ތާރީޚްގެ ތެރެއިން އަތޮޅުކައުންސިލްގެ އަހަރީ ޙަފްލާ

31 އޮގަސްޓު 2023


ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތަކާއި، ޚިދުމަތްދޭ އެހެނިހެން ތަންތަނުގައި ވަޒީފާ އަދާކުރާ، ޚިދުމަތްތެރި މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން އިނާމު ދިނުމުގެ އަހަރީ ހަފްލާތައް ބާއްވަމުން ގެންދިއުމަކީ އެކި އިދާރާތަކުން ކުރަމުން ގެންދާ ކަމެކެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު އޮފީހުގެ ނަމުގައި އަތޮޅު އޮފީސް ހިންގި ދުވަސްވަރު ޚިދުމަތްތެރި މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން އިނާމު ދިނުމުގެ އަހަރީ ޙަފްލާއެއް އެއްވެސް ދުވަސްވަރެއްގައި ބާއްވާފައިވާކަން އެނގޭކަށް ނެތެވެ. އަތޮޅު އޮފީހުގެ ދުވަސްވަރު އެފަދަ ޙަފްލާއެއް ބާއްވާފައިވާކަން އެނގިފައި ނުވާކަމަށް އަތޮޅު އޮފީހުގައި ކުރިން ވަޒީފާ އަދާކޮށްފައިވާ ދުވަސްވީ މުވައްޒަފުންގެ ފަރާތުން އެނގިފައި ވެއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން 2011 ފެބްރުވަރީ 21 ގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު އޮފީހުގެނަން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ނަމަށް ބަދަލުކުރިފަހުން އަތޮޅު ކައުންސިލްގެ ފުރަތަމަ ދައުރުގައި 2013 ވަނައަހަރު އަހަރީ ޙަފްލާއެއް ބާއްވާފައި ވެއެވެ. މި ޙަފްލާއަކީ ޚިދުމަތްތެރި މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން އިނާމު ދިނުމަށް އަތޮޅު އޮފީސް ނުވަތަ އަތޮޅު ކައުންސިލްގެ ތާރީޚުގައި އެންމެ ފުރަތަމަ ފަހަރަށް ބޭއްވި އަހަރީ ޙަފްލާއެވެ.

2013 ފެބްރުވަރީ 26 ވަނަ ދުވަހުގެރޭ 20.30 ގައި އަތޮޅުކައުންސިލްގެ ގޯތިތެރޭގައި ބޭއްވި މި ޙަފްލާ ޝަރަފްވެރި ކޮށްދެއްވީ ޑިޕާރޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަކީބެވެ. މި ޙަފްލާގައި 2012 ވަނައަހަރުގެ އެޕްރައިޒަލްއިން %85 އަށްވުރެ މަތިން މާކްސް ހޯދާފައިވާ މުވައްޒަފުންނަށް ހަނަދާނީލިއުން ދިނުމާއި، 2012 ވަނައަހަރުގެ އެޕްރައިޒަލް އިން އެންމެމަތިން މާކްސް ހޯދާފައިވާ ފަރާތަކަށާއި، 2012 ވަނައަހަރު ޙާޟިރީން އެއްވަނަ ހޯދާފައިވާ ފަރާތަކަށް އަތޮޅު ކައުންސިލުން ދޭ ހަނދާނީ ފިލައާއި، ހަނދާނީ ލިއުންވެސް އެކަމަށް ހޮވުނު މުވައްޒަފުންނަށް ދީފައި ވެއެވެ.

2012 ވަނައަހަރުގެ އެޕްރައިޒަލް އިން އެންމެމަތިން މާކްސް ހޯދާފައިވަނީ އަތޮޅުކައުންސިލްގެ އޭރުގެ ޑެޕިއުޓީ ޑިރެކްޓަރ އަޙްމަދު ރަފީޢުއެވެ. ޙާޟިރީން އެއްވަނަ ހޯދާފައިވަނީ އޭރުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ފާޠިމަތު ނުޒުލާ ޖަލީލެވެ. މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ބޭއްވި މި ޙަފްލާގައި އޭރުގެ އަތޮޅުކައުންސިލްގެ ރައީސް އިބްރާހީމް ނަޢީމާއި، އަތޮޅު ކައުންސިލްގެ މެންބަރުންނާއި، އަތޮޅު ކައުންސިލްގެ ވެރިންނާއި މުވައްޒަފުން ބައިވެރި ވެފައި ވެއެވެ. މި ޙަފްލާގެ އެއްވެސް ފޮޓޮއެއް ފެންނަން ނެތްނަމަވެސް މި ޙަފްލާ ބާއްވާފައިވާކަން އަތޮޅު ކައުންސިލް އިދާރާގެ ލިޔެކިއުންތަކުން ފެންނަން އެބަހުއްޓެވެ.

