"ފ.އަތޮޅުކައުންސިލްގެ ވޮލީމުބާރާތް 2023" ފަށައިފި

10 އޮގަސްޓް 2023



ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ، "ފ.އަތޮޅުކައުންސިލްގެ ވޮލީމުބާރާތް 2023" މިއަދު ހަވީރު ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ވޮލީކޯޓްގައި ފަށައިފިއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫގައި ކުރިއަށްގެންދާ މި މުބަރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލާއި، ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ ފިރިހެން ޓީމެވެ. މި މެޗް ޝަރަފްވެރި ކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ނައިބްރައީސް ޢަބްދުﷲ ވަޙީދެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ވޮލީކޯޓްގައި ކުޅުނު މި މެޗް ސީދާ 03 ސެޓުން ކާމިޔާބުކުރީ ފީއަލީ ކައުންސިލްގެ ޓީމެވެ. މެޗުގެ ސެޓްތައް ކާމިޔާބުރީ ފުރަތަމަ ސެޓް 25-15 އިން ދެވަނަ ސެޓް 25-18 އިން އަދި ތިންވަނަ ސެޓް 25-12 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފީއަލީ ކައުންސިލްޓީމުގެ އިންޑިޔާގެ ކުޅުންތެރިއެއް ކަމަށްވާ މަނާރާ ތޮއްތަލިލް އެވެ.

ނިލަންދެއަތޮޅު އުތުރުބުރީގައި ވޮލީ ދިރުވައި އާލާކޮށް ހުނަރުވެރި ކުޅުންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ނިލަންދެއަތޮޅު އުތުރުބުރީގެ ރަށްރަށަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ބިލެއްދޫ ކައުންސިލް ފިޔަވައި އެހެން ކައުންސިލްތަކުން ބައިވެރިވެފައި ވެއެވެ. މި މުބާރާތުގައި 08 ޓީމު (ފިރިހެން 04 ޓީމު އަންހެން 04 ޓީމު) ވާދަ ކުރާނެއެވެ.

2023 އޮގަސްޓް 10 އިން 16 އަށް ކުރިއަށްދާ މި މުބާރާތުގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ޑިވިޜަނެއްގައި ކޮންމެޓީމެއް ކޮންމެ ޓީމަކާއި ވާދަކުރުމަށްފަހު އެންމެގިނަ ޕޮއިންޓްހޯދާ ދެ ޓީމު ފައިނަލަށް ދާގޮތަށެވެ. މި މުބާރާތުގެ ކޮންމެ ޑިވިޜަނެއްގެ ޗެންޕިއަންޓީމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން -/20،000 ރުފިޔާގެ ފައިސާގެ އިނާމުވަނީ ހުށަހަޅާފައެވެ.

މި މުބާރާތުގެ ކޯ ސްޕޮންސަރަކީ ރިއަލް ޖާޒީއެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ދަނިއުސްއެވެ. މި މުބާރާތުގެ މީޑިއާގެބައި ކުރިއަށްގެންދިއުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލާއި، ދަނިއުސްއާއި ދެމެދު އެއްބަސްވެފައިވާ ގޮތުގެމަތިން މުބާރާތުގެ ހުރިހާ މެޗުތަކެއް ދަނިއުސްއިން ލައިވް ކުރަމުން ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމުގައި އެހީތެރިކަމަށް އެދިފައިވާ ކަންކަމުގައި ދަރަނބޫދޫ ދަނިއުސްގެ އިތުރުން ނިލަންދެއަތޮޅު އުތުބުރީ ނިލަންދޫ ކައުންސިލާއި، ފ.އަތޮޅު ޕޮލިސް ކްލަބާއި، ފ.އަތޮޅު ހޮސްޕިޓަލުން އެހީތެރިކަމާއި އެއްބާރުލުން ދެއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ ކުޅުމަށްހަމަޖެހިފައިވާ ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލާއި، ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އަންހެން ވޮލީޓީމުގެ މެޗު ފެށުމުގެކުރިންނެވެ.