް (އެކައުންޓް ނަންބަރު: 7730000034215) އަށެވެ.

ލައިސަންސް އަލަށް ހެއްދުން، އާކޮށްދިނުން، ކެޓަގަރީ އިތުރުކުރުން، ގެއްލިގެން، މަޢުލޫމާތު ބަދަލުވެގެން ހައްދާއިރު މިއިން ކޮންމެ ޚިދުމަތަކަށް -/100 ރުފިޔާ، ލައިސަންސްގެ ޢަމަލީ އިމްތިޙާނު ހަދާ ކޮންމެ ފަހަރަކު ދެފުރޮޅުލީ ވެހިކަލަކަށް -/25 ރުފިޔާ، ދެފުރޮޅަށްވުރެ ގިނަފުރޮޅުލީ ވެހިކަލަކަށް -/50 ރުފިޔާ، ހެވީ ގިންތީގައި ހިމެނޭ ވެހިކަލަށް -/150 ރުފިޔާގެ ފީއެއް އަތޮޅު ކައުންސިލަށް ދައްކަން ޖެހޭނެއެވެ.

އޭޒޯން ލައިސަންސްގެ ޚިދުމަތް ދިނުމަށް މިއަތޮޅު ނިލަންދޫގައި ތައްޔާރުކުރި ލައިސަންސް ޓްރެކަކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭވިއޭޝަނުން ކަނޑައަޅާފައިވާ މިންގަނޑަށް ތައްޔާރު ކޮށްފައިވާ ޓްރެކެކެވެ. މިޓްރެކް ތައްޔާރު ކޮށްފައިވާގޮތް އެމިނިސްޓްރީން ޗެކް ކުރެއްވުމަށްފަހު މިއަތޮޅުގައި އޭޒޯން ލައިސަންސް ދޫކުރުމުގެ ހުއްދަ 13 ޖުލައި 2023 ގައި ދެއްވާފައި ވެއެވެ.

ލައިސަންސް ޓްރެކްގެ ބޮޑުމިނަކީ 120X120 ފޫޓެވެ. ޓްރެކް ތައްޔާރު ކުރުމަށް ބޭނުންވާ ބިން ނިލަންދޫ ކައުންސިލުން އަތޮޅު ކައުންސިލާއި ޙަވާލުކުރީ 22 މޭ 2022 ގައެވެ. ޓްރެކް ތައްޔާރު ކުރުމުގެ މަސައްކަތްފެށީ 25 އޮކްޓޫބަރ 2022 ގައެވެ. މަސައްކަތް ނިމުނީ 15 ޖޫން 2023 ގައެވެ. ޚިދުމަތް ދިނުމަށްފެށިއިރު ޓްރެކްގެ ނަމުނާގައިވާ ގޮތުގެމަތިން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއްވަނީ ފުރިހަމަކޮށްފައެވެ.

ލައިސަންސް ޓްރެކްގެ ވަށާއިންފާރު ރޭނުމާއި އެތެރޭގައި ގާފޮޅުތައް ރާނައި ސިމެންތި ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ 2022 ވަނަ އަހަރުއެވެ. ޓްރެކްގައި ދުއްވާ ސަރަޙައްދު ތަކުގައި އަޅަންޖެހޭ ކޮންކްރީޓް ތަޅުން އެޅުމުގެ މަސައްކަތާއި ޓުރެކްގައި ކުރަހަންޖެހޭ ސަރަޙައްދު ތަކުގައި ކުރެހުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ 2023 ވަނަ އަހަރުއެވެ.

ލައިސަންސް ޓްރެކް ތައްޔާރު ކުރުމަށް 25 އޮކްޓޫބަރ 2022 އިން ފެށިގެން 30 ސެޕްޓެންބަރ 2023 ގެ ނިޔަލަށް ކުރެވުނު މަސައްކަތްތަކަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ޓުރަސްޓް ފަންޑުގެ ބަޖެޓުން ޚަރަދު ވެފައިވަނީ 569,716/20 ރުފިޔާއެވެ. މި ޚަރަދު ތަކުގެ ތެރޭގައި ހިމެނެނީ ޓްރެކްގެ ވަށާއިންފާރާއި އެތެރޭގެ ގާފޮޅުތައްރާނައި ސިމެންތި ޖެހުމާއި، ޓްރެކްގެ ދުއްވަންޖެހޭ ސަރަޙައްދު ތަކުގައި ކޮންކްރީޓް ތަޅުމެއް އެޅުމާއި، ޓްރެކްގައި ކުރަންޖެހޭ ސަރަޙައްދު ތަކުގައި ކުރެހުމަށް ހޯދި ދަވާދާއި ޓުރެކާ ގުޅުންހުރި އެހެނިހެން މަސައްކަތް ކުރުމަށް ކުރެވުނު ޚަރަދު ތަކެވެ.

އޭޒޯން ލައިސަންސް ދޫކުރުމަށް ތައްޔާރުކުރި ޓްރެކް