މިހާރު ހިނގަމުންދާ އަތޮޅު ކައުންސިލްގެ 04 ވަނަ ދައުރުގައި، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައި ވަޒީފާ އަދާކުރާ، ޚިދުމަތްތެރި މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން 2022 ވަނަ އަހަރު އަހަރީ ޙަފްލާއެއް ބާއްވާފައި ވެއެވެ. މި ޙަފްލާ ބާއްވާފައިވަނީ 2022 ޑިސެންބަރ 10 ވަނަ ދުވަހުގެރޭ 20.30 ގައި ފ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޖަލީލު ޝަރަފްވެރި ކޮށްދެއްވި މި ޙަފްލާގައި ޤުރުއާން ކިޔެވީ ސީނިއަރ ކައުންސިލް އޮފިސަރ ޙައްވާ ޢަބްދުލް ޢަޒީޒެވެ. ކިޔެވި އާޔަތްތަކުގެ ތަރުޖަމާ ކިޔައި ދެއްވީ ފައިނޭންސް އޮފިސަރ ފާޠިމަތު އިބްރާހީމެވެ. ޙަފްލާ ތަޢާރަފް ކުރުމާއި މަރުޙަބާ ދެންނެވީ ސެކްރެޓަރީ ޖެނެރަލް އަޙްމަދު އިބްރާހީމެވެ. ޙަފްލާ ހިނގަމުންދާގޮތް ހުށަހަޅައިދިނީ ސީނިއަރ ކައުންސިލް އޮފިސަރ ސީމާ ޢަލީއާއި، އޭރުގެ އެކައުންޓްސް އޮފިސަރ އާމިނަތު ރިލްފާއެވެ. ހަނދާނީފިލައި ލިބޭ ފަރާތްތައް އިޢުލާނުކޮށްދެއްވީ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ފަރީދާ އިބްރާހީމެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލަށް 33 އަހަރު ޚިދުމަތްކުރައްވައި އަމިއްލައަށް އެދިވަޑައިގެން 2021 އެޕްރީލް 04 ގައި ވަޒީފާއިން މުސްކުޅި ކުރައްވާފައިވާ މިއިދާރާގެ ކުރީގެ ޑިރެކްޓަރ ފ. މަގޫދޫ އޯކިޑްވިލާ އިބްރާހީމް ނަޞީރު މުޙައްމަދު އަތޮޅު ކައުންސިލަށް ކުރައްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އަތޮޅު ކައުންސިލުން ދޭ ޚިދުމަތުގެ ހަނދާނީ ފިލައާއި، ހަނދާނީ ލިއުން ޙަވާލު ކުރުން މިޙަފްލާގައި އޮތެވެ. ހަނދާނީ ފިލައާއި، ހަނދާނީ ލިއުން އިބްރާހީމް ނަޞީރާއި ޙަވާލު ކޮށްދެއްވީ ފ. އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން އަތޮޅު ކައުންސިލްގެ ޚިދުމަތުގައި 15 އަހަރު ވެފައިވާ 09 ފަރާތަކަށާއި މިއިދާރާގެ ބެލުމުގެދަށުން ހިންގާ ފ. އަތޮޅު ސްޓޯރުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން އަތޮޅު ސްޓޯރުގެ ޚިދުމަތުގައި 15 އަހަރު ވެފައިވާ 01 ފަރާތަށް ޖުމްލަ 10 ފަރާތަކަށް ހަނދާނީ ފިއަލާއި، ހަނދާނީ ލިއުން ޙަވާލު ކުރުންވެސް މިޙަފްލާގައި ކުރިއަށް ގެންގޮސްފައި ވެއެވެ. ހަނދާނީ ފިއަލާއި ހަނދާނީ ލިއުން ޙަވާލުކޮށްދެއްވީ މިޙަފްލާގެ ޝަރަފްވެރި މެހުމާނު މުޙައްމަދު ޖަލީލެވެ.

ހަނދާނީ ފިލައި ލިބޭ މުވައްޒަފުންނަށް ހަނދާނީ ފިލައި ޙަވާލު ކުރުމުގެ ކުރިން އެއިން ކޮންމެ މުވައްޒަފަކުވެސް ކުރަމުން ގެންދާ މަސައްކަތްތަކާގުޅޭ ރިޕޯޓެއް ހުށަހަޅައިދިނުން އޮތެވެ. މި ރިޕޯޓް ހުށަހަޅުއްވައި ދެއްވީ އަތޮޅު ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ފަރީދާ އިބްރާހީމެވެ. މި ޙަފްލާގައި 2022 ވަނައަހަރު އަތޮޅު ކައުންސިލްގެ މުވައްޒަފުންގެ މެދުގައި ބެއްވި ކުޅިވަރު މުބާރާތްތަކުން ވަނަވަނައަށް ދިޔަ ފަރާތްތަކަށްވެސް އިނާމު ޙަވާލުކޮށްދެއްވާފައި ވެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ދެވަނަ ޙަފްލާގެ ގޮތުގައި ބޭއްވި މި ޙަފްލާގައި އަތޮޅުކައުންސިލްގެ ރައީސާއި، އަތޮޅުކައުންސިލްގެ މެންބަރުންނާއި، އަތޮޅުކައުންސިލްގެ ވެރިންނާއި މުވައްޒަފުންގެ އިތުރުން ނިލަންދޫގައި ހުރި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންނާއި، އަތޮޅު ކައުންސިލްގައި ކުރީގައި ވަޒީފާ އަދާކުރައްވާފައިވާ ބައެއް މުވައްޒަފުން ބައިވެރިވެފައި ވެއެވެ.

