އަތޮޅުފެންވަރުގައި ބާއްވާ ކުޅިވަރު މުބާރާތްތަކަށް ނަޒަރެއް

24 އޮގަސްޓް 2023


އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތައް އުފެދުމުގެ ކުރިން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު އޮފީހުގެ ނަމުގައި އޮފީސް ހިންގިދުވަސްވަރު އަތޮޅުއޮފީހުން އިންތިޒާމް ކޮށްގެން 2001 އިން 2004 އަށް އަތޮޅު ކުޅިވަރު މުބާރާތުގެ ނަމުގައި އަތޮޅު ފެންވަރުގައި ކުޅިވަރު މުބާރާތްތަކެއް ބާއްވާފައި ވެއެވެ. އެދުވަސްވަރު ކުރިއަށް ގެންގޮސްފައިވަނީ ފުޓްބޯޅަ، ބަށި، ވޮލީ، ބެޑްމިންގޓަން މުބާރާތެވެ. މިއިން ކޮންމެ މުބާރާތެއް ކުރިއަށް ގެންގޮސްފައިވަނީ އަތޮޅުވެރިޔާގެ ވާދައިގެ ތައްޓަށްކުޅޭ މުބާރާތުގެ ނަމުގައެވެ.

2001 ވަނައަހަރާއި 2002 ވަނައަހަރު މުބާރާތްތައް ބާއްވާފައިވަނީ މިއަތޮޅު ނިލަންދޫގައެވެ. ނިލަންދޫގައި ބާއްވާފައިވަނީ ފުޓްބޯޅަ، ބަށި، ބެޑްމިންގޓަން މުބާރާތެވެ. 2003 ވަނައަހަރު ފީއަލީގައި ބާއްވާފައިވަނީ ވޮލީ، ބެޑްމިންގޓަން މުބާރާތެވެ. ފީއަލީގައި ބޭއްވި ވޮލީ މުބާރާތުގައި ދެ ޖިންސްގެ ޓީމްތައް ބައިވެރިވެފައި ވެއެވެ. 2004 ވަނައަހަރު ބިލެއްދޫގައި ބާއްވާފައިވަނީ ފުޓްބޯޅަ، ބަށި، ބެޑްމިންގޓަން މުބާރާތެވެ. އަތޮޅު ފެންވަރުގައި ބޭއްވި ކުޅިވަރު މުބާރާތްތަކުގައި މިއަތޮޅުގެ ހުރިހާ ރަށަކުންވެސް ބައިވެރިވެފައި ވެއެވެ. ބިލެއްދޫގައި ބޭއްވި ފުޓްބޯޅަ މުބާރާތުގައި ދިމާވި މައްސަލަތަކާ ގުޅިގެން އަތޮޅު ފެންވަރުގައި ބާއްވަމުން ގެންދިޔަ އަތޮޅު ކުޅިވަރު މުބާރާތް ބޭއްވުން ހުއްޓާލީއެވެ.

އެދުވަސްވަރަކީ މިހާރު މިގެންގުޅޭ ސްމާޓް ފޯނާއި ޝޯޝަލް މީޑިއާ ފަދަ ވަސީލަތްތައް ތަޢާރަފް ވެފައިވާ ދުވަސްވަރެއް ނޫނެވެ. މަދުމަދުން ފޮޓޯނަގާ ކެމެރާ ގެންގުޅުނު ނަމަވެސް ތާރީޚަށްޓަކައި މިފަދަ ޙަރަކާތްތައް ރައްކާކޮށްފައި ބެހެއްޓުމުގެ ޝައުޤުވެރިކަން ނެތުމާއި އަދި ފޮޓޯނަގާނެ ކެމެރާފަދަ ވަސީލަތްތައް އަތޮޅު އޮފީހުގައި ނެތުމުން މުބާރާތްތަކުގެ ފޮޓޯތައް ނަގައި ރައްކާ ކުރެވިފައެއް ނުވެއެވެ. ބިލެއްދޫގައި ބޭއްވި ކުޅިވަރު މުބާރާތުގެ ތެރެއިން ފުޓްބޯޅައާއި، ބަށި އަދި ފީއަލީގައި ބޭއްވި ވޮލީ މުބާރާތުގެ ބައެއް ފޮޓޯތައް ފެންނަން އެބަހުއްޓެވެ.

ފީއަލީގައި ބޭއްވި ވޮލީ މުބާރާތުގެ ތެރެއިން
ބިލެއްދޫގައި ބޭއްވި ފުޓްބޯޅަ މުބާރާތުގެ ތެރެއިން
ބިލެއްދޫގައި ބޭއްވި ބަށި މުބާރާތުގެ ތެރެއިން
ބިލެއްދޫގައި ބޭއްވި ބަށި މުބާރާތުގެ ތެރެއިން

އަތޮޅުއޮފީހުގެ ދުވަސްވަރު އަތޮޅު އޮފީހުން އިންތިޒާމް ކޮށްގެން އަތޮޅުފެންވަރުގައި ފުޓްބޯޅަ، ވޮލީ، ބަށި، ބެޑްމިންގޓަން މުބާރާތް ބާއްވަމުން ގެންދިޔަ ނަމަވެސް 2011 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 21 ވަނަ ދުވަހު ކައުންސިލްތައް އުފެދި، އަތޮޅު ކައުންސިލްގެ 03 ދައުރު ނިމުނުއިރު އަތޮޅުކައުންސިލުން އިންތިޒާމްކޮށްގެން އަތޮޅުފެންވަރުގައި ކުޅިވަރު މުބާރާތެއް ބާއްވާފައެއް ނުވެއެވެ.

އަތޮޅުފެންވަރުގައި ކުޅިވަރު މުބާރާތެއް ނުބާއްވާތާ 16 އަހަރު ފަހުން މިހާރު ހިނގަމުންދާ އަތޮޅު ކައުންސިލްގެ 04 ވަނަ ދައުރުގައި އަތޮޅުކައުންސިލުން އިންތިޒާމްކޮށްގެން އަތޮޅުފެންވަރުގައި ވޮލީ މުބާރާތެއް ބޭއްވުމުގެ މަޝްވަރާތައް ކުރެވި، 2022 ވަނައަހަރުގެ ބަޖެޓް އެކުލަވާލިއިރު ދެޖިންސަށް ހުޅުވާލައިގެން އަތޮޅުފެންވަރުގައި ވޮލީ މުބާރާތެއް ބޭއްވުމަށް އަތޮޅުކައުންސިލުން ނިންމެވިއެވެ.

ރާއްޖެ އެޓޯލް ވޮލީބޯލް ޗެންޕިއަންޝިޕް މުބާރާތް

ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެ އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން 2022 ވަނައަހަރު ވޮލީ މުބާރާތެއް ބޭއްވުމަށް ސަރުކާރުން ނިންމަވައި މި މުބާރާތް ބޭއްވުމަށް -/100،000 ރުފިޔާގެ ބަޖެޓެއް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ދެއްވައި، "ރާއްޖެ އެޓޯލް ވޮލީބޯލް ޗެންޕިއަންޝިޕް 2022 ގެ ފ.އަތޮޅު މުބާރާތް" މި ނަމުގައި މިއަތޮޅުގައި ބާއްވަންޖެހޭ މުބާރާތް އަތޮޅުކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމެންޓުން އަތޮޅުކައުންސިލާއި ޙަވާލުކުރިއެވެ.

