ފ. އަތޮޅު އިންޓަރސްކޫލް ކުޅިވަރު މުބާރާތުގެ މެޗްތައް ކުޅޭގޮތުގެ ތާވަލް އެކުލަވާލައިފި

03 އޮކްޓޫބަރު 2023


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މިއަތޮޅުގެ ސްކޫލް މަދަރުސާތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފ. އަތޮޅު އިންޓަރސްކޫލް ކުޅިވަރު މުބާރާތުގެ (ފުޓްސަލް / ހޭންޑްބޯލް) މެޗްތައް ކުޅޭގޮތުގެ ތާވަލް އެކުލަވާލައިފިއެވެ. މެޗްތައް ކުޅޭގޮތުގެ ތާވަލް އެކުލަވާލީ މުބާރާތުގެ ގުރުއަތު ނެގުމަށްފަހުއެވެ. ގުރުއަތު ނެގުންއޮތީ 2023 އޮކްޓޫބަރ 03 ވަނަ ދުވަހު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ. ގުރުއަތު ނެގުމުގައި ހުރިހާ ސްކޫލް މަދަރުސާތަކުން ބައިވެރިވެފައި ވެއެވެ.

ފ. އަތޮޅު އިންޓަރސްކޫލް ކުޅިވަރު މުބާރާތަކީ ފ. އަތޮޅުގެ ސްކޫލް މަދަރުސާ ތަކުގެ ގްރޭޑް 01 އިން 10 ގެ ދަރިވަރުންގެ މެދުގައި ކުރިއަށް ގެންދާ ކުޅިވަރު މުބާރާތެކެވެ. މި ކުޅިވަރު މުބާރާތުގައި ހިމެނޭ ފުޓްސަލް މުބާރާތް ކުރިއަށް ގެންދާނީ ފިރިހެން ދަރިވަރުންނަށެވެ. ހޭންޑްބޯލް މުބާރާތް ކުރިއަށް ގެންދާނީ އަންހެން ދަރިވަރުންނަށެވެ. ފުޓްސަލް މުބާރާތް އޮންނާނީ ރޭގަނޑުގައެވެ. ހޭންޑްބޯލް މުބާރާތް އޮންނާނީ ހަވީރުއެވެ.

2023 އޮކްޓޫބަރ 08 ވަނަ ދުވަހުގެ ހަވީރު 16.00 ގައި މިއަތޮޅު ބިލެއްދޫގައި ފެށުމަށް ހަމަޖެހިފައިވާ މި ކުޅިވަރު މުބާރާތުގައި ފައިނަލް ދެ މެޗާއެކު ޖުމްލަ 22 މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ. ފައިނަލްމެޗް އޮންނަ ދުވަސް ފިޔަވައި އެހެން ކޮންމެ ދުވަހަކު ފުޓްސަލް 02 މެޗް، ހޭންޑްބޯލް 02 މެޗްގެ ކުޅުން ކުރިއަށް ގެންދާ މި ކުޅިވަރު މުބާރާތް ފެށުމުގެ ގޮތުން ފުރަތަމަ ކުޅޭނީ ހޭންޑްބޯލް މުބާރާތުގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރާނީ ބިލެއްދޫ ސްކޫލާއި، ދަރަނބދޫ ސްކޫލްގެ އަންހެން ޓީމެވެ.

މި ކުޅިވަރު މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ކުޅިވަރު މުބާރާތުގައި ހިމެނޭ ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތުގެ ކޮންމެޓީމެއް ކޮންމެޓީމަކާ ވާދަކޮށްގެން އެންމެގިނަ ޕޮއިންޓްހޯދާ ޓީމްތައް ފައިނަލްގައި ކުޅޭގޮތަށެވެ. ހޭންޑްބޯލް މުބާރާތުގެ ފައިނަލްމެޗް އޮންނާނީ 2023 އޮކްޓޫބަރ 13 ވާ ހުކުރުދުވަހުގެ ހަވީރުއެވެ. ފުޓްސަލް މުބާރާތުގެ ފައިނަލްމެޗް އޮންނާނީ މިދުވަހުގެ ރޭގައެވެ.

މި ކުޅިވަރު މުބާރާތުގައި ހިމެނޭ ހޭންޑްބޯލާއި، ފުޓްސަލް މުބާރާތުގެ ޗެންޕިއަން ކޮންމެ ޓީމަކަށް -/10000 ރުފިޔާ، ރަނަރަޕް ކޮންމެ ޓީމަކަށް -/7000 ރުފިޔާ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ދިނުމަށްވަނީ ނިންމާފައެވެ.

ކުޅިވަރު މުބާރާތް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ 2023 އޮކްޓޫބަރ 08 ވަނަ ދުވަހުގެރޭގައި ފުޓްސަލް މެޗް ފެށުމުގެ ކުރިންނެވެ. މި ކުޅިވަރު މުބާރާތް ހޯސްޓް ކޮށްފައިވަނީ ބިލެއްދޫ ސްކޫލުންނެވެ. ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާ ގުޅިގެން މުބާރާތުގެ ހުރިހާ އިންތިޒާމްތަކެއް ބިލެއްދޫ ސްކޫލުން ވަރަށް ރަގަނޅަށް ހަމަޖައްސަމުން އެބަގެންދެއެވެ.

މި ކުޅިވަރު މުބާރާތުގެ މީޑިއަރ ޕާރޓްނަރަކީ މިއަތޮޅު ދަރަނބޫދޫ ދަ ނިއުސް ޓީމެވެ. މި ކުޅިވަރު މުބާރާތުގެ ހުރިހާ މެޗުތަކެއް ދަނިއުސް ޓީމުން ވަގުތުން ލައިވް ކުރަމުން ގެންދާނެއެވެ. މި މަސައްކަތް ދަނިއުސް އިން ކުރިއަށް ގެންދަނީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި، ދަނިއުސްއާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުންނެވެ.

ފ. އަތޮޅު އިންޓަރސްކޫލް ކުޅިވަރު މުބާރާތުގެ މެޗްތައް ކުޅޭގޮތުގެ ތާވަލް