ފަތުރުވެރިކަމުގެ ވިޔަފާރި ކުރުމަށް "މާގާ" ގޯތިން ބައެއް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

21 ޖުލައި 2023



ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލަށް އާމްދަނީ ހޯދުމުގެ ގޮތުން ފަތުވެރިކަމުގެ ވިޔަފާރި ކުރުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ "މާގާ" ގޯތިން 42630 (210 ފޫޓު ދިގު، 203 ފޫޓް ފުޅާ) އަކަފޫޓްގެ ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި ބިމަކީ ފ.އަތޮޅު ސްޓޭޓް ހައުސްގެ ގޯތީގެ ދެކުނުން އޮންނަ ބިމެކެވެ.

މި ބިމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް 2023 ޖުލައި 20 ވަނަ ދުވަހުގެ ހަވީރު 5.00 ގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ. މިބިން ކުއްޔަށްނެގި ފަރާތްކަމުގައިވާ ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ އޯކިޓް ޓުރަސްޓްގެ ފަރާތުން ސޮއި ކުރެއްވީ ފ.މަގޫދޫ އޯކިޑްވިލާ އިބްރާހީމް ނަޞީރު މުޙައްމަދެވެ.

ފަތުރުވެރި ކަމުގެ ވިޔަފާރި ކުރުމަށް މިބިން ކުއްޔަށް ދޫކޮށްފައިވަނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުންފެށިގެން 30 އަހަރު ދުވަހުގެ މުއްދަތަށެވެ. ގްރޭސް ޕީރިއަޑަކީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުންފެށިގެން 01 އަހަރު ދުވަހުގެ މުއްދަތެވެ.

ފަތުވެރިވަކަމުގެ ވިޔަފާރި ކުރުމަށް މިބިމުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ޢިމާރާތްކޮށްފައިވާ ދެ ޢިމާރާތްވެސް އޯކިޑް ޓުރަސްޓަށްވަނީ ދޫކޮށްފައެވެ. މި ދެ ޢިމާރާތުގައި 04 ކޮޓަރި ހުރެއެވެ. އޭގެ ތެރެއިން ދެ ކޮޓަރިއަކީ މިހާރުވެސް ބޭނުން ކުރަމުން ގެންދާ ދެ ކޮޓަރިއެވެ. އަނެއް ދެ ކޮޓަރީގެ ފިނީޝިން މަސައްކަތްހުރީ ނުނިމިއެވެ.

މިބިމުގެ ކުލި ދައްކަން ފަށާނީ 2024 ޖުލައި މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.