މި މުބާރާތް މިއަތޮޅުގައި ބޭއްވުމަށް އަތޮޅުކައުންސިލުން ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދެ ޖިންސަށް ހުޅުވާލުމުން މިއަތޮޅުގެ ހުރިހާ ރަށަކުންވެސް ފިރިހެން ޑިވިޜަންގެ ޓީމަކާއި އަންހެން ޑިވިޜަންގެ ޓީމެއް ހިމެނޭގޮތަށް ޖުމްލަ 10 ޓީމު ބައިވެރިވެފައި ވެއެވެ. ޓީމުތައް ބައިވެރި ކޮށްފައިވަނީ ކޮންމެ ރަށެއްގައި ހިމެނޭ ރެޖިސްޓްރީ ޖަމްޢިއްޔާއެއްގެ ނަމުގައެވެ. ޖަމްޢިއްޔާގެ ނަމުގައި ޓީމުތައް ބައިވެރިކުރީ ޓީމުތައް ބައިވެރި ކުރެވޭނީ އެރަށެއްގެ ރަޖިސްޓްރީ ޖަމްޢިއްޔާއެއްގެ ނަމުގައިކަން މި މުބާރާތުގެ ޤަވާޢިދުގައި ބަޔާންކޮށްފައި އޮތުމުންނެވެ.

"ރާއްޖެ އެޓޯލް ވޮލީބޯލް ޗެންޕިއަންޝިޕް 2022 ގެ ފ. އަތޮޅު މުބާރާތް" ބާއްވާފައިވަނީ 2022 މާރިޗު 11 އިން 22 އަށް މިއަތޮޅު މަގޫދޫގައެވެ. މުބާރާތުގެ ހުރިހާ މެޗްތަކެއް ކުޅެފައިވަނީ މަގޫދޫ ވޮލީކޯޓުގައެވެ. މި މުބާރާތް މަގޫދޫގައި ބާއްވާފައިވަނީ މުބާރާތް ހޯސްޓް ކުރުމަށް ހުޅުވާލި ފުރުޞަތުގައި އެންމެ ރަގަނޅު ޕްރޮޕޯސަލެއް ހުށަހަޅާފައިވަނީ މަގޫދޫ ކައުންސިލުންކަމަށްވާތީ، މަގޫދޫގައި މި މުބާރާތް ބޭއްވުމަށް އަތޮޅުކައުންސިލުން ނިންމެވުމުންނެވެ. މި މުބާރާތުގެ އިންތިޒާމްތައް ހަމަޖެއްސުމަށް މުބާރާތް ހޯސްޓްކުރާ ރަށަކަށް ދިނުމަށް އަތޮޅުކައުންސިލުން ނިންމާފައިވަނީ -/20،000 ރުފިޔާއެވެ. މިފައިސާ މުބާރާތް ފެށުމުގެ ކުރިން މަގޫދޫ ކައުންސިލާއި ޙަވާލު ކުރެވިފައި ވެއެވެ.

މަގޫދޫގައި މި މުބާރާތް ބޭއްވުމަށް ހަމަޖެއްސުމުން މުބާރާތުގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސާފައިވަނީ މަގޫދޫ ކައުންސިލުންނެވެ. މި މުބާރާތަށް މަގޫދޫ ވޮލީ ކޯޓާއި، މުބާރާތްބާއްވާ ސަރަޙައްދުވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައެވެ. އަދި ރަށްރަށުން މަގޫދޫއަށްދާ ޓީމުތަކުގެ އިންތިޒާމްތަކާއި، މުބާރާތަށް ގެންނަންޖެހޭ ރެފްރީން ގެނައުމާއި، އެމީހުންގެ އެކަމަޑޭޝަންގެ ކަންތަކާއި، މިމުބާރާތަށް އަތޮޅުކައުންސިލުން މަގޫދޫއަށްދިޔަ ޓީމުގެ ކަންތައްތައްވެސް ވަރަށް ފުރިހަމައަށް އިންތިޒާމްކޮށް ރަގަނޅު މެހުމާންދާރީއެއް އަދާކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.

މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު އޮތީ 2023 މާރިޗު 11 ވަނަ ދުވަހުގެރޭ 20.30 ގައި މަގޫދޫ ވޮލީކޯޓުގައެވެ. މިއަތޮޅުގެ ކޮންމެ ރަށަކުންވެސް އަންހެން ވޮލީޓީމަކާއި، ފިރިހެން ވޮލީޓީމެއް ހިމެނޭގޮތަށް ޖުމްލަ 10 ޓީމު ވާދަކުރާ މި މުބާރާތް ހުޅުވާ ދެއްވައި، މުބަރާތުގެ ފުރަތަމަ މެޗު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމެންޓް އޮނަރަބްލް އަޙްމަދު މަޙްލޫފެވެ. މި ރަސްމިއްޔާތުގައި ވޮލީބޯލް އެސޯސިއޭޝަންގެ އިސް ބޭފުޅުންގެ އިތުރުން އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދާއި، އަތޮޅު ކައުންސިލްގެ މެންބަރުންނާއި، އަތޮޅުކައުންސިލްގެ އިސްވެރިންނާއި މަގޫދޫގެ ދާއިރާތަކުގެ ވެރިން ބައިވެރިވެފައި ވެއެވެ.

ކޮންމެ އަތޮޅެއްގައި ބޭއްވުމަށް ސަރުކާރުން ހަމަޖެއްސެވި "ރާއްޖެ އެޓޯލް ވޮލީބޯލް ޗެންޕިއަންޝިޕް މުބާރާތް" އެންމެ ފުރަތަމަ ބާއްވާފައިވަނީ މިއަތޮޅުގައެވެ. މަގޫދޫގައި ކުރިއަށްގެންދިޔަ މި މުބާރާތުގެ ހުރިހާ މެޗުތަކެއް މަގޫދޫ ކައުންސިލުން ވަގުތުން ލައިވްކޮށްފައި ވެއެވެ. މި މުބާރާތަކީ އަތޮޅުފެންވަރުގައި ކުރިއަށްގެންދިޔަ މުބާރާތްތަކުގެ ތެރެއިން މުބާރާތް ހިނގަމުންދާގޮތް ވަގުތުން ފުރަތަމަ ފަހަރަށް ގެނެސްދީފައިވާ މުބާރާތެވެ.

ރާއްޖެ އެޓޯލް ވޮލީބޯލް ޗެންޕިއަންޝިޕް މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެންޕިއަންކަން ހޯދީ ބިލެއްދޫ ރައިސިން ސްޓަރސް ސްޕޯރޓްސް އެކަޑަމީ ޓީމުންނެވެ. ރަނަރަޕަކީ މަގޫދޫ ޒުވާނުންގެ ކްލަބުގެ ޓީމެވެ. އަންހެން ޑިވިޜަންގެ ޗެންޕިއަންކަން ހޯދީ މަގޫދޫ ޒުވާނުންގެ ކްލަބުގެ ޓީމެވެ. ރަނަރަޕަކީ ދަރަނބޫދޫ ޕާޕަލް ޕަވަރ ޕާލްސް ޓީމެވެ. ފިރިހެން ޑިވިޜަންގެ ފެއަރ ޕްލޭ ޓީމަކީ ފ.ދަރަނބޫދޫ ޕާޕަލް ޕަވަރ ޕާލްސް ޓީމެވެ. އަންހެން ޑިވިޜަންގެ ފެއަރ ޕްލޭޓީމަކީ ފ.ނިލަންދޫ ސްޕޯރޓްސް ކުލަބްގެ ޓީމެވެ. މި މުބާރާތަށް އަތޮޅުކައުންސިލުން ހުށަހަޅާފައިވާ ފައިސާގެ އިނާމަކީ ކޮންމެ ޑިވިޜަނެއްގެ ޗެންޕިއަންޓީމަށް -/12،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް -/5،000 ރުފިޔާއެވެ.