ފ. އަތޮޅު ކައުންސިލަށް 15 އަހަރު ޚިދުމަތްކޮށްފައި ވުމުން އިނާމު ލިބުނު ފަރާތްތައް

01- އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އަޙްމަދު ރަފީޢު | ޚިދުމަތުގައި 31 އަހަރު

02- ސީނިއަރ ކައުންސިލް އޮފިސަރ ޙައްވާ ޢަބްދުލް ޢަޒީޒު | ޚިދުމަތުގައި 22 އަހަރު

03- ކޮންޕިއުޓަރ ޓެކްނީޝަން ޢަބްދުލް ވާޙިދު ޢަބްދުލް ޢަޒީޒު | ޚިދުމަތުގައި 16 އަހަރު

04- ފައިނޭންސް އޮފިސަރ ފާޠިމަތު އިބްރާހީމް | ޚިދުމަތުގައި 23 އަހަރު

05- ކައުންސިލް އޮފިސަރ ޚަދީޖާ ޢަލީ | ޚިދުމަތުގައި 15 އަހަރު

06- ކައުންސިލް އޮފިސަރ ހުމައިދާ ޙުސައިން | ޚިދުމަތުގައި 15 އަހަރު

07- އެސިސްޓެންޓް ކައުންސިލް އޮފިސަރ ފާޠިމަތު އަޙްމަދު | ޚިދުމަތުގައި 22 އަހަރު

08- ކާރުޑްރައިވަރ ޢަބްދުއްރައްޒާޤް އިބްރާހީމް | ޚިދުމަތުގައި 23 އަހަރު

09- ދޯނީފަޅުވެރި ޙަސަން ޒަރީރު | ޚިދުމަތުގައި 17 އަހަރު

ފ. އަތޮޅު ސްޓޯރަށް 15 އަހަރު ޚިދުމަތްކޮށްފައި ވުމުން އިނާމު ލިބުނު ފަރާތްތައް

01- ފ. އަތޮޅުސްޓޯރުގެ އެސިސްޓެންޓް މެނޭޖަރ ޒުލޭޚާ ރަޝީދާ | ޚިދުމަތުގައި 22 އަހަރު

ވަޒީފާއިން މުސްކުޅި ކުރެއްވި ކުރީގެ ޑިރެކްޓަރ އިބްރާހީމް ނަޞީރު މުޙައްމަދު
އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އަޙްމަދު ރަފީޢު | ޚިދުމަތުގައި 31 އަހަރު
ސީނިއަރ ކައުންސިލް އޮފިސަރ ޙައްވާ ޢަބްދުލް ޢަޒީޒު | ޚިދުމަތުގައި 22 އަހަރު
ފައިނޭންސް އޮފިސަރ ފާޠިމަތު އިބްރާހީމް | ޚިދުމަތުގައި 23 އަހަރު
ކައުންސިލް އޮފިސަރ ޚަދީޖާ ޢަލީ | ޚިދުމަތުގައި 15 އަހަރު
ކައުންސިލް އޮފިސަރ ހުމައިދާ ޙުސައިން | ޚިދުމަތުގައި 15 އަހަރު
ކާރު ޑްރައިވަރ ޢަބްދުއްރައްޒާޤް އިބްރާހީމް | ޚިދުމަތުގައި 23 އަހަރު
ދޯނީ ފަޅުވެރި ޙަސަން ޒަރީރު | ޚިދުމަތުގައި 17 އަހަރު
ފ. އަތޮޅު ސްޓޯރުގެ އެސިސްޓެންޓް މެނޭޖަރ ޒުލޭޚާ ރަޝީދާ | ޚިދުމަތުގައި 22 އަހަރު
މުވައްޒަފުންގެ މެދުގައި ބޭއްވި ކުޅިވަރު މުބާރާތުގެ އިނާމު ދިނުން
މުވައްޒަފުންގެ މެދުގައި ބޭއްވި ކުޅިވަރު މުބާރާތުގެ އިނާމު ދިނުން
މުވައްޒަފުންގެ މެދުގައި ބޭއްވި ކުޅިވަރު މުބާރާތުގެ އިނާމު ދިނުން
މުވައްޒަފުންގެ މެދުގައި ބޭއްވި ކުޅިވަރު މުބާރާތުގެ އިނާމު ދިނުން
2022 ވަނަ އަހަރުގެ އަހަރީ ޙަފްލާގެ ތެރެއިން
2022 ވަނަ އަހަރުގެ އަހަރީ ޙަފްލާގެ ތެރެއިން
ނެވި ފިއެސްޓާ ކުޅިވަރު މުބާރާތުގައި ބައިވެރިވި މުވައްޒަފުން
ފ. އަތޮޅު ކައުންސިލްގެ ރައީސް ނައިބްރައީސް / ފ. އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުން / ފ. އަތޮޅު ސްޓޯރުގެ މުވައްޒަފުން