މިއަހަރުގެ މިނިވަން ދުވަހުގައި ފ. އަތޮޅުކައުންސިލްގައި ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

26 ޖުލައި 2023



މިއަހަރުގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގައި ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދުގެ ހެނދުނު 6.00 ގައި ބާއްވައިފިއެވެ.

މިރަސްމިއްޔާތުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގެ ދިދަ ނަންގަވައި ދެއްވީ މިރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ.

އަތޮޅުކައުންސިލް އިދާރާގެ ގޯތިތެރޭގައި ބޭއްވި މިރަސްމިއްޔާތު ފެށުމުގެ ގޮތުން ޤުރުއާންކިޔެވީ ފ.އަތޮޅު ކައުންސިލް އިދާރާގެ ސީނިއަރ ކައުންސިލް އޮފިސަރ ޙައްވާ ޢަބްދުލް ޢަޒީޒެވެ. ރަސްމިއްޔާތު ތަޢާރަފުކޮށް، ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭފުޅުންނަށް މަރުޙަބާ ދެންނެވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ފަރީދާ އިބްރާހީމެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ދިދަ ނަންގަވައި ދެއްވުމަށްފަހު ދުވަހާ ގުޅޭގޮތުން ރައީސް ޢަލީ މުޙައްމަދު ވާހަކަފުޅު ދެއްކެވިއެވެ. ރައީސް ޢަލީ މުޙައްމަދު ދެއްކެވި ވާހަކަ ފުޅުގައި، ދިވެހިންނަކީ މިނިވަންކަމުގެ ފަޚުރުވެރި މާޒީއެއް އޮތް ބައެއް ކަމަށާއި، ދިވެހިންނާ ބެހޭގޮތުން އެނގެން އޮތް އެންމެ ދޮށީ ތާރީޚަކާ ހަމަޔަށް ވެސް ދިވެހީންނަކީ އަމިއްލަ މުސްތަޤިއްލު ވެރިކަމެއް ކުރަމުން އައި ބައެއްކަމަށް ވިދާޅުވިއެވެ.

ދިވެހިންގެ މިނިވަންކަމުގެ ތާރީޚު ކިތަންމެ ދިގު ކަމަށް ވިޔަސް އެ މިނިވަންކަމަށް ކޮންމެ ވެސް ވަރެއްގެ ކިލަނބުކަމެއް އައި ދުވަސްތަކެއް މާޒީގެ ސަފުހާތަކުގެ ތެރެއިން ފެންނަން އެބައޮތްކަމާއި، ކޮންމެ ފަހަރަކު ވެސް ދިވެހިންގެ މިނިވަންކަން ގެއްލިފައި ވަނީ ދިވެހިންގެ ބަޔަކު ވެރިކަމުގެ ދަހިވެތިކަމުގައި ކޮންމެ ވެސް ބޭރު ބައެއްގެ އެހީތެރިކަން ހޯދުމުންކަމަށް ވިދާޅުވިއެވެ.

ކޮންމެ ޤައުމެއްގައިވެސް އެ ޤައުމެއްގެ މިނިވަން ދުވަހަކީ ވަރަށް ފަޚުރުވެރި ދުވަހެއް ކަމަށާއި، ކޮންމެ ދިވެއްސެއްގެ އަމާޒަކަށް ވާންވާނީ މި ދިވެހި ޤައުމުގެ މިނިވަންކަން ގެއްލިގެން ދިޔަ ނުދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތް ކުރުން ކަމުގައި ވިދާޅުވިއެވެ.

ދިވެހިރާއްޖެ އިނގިރޭސިންގެ ޙިމާޔަތުގައި އޮތުމަށްފަހު ދިވެހިރާއްޖެއަށް މިނިވަންކަން ލިބިފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ މިނިވަންދުވަސް ކަމުގައި ސަރުކާރުންވަނީ ހަމަޖައްސަވާފައެވެ. މިއަހަރަކީ ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ 58 ވަނަ އަހަރު ފުނުރު އަހަރެވެ.