ފިރިހެން ޗެންޕިއަން: ބިލެއްދޫ ރައިސިން ސްޓަރސް ސްޕޯރޓްސް އެކަޑަމީ
ފިރިހެން ރަނަރަޕް: ފ.މަގޫދޫ ޒުވާނުންގެ ކުލަބު
އަންހެން ޗެންޕިއަން: މަގޫދޫ ޒުވާނުންގެ ކުލަބު
އަންހެން ރަނަރަޕް: ދަރަނބޫދޫ ޕާޕަލް ޕަވަރ ޕާލްސް
އަންހެން ފެއަރޕްލޭޓީމު: ނިލަންދޫ ސްޕޯރޓްސް ކުލަބް
ފިރިހެން ފެއަރޕްލޭޓީމު: ދަރަނބޫދޫ ޕާޕަލް ޕަވަރ ޕާލްސް

2022 ވަނައަހަރު އަތޮޅުކައުންސިލުން އަތޮޅުފެންވަރުގައި ވޮލީ މުބާރާތެއް ބޭއްވުމަށް އަތޮޅު ކައުންސިލުން ނިންމާފައި އޮތްނަމަވެސް އެއަހަރު ރާއްޖެ އެޓޯލް ވޮލީބޯލް ޗެންޕިއަންޝިޕް މުބާރާތް ބޭއްވުމުން އަތޮޅުކައުންސިލުން ބޭއްވުމަށް ނިންމާފައިވާ މުބާރާތް ބާއްވާފައެއް ނުވެއެވެ. އަތޮޅު ފެންވަރުގައި ކުޅިވަރު މުބާރާތެއް ނުބާއްވާތާ އެތައް އަހަރެއް ފާއިތުވިފަހުން އަތޮޅު ފެންވަރުގައި މިފަދަ މުބަރާތެއް ބޭއްވުމަކީ އަތޮޅު ފެންވަރުގައި ވޮލީ މުބާރާތެއް ބޭއްމަށް އިތުރު ޝައުޤުވެރިކަމެއް އުފެދިގެންދިޔަ ކަމެކެވެ.

މި މުބާރާތް ހިނގަމުން ދިޔައިރު ކުދިކުދި މައްސަލަތައް ދިމާވަމުން ދިޔަނަމަވެސް ކާމިޔާބު މުބާރާތެއްގެ ގޮތުގައި މުބާރާތް ނިންމާލެވިފައި ވެއެވެ. މި މުބާރާތުން އަތޮޅުގެ ރަށްރަށުގައި ވޮލީކުޅޭ ދެޖިންސްގެ ހުނަރުވެރި މޮޅު ކުޅުންތެރިންތައް ތިބިކަން ފާހަގަ ވެގެންދިޔައެވެ.

ފ. އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތް

ފ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އަތޮޅު ފެންވަރުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "ފ.އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތް 2023" ބޭއްވުމަށް ކަލަންޑަރު ކޮށްފައިވަނީ 2023 ޖުލައި މަހުގެ ތެރޭގައެވެ. ނަމަވެސް އެމަހުގެ ތެރޭގައި މުބާރާތް ގެންދިއުމަށް ދަތިވާތީ، ވޮލީމުބާރާތް 2023 އޮގަސްޓް 10 ވަނަދުވަހު ފަށާގޮތަށް އަތޮޅުކައުންސިލުން ނިންމެވިއެވެ.

ވޮލީ މުބާރާތް ބޭއްވުމަށްޓަކައި މުބާރާތުގެ ޤަވާޢިދު އެކުލަވާލައި، މިއަތޮޅުގެ ރަށްރަށުން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު 2023 ޖޫން 20 ވަނަ ދުވަހު ހުޅުވާލެވުނެވެ. މުބާރާތް ހިންގުމަށް އަތޮޅު ކައުންސިލުން އެކުލަވާލި ޤަވާޢިދުގައި މި މުބާރާތުގައި ޓީމުތައް ބައިވެރިކުރެވޭނީ އެރަށެއް ނިސްބަތްވާ ރަށެއްގެ ރަށުކައުންސިލްގެ ނަމުގައި ކަމަށާއި، ކޮންމެ ރަށު ކައުންސިލަކުން އަންހެން ޓީމަކާއި ފިރިހެން ޓީމެއް ބައިވެރި ކުރެވިދާނެ ކަމަށް ބުނެފައި ވެއެވެ. ކޮންމެ ޓީމެއްގައި އެ ރަށެއްގެ ރަށްވެހިކަމުގެ ދަފްތަރުގައި ހިމެނޭ ކުޅުންތެރިންގެ އިތުރުން ރަށުންބޭރު 03 ކުޅުންތެރިން ހިމެނިދާނެ ކަމަށާއި، ރަށުން ބޭރުގެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކަށް ރާއްޖެއިން ބޭރު ކުޅުންތެރިއެއްވެސް ހިމެނި ދާނެކަމަށް ޤަވާޢިދުގައި ބުނެފައިވެއެވެ. މި ޤަވާޢިދުގައިވާ ގޮތުން މި މުބާރާތުގެ މެޗްތަކުގައި ކުޅެމުން ގެންދެވޭނީ ރަށުން ބޭރުގެ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކޮންމެވެސް 02 ދެ ކުޅުންތެރިންނަށް ކަމަށާއި، މުބާރާތުގައި ބައިވެރިވާ އެއްވެސް ރަށެއްގެ ކުޅުންތެރިއަކަށް މިއަތޮޅުގެ އެހެން ރަށެއްގެ ޓީމަކަށް ނުކުޅެވޭނެ ކަމަށްވެސް ޤަވާޢިދުގައި ބަޔާންކޮށްފައި ވެއެވެ.

ކޮންމެ ޓީމެއްވެސް ކޮންމެ ޓީމަކާ ވާދަކޮށް އެންމެގިނަ ޕޮއިންޓްހޯދާ ދެ ޓީމަކަށް ފައިނަލްގެ ޖާގަ ލިބޭގޮތަށް ރޭވިފައިވާ މި މުބާރާތަކީ -/165،0000 ރުފިޔާގެ ބަޖެއް އެކުލެވިފައިވާ، ކޮންމެ ޑިވިޜަނެއްގެ ޗެންޕިއަންޓީމަށް -/20،000 ރުފިޔާގެ ފައިސާގެ އިނާމު، ރަނަރަޕް ޓީމަށް -/10،000 ރުފިޔާގެ ފައިސާގެ އިނާމު އަތޮޅު ކައުންސިލުން ހުށަހަޅާފައިވާ މުބާރާތެކެވެ.

