ފ. އަތޮޅު އިންޓަރސްކޫލް ކުޅިވަރު މުބާރާތް ބާއްވާނެރަށެއް ކަނޑައަޅައިފި

21 ސެޕްޓެންބަރ 2023


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން މިއަތޮޅުގެ ސްކޫލް މަދަރުސާތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފ. އަތޮޅު އިންޓަރސްކޫލް ކުޅިވަރު މުބާރާތް ބާއްވާނެރަށެއް ކަނޑައަޅައިފިއެވެ.

08 އޮކްޓޫބަރ 2023 ގައި ފެށުމަށް ހަމަޖެހިފައިވާ މި ކުޅިވަރު މުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުމަށްޓަކައި މުބާރާތް ހޯސްޓް ކުރުމުގެ ފުރުޞަތު މިއަތޮޅުގެ ހުރިހާ ސްކޫލް މަދަރުސާތަކަށް ހުޅުވާލުމުން އެކަމަށް އެދި ކުރިމަތިލާފައިވަނީ ބިލެއްދޫ ސްކޫލުންނާއި މަގޫދޫ ސްކޫލުންނެވެ. މި ދެ ސްކޫލުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގެ ތެރެއިން އެންމެގިނަ މާކްސް ހޯދާފައިވަނީ ބިލެއްދޫ ސްކޫލުން ކަމަށްވާތީ، 2023 ވަނަ އަހަރު މި ކުޅިވަރު މުބާރާތް ބާއްވާ ރަށެއްގެގޮތުގައި ކަނޑައަޅާފައިވަނީ މިއަތޮޅު ބިލެއްދޫއެވެ.

މިއަތޮޅުގެ ސްކޫލް މަދަރުސާތަކުގެ ގްރޭޑް 01 އިން 10 އާއި ދެމެދުގެ ދަރިވަރުންނަށް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދާ މި ކުޅިވަރު މުބާރާތުގައި ދެ ކުޅިވަރެއް ކުޅޭނެއެވެ. އެއީ ފުޓްސަލްއާއި ހޭންޑްބޯލް އެވެ. ފުޓްސަލް މުބާރާތް ކުރިއަށް ގެންދާނީ ފިރިހެން ދަރިވަރުންނަށެވެ. ހޭންޑްބޯލް މުބާރާތް ކުރިއަށް ގެންދާނީ އަންހެން ދަރިވަރުންނަށެވެ.

ކުޅިވަރު މުބާރާތުގެ ގޮތުގައި ކުރިއަށް ގެންދާ ފުޓްސަލްއާއި ހޭންޑްބޯލް މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފަނީ މި އިންކޮންމެ މުބާރާތެއްގައި ހިމެނޭ ކޮންމެޓީމެއް ކޮންމެޓީމަކާ ވާދަކޮށްގެން އެންމެގިނަ ޕޮއިޓްލިބޭ ދެ ޓީމް ފައިނަލްގައި ވާދަކުރާ ގޮތަށެވެ. މުބާރާތް ކުރިއަށް ގެންދާ ކޮންމެ ދުވަހެއްގައި ކޮންމެ ބަޔަކުންވެސް 02 މެޗު ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާ މި ކުޅިވަރު މުބާރާތުގެ ފައިނަލްމެޗު އޮންނާނީ 2023 އޮކްޓޯބަރ 13 ވާ ހުކުރު ދުވަހުގެ ހަވީރުއެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމުގައި މުބާރާތް ހޯސްޓްކުރި ބިލެއްދޫ ސްކޫލާއި، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ކުރަންޖެހޭ ކަންތައްތައް ކަނޑައަޅައި، އެމް.އޯ.ޔޫ އެއްގައި ސޮއިކުރުމަށްވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ބާއްވާ ރަށެއްގައި އަތޮޅު ކައުންސިލުން ކަނޑައަޅާފައިވާ އިންތިޒާމްތައް ހަމަޖެއްސުމަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަށް މުބާރާތް ބާއްވާ ރަށެއްގެ ސްކޫލަކަށް -/20،000 ރުފިޔާ ދިނުމަށް އަތޮޅު ކައުންސިލުންވަނީ ނިންމަވާފައެވެ.

މި ކުޅިވަރު މުބާރާތަކީ މިއަތޮޅުގެ ސްކޫލް މަދަރުސާ ތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން އަތޮޅު ފެންވަރުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ ފުރަތަމަ މުބާރާތެވެ. މި ކުޅިވަރު މުބާރާތް ބިލެއްދޫގައި ކުރިއަށްދާނީ 2023 އޮކްޓޯބަރ 08 އިން 13 އަށެވެ.