ޤައުމީ ދުވަހުގައި ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

16 ސެޕްޓެންބަރ 2023


މިއަހަރުގެ ޤައުމީދުވަސް (01 ރަބީޢުލް އައްވަލު 1445) ފާހަގަ ކުރުމުގެ ގޮތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގައި ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދުގެ ހެނދުނު 6.00 ގައި ބާއްވައިފިއެވެ.

ޤުރުއާނުގެ ބަރާކާތުން މި ރަސްމިއްޔާތު ފައްޓަވައި ދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ލީގަލް އޮފިސަރ ޙައްވާ އަނޫޝާއެވެ. ތަޢާރަފް ކުރުމާއި މަރުޙަބާ ދެންނެވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އެސިސޓެންޓް ކައުންސިލް އޮފިސަރ ޢާއިޝަތު ޔުމްނާއެވެ.

މިރަސްމިއްޔާތުގައި އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދު ދެއްކެވި ވާހަކަ ފުޅުގައި، ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ ކޮންދުވަހެއް ކަމާއި، އެދުވަސް ދިވެހިން ފާހަގަކުރަމުން ގެންދަނީ ކިހެނެއްވެގެންކަން ދިވެހިންނަށް އެނގެންޖެހޭ ކަމަށާއި، މިދުވަހަކީ ދިވެހިންގެ މެދުގައި ފަނޑުވެގެން ނުދާނޭ ދުވަހެއް ކަމަށާއި، ޕޯޒްގީޒުންގެ އަނިޔާވެރިކަމުން މި ދިވެހި ޤައުމު މިނިވަންކޮށްދެއްވި ބަޠަލް މުޙައްމަދު ތަކުރުފާނު ކުރެއްވި ވަރުގަދަ ޖިހާދުގެ ހަނދާންތައް އަނބަދުމެ އާކުރުމަކީ ދިވެހިންނަށް ލިބެމުންދާ ވަރަށްމަތިވެރި ފަޚްރަކާއި ޝަރަފެއްކަމުގައި ވިދާޅުވިއެވެ.

ދިވެހިންގެ މިނިވަންކަމާއި އިސްތިޤްލާލު ދަމަހައްޓައި ދިވެހިންގެ މިނިވަންކަން ގެއްލިގެންދިޔަ ނުދިނުމަށް މަސައްކަތްކުރުމަކީ ކޮންމެ ދިވެހި ރައްޔިތަކުވެސް ކުރަންޖެހޭ ކަމެއްކަމަށާއި، ދިވެހިންގެ މިނިވަންކަން ގެއްލިގެންދިޔަ ކޮންމެ ފަހަރަކުވެސް ދިވެހި ރައްޔިތުން ބަރުދާސްތު ކުރަމުން ގެންގޮސްފައިވާ ކަންތައްތައް ތާރީޚުން މިއަދު ފެންނަންހުރި ކަމަށްވިދާޅުވެ، ބޮޑުތަކުރުފާނު އެ ދެއްކެވި ނަމޫނާ ދިވެހި ކޮންމެ ރައްޔިތަކުވެސް ދެއްކެވުމަށް ރައީސް ޢަލީ މުޙައްމަދުގެ ވާހަކަ ފުޅުގައި ވިދާޅުވިއެވެ.

ޤައުމީ ސަލާމުން ނިންމި މިރަސްމިއްޔަތުގައި ނިލަންދޫގައިހުރި ސަރުކާރުގެ މުވައްސަސާތަކުގެ ވެރިންނާއި، މުވައްޒަފުންގެ އިތުރުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ވެރިންނާއި މުވައްޒަފުން ބައިވެރި ވެފައި ވެއެވެ.