ވޮލީ މުބާރާތް ހޯސްޓް ކުރުން

ރާއްޖެ އެޓޯލް ވޮލީބޯލް ޗެންޕިއަންޝިޕް މުބާރާތް ހޯސްޓްކުރި ގޮތަށް މި މުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުމަށް މުބާރާތް ހޯސްޓް ކުރުމުގެ ފުރުޞަތު މިއަތޮޅުގެ ރަށު ކައުންސިލްތަކަށް ހުޅުވާލުމުން މި މުބާރާތް ހޯސްޓް ކުރުމަށް ކުރިމަތިލާފައިވަނީ ހަމައެކަނި ނިލަންދޫ ކައުންސިލުންނެވެ. މި މުބާރާތް ހޯސްޓްކުރުމަށް ނިލަންދޫ ކައުންސިލް ފިޔަވައި އެހެން ކައުންސިލަކުން ހުށަހަޅާފައި ނެތުމުން ނިލަންދޫ ކައުންސިލުން ހުށަހަޅާފައިވާ ޕްރޮޕޯސަލަށް ބަލައި މިމުބާރާތް މިއަތޮޅު ނިލަންދޫގައި ބާއްވާގޮތަށް ނިންމިއެވެ.

މި މުބާރާތް ނިލަންދޫ ކައުންސިލުން ހޯސްޓްކޮށްފައިވުމާއެކު، މުބާރާތް ބާއްވާގޮތަށް ހަމަޖައްސާފައިވަނީ މިއަތޮޅު ނިލަންދޫގައެވެ. މުބާރާތުގެ ހުރިހާ މެޗުތަކެއް ކުޅޭނީ ނިލަންދޫ ވޮލީކޯޓްގައެވެ. މި މުބާރާތް ނިލަންދޫގައި ބާއްވާގޮތަށް ހަމަޖެއްސުމުން މުބާރާތް ބާއްވާ ރަށެއްގެ ރަށުކައުންސިލަށް ދިނުމަށް އަތޮޅުކައުންސިލުން ނިންމާފައިވާ -/30,000 ރުފިޔާ، މުބާރާތް ފެށުމުގެ ކުރިން ނިލަންދޫ ކައުންސިލާއި ޙަވާލު ކުރެވިފައި ވެއެވެ.

މުބާރާތުގެ ގުރުއަތު ނެގުމާއި މެޗްތައް ކުޅޭގޮތުގެ ތާވަލް ތައްޔާރު ކުރުން

މި މުބާރާތުގައި މިއަތޮޅުގެ ރަށު ކައުންސިލްތަކުން ބައިވެރި ވުމުގެ ސުންގަޑި 2023 ޖުލައި 31 ވަނަ ދުވަހު ހަމަވިއިރު، މިއަތޮޅު ބިލެއްދޫ ކައުންސިލް ފިޔަވައި އެހެން ކޮންމެ ކައުންސިލަކުންވެސް ފިރިހެން ޓީމަކާއި، އަންހެން ޓީމެއް ބައިވެރި ކޮށްފައި ވެއެވެ. ޖުމްލަ 08 ޓީމު ހިމެނޭ މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ލިސްޓްތައް 2023 އޮގަސްޓް 05 ވަނަ ދުވަހުގެ ނިޔަލަށް ފައިނަލްކޮށް މުބާރާތުގެ ގުރުއަތުލުން ބާއްވާފައިވަނީ 2023 އޮގަސްޓް 07 ވަނަ ދުވަހު އަތޮޅުކައުންސިލްގައެވެ. ޓީމްތައް ކުޅެން ހަމަޖެހިފައިވާ ގޮތުގެ ތާވަލް އެކުލަވާލައި މުބާރާތުގައި ބައިވެރިވި ރަށުކައުންސިލްތަކަށް ތާވަލް ފޮނުވައި ތާވަލް މިއިދާރާގެ ފޭސްބުކް ޕޭޖްގައި ޢާންމު ކުރެވިފައި ވެއެވެ. މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ މެޗްތައް ކުޅޭގޮތަށް ހަމަޖައްސާފައިވަނީ ހަވީރުއެވެ. އަންހެން ޑިވިޜަންގެ މެޗްތައް ކުޅޭގޮތަށް ހަމަޖައްސާފައިވަނީ ރޭގަނޑުއެވެ.

ވޮލީ މުބާރާތުގެ ގުރުއަތުލުން
ވޮލީ މުބާރާތުގެ މެޗްތަކުގެ ތާވަލް

ވޮލީ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ދަނިއުސް ހަމަޖެއްސުން

ފ.އަތޮޅު ކައުންސިލްގެ ވޮލީމުބާރާތް 2023 ގެ ހުރިހާ މެޗުތައް ލައިވް ކުރުމަށް އަތޮޅުކައުންސިލުން ބޭނުންވާތީ މިކަމާގުޅޭގޮތުން މަޝްވަރާ ކުރުމަށް 2023 އޮގަސްޓް 03 ވަނަ ދުވަހު ދަނިއުސް ޓީމާއެކު އަތޮޅުކައުންސިލްގައި މަޝްވަރާ ބައްދަލުވުމެއް ބާއްވާފައި ވެއެވެ. މި މަޝްވަރާ ބައްދަލުވުމުގައި ދެ ފަރާތުން ކުރަންޖެހޭ ކަންތައްތަކާމެދު މަޝްވަރާކުރުމަށްފަހު، މުބާރާތުގެ މީޑިއާ ޕާރޓްނަރެއްގެ ގޮތުގައި މިއަތޮޅު ދަރަނބޫދޫ ދަނިއުސް ހަމަޖެއްސިފައިވެއެވެ. އެއްބަސްވެފައިވާ ގޮތުގެމަތިން މި މުބަރާތުގެ ހުރިހާ މެޗުތަކެއް ވަގުތުން ލައިވްކުރާގޮތަށްވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ދަނިއުސް ހަމަޖެއްސީ މިއަހަރުގެ ތެރޭގައި މަގޫދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށްގެންދިޔަ ވޮލީ މުބާރާތުގެ މެޗްތައް ލައިވްކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ދަނިއުސް ޓީމުން ކަމަށްވެފައި، އެޓީމުން އެމަސައްކަތް ވަރަށް ރަގަނޅަށް ގެންގޮސްފައިވާކަން ފާހަގަކުރެވޭތީއެވެ. މިއީ އަތޮޅުކައުންސިލުން ކުރިއަށް ގެންދާ ޙަރަކާތްތަކުގައި މީޑިއާގެބައި ކުރިއަށް ގެންދިއުމަށް އެހެން ފަރާތަކާއި ޙަވާލު ކުރެވުނު ފުރަތަމަ ފަހަރެވެ.

ވޮލީ މުބާރާތުގެ އިންތިޒާމް ކޮމެޓީ

ފ. އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތް 2023 ގެ އިންތިޒާމް ކޮމެޓީގެ ގޮތުގައި 03 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް ހަޖައްސާފައި ވެއެވެ. މިކޮމެޓީގައި ހިމެނެނީ އަތޮޅުކައުންސިލްގެ ކައުންސިލް އެގްޒެކެޓިވް އިބްރާހީމް ޝަރީފާއި، ލީގަލް އޮފިސަރ ޙައްވާ އަނޫޝާއާއި، ސީނިއަރ ކައުންސިލް އޮފިސަރ ޙައްވާ ޢަބްދުލް ޢަޒީޒެވެ. މިމުބާރާތުގެ އިންތިޒާމް ކޮމެޓީއާއި، ނިލަންދޫ ކައުންސިލާއި ގުޅިގެން މުބާރާތުގެ ހުރިހާ އިންތިޒާމްތަކެއް ވަރަށް ފުރިހަމައަށް ހަމަޖައްސާފައިވާކަން ފާހަގަ ކުރެވެއެވެ.

