އޭޒޯން ލައިންސަންސް ދޫކުރުމަށް ތައްޔާރުކުރާ ޓުރެކްގައި ތަޅުއެޅުމުގެ މަސައްކަތް ހަވާލުކޮށްފި

12 މޭ 2023


ނިލަންދެއަތޮޅު އުތުރުބުރީގައި އޭޒޯން ލައިސަންސް ދޫކުރުމަށް މިއަތޮޅު ނިލަންދޫގައި މިއިދާރާއިން ތައްޔާރު ކުރަމުން ގެންދާ ލައިސަންސް ޓުރެކްގެ ތަޅުންއަޅަންޖެހޭ ސަރަޙައްދު ތަކުގައި ކޮންކްރީޓް ތަޅުމެއް އެޅުމުގެ މަސައްކަތް ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ އިޝާން އިންވެސްޓްމަންޓާއި ޙަވާލު ކޮށްފިއެވެ.

މި މަސައްކަތް ޙަވާލު ކުރުމުގެ ގޮތުން މަސައްކަތު އެއްބަސްވުމުގައި ސޮއިކުރުމަށް 11 މޭ 2023 ދުވަހުގެރޭ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމްގައި ބޭއްވި ބައްދަލުވުމުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް ޢަލީ މުޙައްމަށެވެ. އިޝާން އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އަޙްމަދު ޝަނޫނެވެ.

2023 މޭ 12 ވަނަ ދުވަހުން ފެށިގެން 02 ޖޫން 2023 ގެ ނިޔަލަށް 22 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ޙަވާލުކުރި މިމަސައްކަތުގެ އަގަކީ -/375,000 ރުފިޔާއެވެ.

ލައިސަންސް ޓްރެކްގައި ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ވަށާއިންފާރު ރޭނުމާއި އެތެރޭގެ ގާފޮޅުތައް ރޭނުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. ޓުރެކްގައި ތަޅުން އެޅުމުގެ މަސައްކަތް ނިމުމުން ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް ނިމުނީއެވެ.

މަސައްކަތް ރޭވިފައިވާ ގޮތަށް ކުރިއަށްދާނަމަ، މިއަހަރުގެ ތެރޭގައި މިއަތޮޅުގައި އޭޒޯން ލައިސަންސް ދޫކުރުމުގެ ޚިދުމަތް ފެށޭނެއެވެ.