ވޮލީ މުބާރާތް ކުރިއަށް ގެންދިއުން

ފ. އަތޮޅުކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ފ.އަތޮޅު ކައުންސިލްގެ ވޮލީމުބާރާތް ފަށާފައިވަނީ 2023 އޮގަސްޓް 10 ވަނަ ދުވަހުފަށައި، މުބާރާތް ނިންމާފައިވަނީ 2023 އޮގަސްޓް 16 ވަނަ ދުވަހުއެވެ. މި މުބާރާތަކީ އަތޮޅުކައުންސިލް އުފެދުނުފަހުން އަތޮޅުކައުންސިލުން އިންތިޒާމްކޮށްގެން އަދި ހުރިހާ ޚަރަދުތަކެއް އަތޮޅުކައުންސިލްގެ ބަޖެޓުން ކޮށްގެން އަތޮޅު ފެންވަރުގައި ކުރިއަށް ގެންދިޔަ ފުރަތަމަ މުބާރާތެވެ.

2023 އޮގަސްޓް 10 އިން 16 އަށް މިއަތޮޅު ނިލަންދޫގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ މެޗްތައް ތާވަލް ކޮށްފައިވަނީ ފިރިހެން ޑިވިޜަނާއި އަންހެން ޑިވިޜަންގައި ހިމެނޭ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮގެން އެންމެގިނަ ޕޮއިންޓްހޯދާ ޓީމްތައް ފައިނަލްގައި ވާދަކުރާ ގޮތަށެވެ. މި މުބާރާތުގައި ކޮންމެ ޑިވިޜަނަކުން 04 ޓީމު ޖުމްލަ 08 ޓީމު ބައިވެރިވެފައިވާތީ، މިމުބާރާތުގައި ކުޅެފައިވަނީ ދެ ޑިވިޜަންގެ ގުރޫޕް ސްޓޭޖްގައި ކުޅެންޖެހޭ 12 މެޗުގެ އިތުރުން ދެ ޑިވިޜަންގެ ފައިނަލް މެޗާއެކު ޖުމްލަ 14 މެޗެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި 2023 އޯގަސްޓް 10 ވަނަދުވަހުގެ ހަވީރު ބައްދަލުކުރީ ފިރިހެން ޑިވިޜަނުގެ ދެޓީމު ކަމުގައިވާ ފީއަލީ ކައުންސިލްގެ ޓީމާއި، ދަރަނބޫދޫ ކައުންސިލްގެ ޓީމެވެ. މި މެޗު ސީދާ 03 ސެޓުން ކާމިޔާބުކުރީ ފީއަލީ ކައުންސިލްގެ ޓީމެވެ. މި މެޗް ޝަރަފްވެރި ކޮށްދެއްވީ ފ. އަތޮޅު ކައުންސިލްގެ ނައިބްރައީސް ޢަބްދުﷲ ވަޙީދެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފީއަލީ ކައުންސިލްގެ ޓީމުގެ އިންޑިޔާގެ ކުޅުންތެރިޔާ މަނާރާ ތޮއްތަލިލް އެވެ.

މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 2023 އޮގަސްޓް 10 ވަނަ ދުވަހުގެރޭގައި ކުޅުނު އަންހެން ޑިވިޜަންގެ މެޗު ފެށުމުގެ ކުރިންނެވެ. މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނަކީ ދ. ވިލުރީފް ރިސޯޓްގެ އޮޕަރޭޝަން މެނޭޖަރ ނިމާލެވެ. މިރަސްމިއްޔާތުގައި ފ.އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދުގެ އިތުރުން އަތޮޅު ކައުންސިލްގެ މެމްބަރުންނާއި ނިލަންދޫގެ މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވިއެވެ.

މުނިފޫހި ފިލުވުމުގެ އައިޓަމަކަށްފަހު ކުޅުނު އަންހެން ޑިވިޜަންގެ ފުރަތަމަ މެޗްގައި ވާދަކުރީ ފީއަލީ ކައުންސިލްގެ ޓީމާއި ދަރނބޫދޫ ކައުންސިލްގެ ޓީމެވެ. މި މެޗު 03 ސެޓް 01 ސެޓުން ކާމިޔާބުކުރީ ފީއަލީ ކައުންސިލްގެ ޓީމެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފީއަލީ ކައުންސިލްގެ ޓީމުގެ ތައިލެންޑްގެ ކުޅުންތެރިޔާ ކުތިކާއެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
މުބާރާތް ފެށުމުގެ ގޮތުން ކުރިއަށް ގެންދިޔަ މުނިފޫހި ފިލުވުމުގެ އައިޓަމް
ފުރަތަމަ ކުޅުނުމެޗް: ފީއަލީ ކައުންސިލްގެ ޓީމު (ފިރިހެން)
ފުރަތަމަ ކުޅުނުމެޗް: ދަރަނބޫދޫ ކައުންސިލްގެ ޓީމު (ފިރިހެން)

މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ އެއްވަނަ ޓީމެއްގެ ގޮތުގައި ފައިނަލުން ޖާގަހޯދި ފުރަތަމަ ޓީމަކީ ނިލަންދޫ ކައުންސިލްގެ ޓީމެވެ. ނިލަންދޫ ކައުންސިލްގެ ޓީމު ފައިނަލުން ޖާގަހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 09 ޕޮއިންޓް ހޯދައިގެންނެވެ. ފައިނަލުން ޖާގަހޯދި ފިރިހެން ޑިވިޜަންގެ ދެވަނަ ޓީމަކީ ފީއަލީ ކައުންސިލްގެ ޓީމެވެ. ފީއަލީ ކައުންސިލްގެ ޓީމު ފައިނަލުން ޖާގަހޯދީ ކުޅުނު 03 މެޗުގެ ތެރެއިން 02 މެޗުން މޮޅުވެ 01 މެޗުން ބަލިވެ 06 ޕޮއިންޓް ހޯދައިގެންނެވެ.

މި މުބާރާތުގެ އަންހެން ޑިވިޜަންގެ އެއްވަނަ ޓީމެއްގެ ގޮތުގައި ފައިނަލުން ޖާގަހޯދި ފުރަތަމަ ޓީމަކީ ފީއަލީ ކައުންސިލްގެ ޓީމެވެ. ފީއަލީ ކައުންސިލްގެ ޓީމު ފައިނަލުން ޖާގަހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 09 ޕޮއިންޓް ހޯދައިގެންނެވެ. ފައިނަލުން ޖާގަހޯދި އަންހެން ޑިވިޜަންގެ ދެވަނަ ޓީމަކީ މަގޫދޫ ކައުންސިލްގެ ޓީމެވެ. މަގޫދޫ ކައުންސިލްގެ ޓީމު ފައިނަލުން ޖާގަހޯދީ ކުޅުނު 03 މެޗުގެ ތެރެއިން 02 މެޗުން މޮޅުވެ 01 މެޗުން ބަލިވެ 06 ޕޮއިންޓް ހޯދައިގެންނެވެ.

ފ. އަތޮޅު ކައުންސިލް ވޮލީމުބާރާތް 2023 ގެ ފައިނަލް މެޗުތައް ކުޅެފައިވަނީ 2023 އޮގަސްޓް 16 ވަނަ ދުވަހުއެވެ. އެދުވަހުގެ ހަވީރު 4.30 ގައި ކުޅުނީ ފިރިހެން ޑިވިޜަންގެ ފައިނަލްމެޗެވެ. މި މެޗުގައި ބައްދަލުކުރީ ނިލަންދޫ ކައުންސިލްގެ ޓީމާއި، ފީއަލީ ކައުންސިލްގެ ޓީމެވެ. ދެ ޓީމުގެ ސަޕޯޓަރުންނާއި މެޗްބަލަން އައިސްތިބި އެތައްބައެއްގެ ކުރިމަތީގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ނިލަންދޫ ކައުންސިލްގެ ޓީމުން ސީދާ 03 ސެޓުން ކާމިޔާބުކޮށް މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެންޕިއަންކަން ހޯދީ ނިލަންދޫ ކައުންސިލްގެޓީމެވެ. ރަނަރަޕްޓީމަކީ ފީއަލީ ކައުންސިލްގެ ޓީމެވެ. ފެއަރޕްލޭ ޓީމަކީ މަގޫދޫ ކައުންސިލްގެ ޓީމެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނިލަންދޫ ކައުންސިލްގެ ޓީމުގެ އިންޑިޔާގެ ކުޅުންތެރިޔާ ގަގަންގީތު ސިންގ އެވެ.

ރޭގަނޑުގެ 20.30 ގައި ކުޅެވުނު އަންހެން ޑިވިޜަނުގެ ފައިނަލް މެޗުގައި ބައްދަލުކުރީ ފީއަލީ ކައުންސިލްގެ ޓީމާއި، މަގޫދޫ ކައުންސިލްގެ ޓީމެވެ. މި މެޗު 03 ސެޓް 02 ސެޓުން ކާމިޔާކޮށްގެން މި މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެންޕިއަންކަން ހޯދީ މަގޫދޫ ކައުންސިލްގެ ޓީމެވެ. ރަނަރަޕް ޓީމަކީ ފީއަލީ ކައުންސިލްގެ ޓީމެވެ. ފެއަރޕްލޭ ޓީމަކީ ދަރަނބޫދޫ ކައުންސިލްގެ ޓީމެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަގޫދޫ ކައުންސިލްގެ ޓީމުގެ ކިއުބާގެ ކުޅުންތެރިޔާ ޔަނިލަދިސް ސަންޗޭޒް އެވެ.

މި މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލް މެޗަކީ މިމުބާރާތުގައި އެންމެގިނަ ސެޓްތައް ކުޅުނު މެޗެވެ. އަދި މި މެޗްގެ ފުރަތަމަ ސެޓަކީ މިމުބާރާތުގައި ކުޅުނު އެންމެ ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ ސެޓްކަން ފާހަގަ ކޮށްލެވެއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ދެޓީމުގައި ހިމެނޭ ރާއްޖެއިން ބޭރުގެ ކުޅުންތެރިންގެ މޮޅު ކުޅުމާއެކު ކޮންމެ ޓީމަކަށްވެސް ސެޓް ނިންމާނެ އެތައް ފުރުޞަތެއް ލިބުނު ނަމަވެސް ސެޓް ދިގުލައިގެން ގޮސް މަގޫދޫ ކައުންސިލްގެ ޓީމުން ސެޓް ކާމިޔާބު ކުރީ 35 – 33 އިންނެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ ފައިނަލްމެޗާއި އަންހެން ޑިވިޜަންގެ ފައިނަލް މެޗުގެ ޝަރަފްވެރި މެހުމާނަކީ ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ފ.ނިލަންދޫ ފިނިފެންމާގޭ ޢަބްދުލް މުޙުސިނު ޙަމީދެވެ. މި މުބާރާތުގެ ޗެންޕިއަންކަން ހޯދި ދެ ޓީމަށް ތައްޓާއި މެޑެއްޔާއި ހަނދާނީ ލިއުމާއި، ފައިސާގެ އިނާމު ޙަވާލު ކޮށްދެއްވީ ޝަރަފްވެރި މެހުމާނު ޢަބްދުލް މުޙުސިނު ޙަމީދެވެ. ދެ މެޗުގެ ރަނަރަޕް ޓީމަށް ތައްޓާއި މެޑެއްޔާއި ހަނދާނީ ލިއުމާއި ފައިސާގެއިނާމު ޙަވާލުކޮށްދެއްވީ ފ.އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ.

ޗެންޕިއަން / ރަނަރަޕް / ފެއަރޕްލޭ ޓީމްތައް

ފިރިހެން ޑިވިޜަންގެ ޗެންޕިއަން: ފ. ނިލަންދޫ ކައުންސިލް
އަންހެން ޑިވިޜަންގެ ޗެންޕިއަން: ފ. މަގޫދޫ ކައުންސިލް
ފިރިހެން ޑިވިޜަންގެ ރަނަރަޕް: ފީއަލީ ކައުންސިލް
އަންހެން ޑިވިޜަންގެ ރަނަރަޕް: ފީއަލީ ކައުންސިލް
ފިރިހެން ޑިވިޜަންގެ ފެއަރޕްލޭ ޓީމު: މަގޫދޫ ކައުންސިލް
އަންހެން ޑިވިޜަންގެ ފެއަރޕްލޭ ޓީމު: ދަރަނބޫދޫ ކައުންސިލް

ވޮލީ މުބާރާތުގެ ފިރިހެން ޑިވިޜަންގެ މޮޅު ކުޅުންތެރިން

01- ޝިރުހާން ޢަބްދުއްސައްތާރު ނިލަންދޫ ކައުންސިލްގެ ޓީމު

02- ޢާލިމް އިބްރާހީމް ފީއަލީ ކައުންސިލްގެ ޓީމު

03- ފަރުހާދު އިސްމާޢީލް ނިލަންދޫ ކައުންސިލްގެ ޓީމު

04- މުޙައްމަދު ޢަރީފު މަގޫދޫ ކައުންސިލްގެ ޓީމު

05- އިބްރާހީމް ނަދީމު ނިލަންދޫ ކައުންސިލްގެ ޓީމު

06- ޔާނިޢު ޢަބްދުﷲ ނިލަންދޫ ކައުންސިލްގެ ޓީމު

ވޮލީ މުބާރާތުގެ ފިރިހެން ޑިވިޜަންގެ އެހެން ވަނަތައް

އެންމެމޮޅު ބިނދޭސީ ކުޅުންތެރިޔާ: ގަގަންގީތު ސިންގ ނިލަންދޫ ކައުންސިލްގެ ޓީމު

އެންމެމޮޅު ދިވެހި ކުޅުންތެރިޔާ: ޔާނިޢު ޢަބްދުﷲ ނިލަންދޫ ކައުންސިލްގެ ޓީމު

އެންމެމޮޅު ލިބަރޯ ކުޅުންތެރިޔާ: މުޙައްމަދު އާދަމް ފީއަލީ ކައުންސިލްގެ ޓީމު

21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ: ޔާނިޢު ޢަބްދުﷲ ނިލަންދޫ ކައުންސިލްގެ ޓީމު

އެންމެމޮޅު ކޯޗް: މުޙައްމަދު ރިޝްވާން ނިލަންދޫ ކައުންސިލްގެ ޓީމު

ފެއަރޕްލޭ ޓީމު: މަގޫދޫ ކައުންސިލްގެ ޓީމު

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާ: ގަގަންގީތު ސިންގ ނިލަންދޫ ކައުންސިލްގެ ޓީމު

ވޮލީ މުބާމުބާރާތުގެ އަންހެން ޑިވިޜަންގެ މޮޅު ކުޅުންތެރިން

01- ޢާއިޝަތު ރީމާ ފީއަލީ ކައުންސިލްގެ ޓީމު

02- ޢާއިޝަތު ޒުނީތާ މަގޫދޫ ކައުންސިލްގެ ޓީމު

03- ފާޠިމަތު ޠަހޫރާ ދަރަނބޫދޫ ކައުންސިލްގެ ޓީމު

04- އިބާ ޢަބްދުﷲ ފީއަލީ ކައުންސިލްގެ ޓީމު

05- ފާޠިމަތު މަޒިއްޔާ މަގޫދޫ ކައުންސިލްގެ ޓީމު

06- ރިފްދާ އިބްރާހީމް ފީއަލީ ކައުންސިލްގެ ޓީމު

ވޮލީ މުބާރާތުގެ އަންހެން ޑިވިޜަންގެ އެހެން ވަނަތައް

އެންމެމޮޅު ބިނދޭސީ ކުޅުންތެރިޔާ: ޔަނިލަދިސް ސަންޗޭޒް މަގޫދޫ ކައުންސިލްގެ ޓީމު

އެންމެމޮޅު ދިވެހި ކުޅުންތެރިޔާ: ފާޠިމަތު މަޒިއްޔާ މަގޫދޫ ކައުންސިލްގެ ޓީމު

އެންމެމޮޅު ލިބަރޯ ކުޅުންތެރިޔާ: ޝަހީބާ ޢަބްދުއްލަޠީފް ދަރަނބޫދޫ ކައުންސިލްގެ ޓީމު

21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ: އިބާ ޢަބްދުﷲ ފީއަލީ ކައުންސިލްގެ ޓީމު

އެންމެމޮޅު ކޯޗް: ޝުޢައިބު އަޙްމަދު މަގޫދޫ ކައުންސިލްގެ ޓީމު

ފެއަރޕްލޭ ޓީމު: ދަރަނބޫދޫ ކައުންސިލްގެ ޓީމު

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާ: ޔަނިލަދިސް ސަންޗޭޒް މަގޫދޫ ކައުންސިލްގެ ޓީމު

ވޮލީ މުބާރާތުގެ ރެފްރީ / ލައިންސްމަނުން / ސްކޯބޯޑު / އެހެނިހެން ކަންކަން

ފ. އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތް 2023 ގެ ރެފްރީކަން ކޮށްދެއްވާފައިވަނީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހަމަޖައްސަވައި ދެއްވި ރެފްރީ ޝާމިން ޙަފީޒާއި ފ. ނިލަންދޫ ޕޮލިސްސްޓޭޝަނުން ހަމަޖައްސަވައި ދެއްވި ރެފްރީ ޢަބްދުލް މަޖީދު މުސާއެވެ. ސްކޯބޯޑު ބެލެހެއްޓުމާއި ލައިންސްމަނުކަން ކޮށްދެއްވީ ފ.އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުންނެވެ. މީގެ އިތުރުން ފަސްޓް އެއިޑާއި އެމްބިއުލަންސްގެ ކަންތައްތައްވެސް ހޮސްޕިޓަލުން ހަމަޖައްސަވާ ދެއްވާފައި ވެއެވެ.

މުބާރާތުގެ ހުރިހާ މެޗްތަކެއްގެ ޓެކްނިކަލް ކަންކަން ހަމަޖައްސަވައި ދެއްވީ ފ. ނިލަންދޫ ޕޮލިސްސްޓޭޝަނުގެ މުވައްޒަފުންނެވެ. ރަށުންބޭރުން އަންނަ ޓީމްތަކުގެ ކަންތައް ހަމަޖެއްސުމާއި، ހުރިހާ މެޗުތަކެއްގެ ބޯލްބޯއިން ހަމަޖެއްސުމާއި، ސައުންޑްގެ ކަންތައް ހަމަޖެއްސެވީ ނިލަންދޫ ކައުންސިލުންނެވެ. މުބާރާތުގެ މީޑިއާގެބައި ކުރިއަށް ގެންދިޔައީ ދަރަނބޫދޫ ދަނިއުސް ޓީމުންނެވެ. މުބާރާތުގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖެއްސުމުގައި ޙަރަކާތްތެރިވަމުން ގެންދިޔަކީ ފ. އަތޮޅު ކައުންސިލްގެ މުވައްޒަފުންނާއި، ފ. ނިލަންދޫ ކައުންސިލްގެ މުވައްޒަފުންނެވެ.

ފ. އަތޮޅު ކައުންސިލުން މި މުބާރާތް ކުރިއަށް ގެންދިއުމުގައި ފ. ނިލަންދޫ ޕޮލިސްސްޓޭޝަނުންނާއި ފ. އަތޮޅު ހޮސްޕިޓަލްގެ ފަރާތުން ހަމަޖައްސެވި މުވައްޒަފުން ހަމަޖައްސަވާ ދެއްވާފައިވަނީ ހިލޭ ސާބަހަށެވެ. މި މުބާރާތުގެ މީޑިއާގެ ބައި ކުރިއަށް ގެންދެވި ދަނިއުސް ޓީމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންގޮސް ދެއްވާފައިވަނީ ހިލޭ ސާބަހަށެވެ. މި މުބާރާތުގެ މެޗުތައް ކުޅެމުން ގެންދިޔައިރު މުބާރާތް ހިނގަމުންދިޔަ ސަރަޙައްދު ބަލަހައްޓަވާދެއްވީ ފ. ނިލަންދޫ ޕޮލިސްސްޓޭޝަނުންނެވެ.

މި މުބާރާތުގެ ކޯ ސްޕޮންސަރަކީ ފ. ނިލަންދޫ ރިޔަލް ޖާޒީއެވެ. މި މުބާރާތަށް ރިއަލް ޖާޒީގެ ފަރާތުން އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. މީގެ އިތުރުން ފ. ނިލަންދޫ ލީމް ކޭޓަރިންގެ ފަރާތުންވެސް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.

ޝުކުރު

ފ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން 2023 އޮގަސްޓް 10 އިން 16 އަށް މިއަތޮޅު ނިލަންދޫގައި ބޭއްވި ވޮލީ މުބާރާތް ކުރިއަށް ގެންދިއުމުގައި ފ. ނިލަންދޫ ކައުންސިލުންނާއި، ފ. ނިލަންދޫ ޕޮލިސްސްޓޭޝަނުންނާއި، ފ. އަތޮޅު ހޮސްޕިޓަލުންނާއި، ދަރަނބޫދޫ ދަނިއުސް ޓީމުންނާއި ފ. ނިލަންދޫ ރިޔަލް ޖާޒީން ވަރަށްބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ދެއްވާފައި ވެއެވެ. އަދި ރަށުކައުންސިލް ތަކުންނާއި ފ. އަތޮޅު ކައުންސިލް މެންބަރުންގެ ފަރާތުންނާއި ފ. އަތޮޅު ކައުންސިލްގެ ވެރިންނާއި މުވައްޒަފުންގެ ފަރާތުންނާއި، ލީމް ކޭޓަރިންގެ ފަރާތުންވެސް ވަރަށްފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާފައިވާތީ މުބާރާތް ނިމުމުގެ ރަސްމިއްޔާތުގައި ފ. އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދު މިކަންކަން ފާހަގަ ކުރައްވައި ހުރިހާ ފަރާތްތަކަށް ވަރަށްބޮޑަށް ޝުކުރު އަދާކުރެއްވިއެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމުގައި ކުދިކުދި ކަންތައްތައް ދިމާވި ނަމަވެސް މި މުބާރާތް ވަރަށް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާތީ، ވޮލީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި 2024 ވަނަ އަހަރުވެސް ވޮލީ މުބާރާތް ބާއްވާނެކަމަށް އިޢުލާނު ކުރެއްވިއެވެ.

ފ. އަތޮޅުގެ ވޮލީއަށް ބަލާލުމެއް

ފ. އަތޮޅުގެ ހުރިހާ ރަށެއްގައިވެސް ޒަމާނުއްސުރެ ވޮލީ ކުޅެއެވެ. ވޮލީކުޅޭ ހުނަރުވެރި މޮޅު ކުޅުންތެރިން އުފެއްދުމަށް ކްލަބް ޖަމްޢިއްޔާތަކުންނާއި، އެނޫން ފަރާތްތަކުންވެސް އަބަދުވެސް ބުރަ މަސައްކަތް ތަކެއް ކުރެއެވެ. ރަށުކައުންސިލްތައް އުފެދުނު ފަހުންވެސް ރަށްރަށުގައި ވޮލީކުޅޭ ހުނަރުވެރި މޮޅު ކުޅުންތެރިން އުފެއްދުމަށް ކޯޗިންގ ކޭންޕްތަކާއި މުބާރާތްތައް ބޭއްވުމަށް ބޮޑަތި ޚަރަދުތަކެއް ކުރެއެވެ. ނަތީޖާއަކީ އެއްދުވަހުން އަނެއްދުވަހަށް މިއަތޮޅުގެ ރަށްރަށުގައި ވޮލީކުޅޭ ހުނަރުވެރި މޮޅު ކުޅުންތެރިންތައް އުފެދި އަތޮޅު ފެންވަރުގައި، ޤައުމީ ފެންވަރުގައި ވޮލީ ކުޅެމުން ގެންދިއުމެވެ. ޤައުމީ ވޮލީ ޓީމުގައިވެސް މިއަތޮޅަށް ނިސްބަތްވާ ވޮލީ ކުޅުންތެރިން ހިމެނިފައި ވުމެވެ.

ވޮލީއަކީ މިއަތޮޅުގެ ރައްޔިތުން އަބަދުވެސް ވަރަށްބޮޑުޝައުޤުވެރިކަމެއް ދެމުންގެންދާ ކުޅިވަރެއް ކަމުގައި ފާހަގަ ކުރެވެއެވެ. މިއަތޮޅުގެ ބައެއް ރަށްރަށުގައި އެއްނަންބަރު ކުޅިވަރަކީވެސް ވޮލީއެވެ. އަތޮޅުފެންވަރުގައި، ރަށުފެންވަރުގައި ބާއްވާ ކުޅިވަރު މުބާރާތްތަކުގެ ތެރެއިން އެންމެބޮޑު ތަރުޙީބަކާއި ފޯރިއެއް އަންނަނީ ވޮލީ މުބާރާތުގެ ތެރެއިންކަން ފާހަގަ ކުރެވެއެވެ. ވޮލީ މުބާރާތްތައް ބާއްވަމުން ގެންދާއިރު، އެހެން ކުޅިވަރުތައް ބެލުމަށްދާ މީހުންނަށްވުރެ ވޮލީގެ ކުޅިބަލަންދާ މީހުން ގިނަކަން ފާހަގަ ކުރެވެއެވެ. އެހެންކަމާއެކު ރައްޔިތުންވެސް އެންމެ ބަލާހިތްވާ އެއްކުޅިވަރަކީ ވޮލީކަމުގައިވަނީ ވެފައެވެ. ނިމިދިޔަ ފ.އަތޮޅު ކައުންސިލްގެ މުބާރާތުންނާއި، ރާއްޖެ އެޓޯލް ވޮލީބޯލް މުބާރާތުގައިވެސް ކުޅިބެލުމަށް ގިނަ ޢަދަދެއްގެމީހުން ގޮސް އެހެން ކުޅިވަރަކަށް ނުދޭހާ ބޮޑު ތަރުޙީބާއި ފޯރި ދެމުން ގެންގޮސްފައިވާކަން ފާހަގަ ކުރެވެއެވެ.

މިއަތޮޅަށް ބަލާއިރު މިއަތޮޅު ފީއައްޔަކީ ޒަމާނުއްސުރެ ވޮލީގައި އެންމެ ނަންވިދާ އެއްރަށެވެ. އަތޮޅުގެ ނިސްބަތުން ވޮލީގެ ހުނަރުވެރި ދެ ޖިންސްގެ ކުޅުންތެރިން އެންމެގިނަ ރަށްވެސް މެއެވެ. ފ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން 2022 ވަނައަހަރު މަގޫދޫގައި ބޭއްވި ރާއްޖެ އެޓޯލް ވޮލީބޯލް ޗެންޕިއަންޝިޕް މުބާރާތުންނާއި، ފ. އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތުގެ ތެރެއިންވެސް ފީއަލީގައި ދެ ޖިންސްގެ ހުނަރުވެރި މޮޅު ކުޅުންތެރިން ތިބިކަން ފާހަގަވެގެން ދިޔައެވެ. މި އޮގަސްޓް މަހު ނިލަންދޫގައިބޭއްވި ފ. އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތުގެ ދެ ޑިވިޜަންގައި ހިމެނޭ އެންމެމޮޅު 12 ކުޅުންތެރިންގެ ތެރޭގައި ފީއައްޔަށް ނިސްބަތްވާ ދެ ޖިންސްގެ 05 ކުޅުންތެރިން ހިމެނި، މޮޅުކުޅުންތެރިން އެންމެގިނަ ރަށުގެ ޝަރަފް ހޯދާފައިވެއެވެ. ފީއަލީގެ އިތުރުން މިއަތޮޅު މަގޫދޫއާއި، ނިލަންދޫގައި އަދި އަތޮޅުގެ އެހެން ރަށްރަށުގައިވެސް އެ ރަށްރަށަށް ނިސްބަތްވާ ވޮލީކުޅޭ ދެ ޖިންސްގެ ހުނަރުވެރި މޮޅު ކުޅުންތެރިންތައް އިތުރުވަމުންދާކަން ފ. އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތުންނާއި ރާއްޖެ އެޓޯލް ވޮލީބޯލް މުބާރާތުންވެސް ފާހަގަވެގެން ގޮސްފައި ވެއެވެ.