ނިލަންދެއަތޮޅު އުތުރުބުރީގައި ޕްރައިމަރީ ހެލްތުކެއަރ އާލާކޮށް ހަރުދަނާކުރުން އިފްތިތާޙްކޮށްފި

06 މޭ 2023


ފޮޓޯ: ރައީސް އޮފީސް

ނިލަންދެއަތޮޅު އުތުރުބުރީގައި ޕްރައިމަރީ ހެލްތުކެއާ އާލާކޮށް ހަރުދަނާކުރުމުގެ މަސައްކަތް އިފްތިތާޙްކޮށް ދެއްވައިފިއެވެ.

ފ.އަތޮޅު ހޮސްޕިޓަލްގެ 27 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ދިވެހިރާއްޖޭގައި ޕްރައިމަރީ ހެލްތުކެއަރ އާލާކޮށް ހަރުދަނާކުރުމުގެ މަސައްކަތް ނިލަންދެއަތޮޅު އުތުރުބުރިން ފެށުމުގެގޮތުން ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައި 05 މޭ 2023 ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ޕްރައިމަރީ ހެލްތް ކެއަރ ރެޖިސްޓްރީ އިފްތިތާޙް ކޮށްދެއްވީ މިރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނު ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

ޕްރައިމަރީ ހެލްތުކެއަރ އާލާކޮށް ހަރުދަނާ ކުރުން އިފްތިތިތާޙް ކުރުމުގެ މިރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ދެއްކެވި ވާހަކަފުޅުގައި 1980 އާއި 1990 ގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި ޕްރައިމަރީ ހެލްތްކެއަރ ނިޒާމްގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި ރަނގަޅު މަސައްކަތްތަކެއް ކުރެވުނު ކަމަށާއި އެހެން ނަމަވެސް އޭގެފަހުން އެކަމަށް އަޅާނުލެވި އޮތުމުގެ ސަބަބުން އަލުން ޕްރައިމަރީ ހެލްތް ކެއަރ ނިޒާމް ދިރުވައި ހަރުދަނާކުރަން ޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.

ޞީއްޙީ ޚިދުމަތް ލިބޭނެ ތަންތަން ހުރުމަކީ، ބަލިތަކުން ދުރާލައި ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ފަރުވާކުޑަކޮށްލައިގެންވާނޭ ކަމެއް ނޫންކަމަށް މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ހެލިފެލިވެ އުޅުމަށާއި ކަސްރަތު ކުރުމަށް އިސްކަންދިނުމަށް ނަޞޭހަތްތެރިވެ ވަޑައިގެން، އެއީ ޤައުމީ ކަމެއްގެ ގޮތުގައި ބަލައިގަނެ، ޕްރައިމަރީ ހެލްތް ކެއާ ޕްރޮމޯޓްކޮށް ހޭލުންތެރިކަން އިތުރުކުރުމަށް ހުރިހާ މީޑިއާތަކުންނާއި ޢާންމު ރައްޔިތުންވެސް ފުރިހަމައަށް އެއްބާރުލުންދެއްވުމަށް އެދިވަޑައިގެންފައެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމު ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންނާއި ވީހާގާތުން ފަސޭހަ ކަމާއެކު ފެންވަރު ރަގަނޅު ޞިއްޙީ ޚިދުމަތް ދެމެހެއްޓެނެވި ގޮތެއްގައި ފޯރުކޮށްދިނުމަށް މިފަހަކަށް އައިސް ކުރެވޭ އެންމެ މުހިންމު މަސައްކަތަކީ މިއަދު އިފްތިތާޙް ކުރެވޭ ޕްރައިމަރީ ހެލްތު ކެއަރ ނިޒާމް އާލާކޮށް ހަރުދަނާކުރުމުގެ ޢަމަލީ މަސައްކަތް ކަމުގައި ވިދާޅުވިއެވެ.

ނިލަންދެއަތޮޅު އުތުރުބުރީގެ 18 އަހަރުންމަތީގެ %80 އަށްވުރެ ގިނަ ރައްޔިތުންގެ މަޢުލޫމާތު އެއްކުރެވި އެމީހުންގެ ޞިއްޙީ ޙާލަތު ދެނެގަނެވި އެފަރާތްތަކަށް ދޭންވާ ލަފަޔާ އިރުޝާދުދީ ބޭސްފަރުވާ ދޭންޖެހޭ ފަރާތްތަކަށް ފަރުވާދޭން ފެށިފައިވާކަމަށްވެސް މިނިސްޓަރ އަޙްމަދު ނަސީމު ވިދާޅުވިއެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމުގައި މިއަތޮޅުގެ ޞިއްޙީ ޚިދުމަތްދޭ ހުރިހާ ތަންތަނުންނާއި ރަށްރަށުގެ މުވައްސަސާތަކުން ދެއްވި އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށް މިނިސްޓަރ އަޙްމަދު ނަސީމު ވަރަށްބޮޑަށް ޝުކުރު އަދާކުރެއްވިއެވެ.

ޕްރައިމަރީ ހެލްތުކެއަރ އާލާކޮށް ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން ޚިދުމަތް ދިނުމުގައި ޢަމަލު ކުރުމަށް މިހާރުވަނީ އައު "ކެއަރ ޕާތްވޭ" އެއް އެކުލަވާލާފައެވެ. މި "ކެއަރ ޕާތްވޭ" އާއި އެއްގޮތަށް 06 މޭ 2023 އިން ފެށިގެން ފ. އަތޮޅުގެޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި ޚިދުމަތްތައް އިންތިޒާމްކޮށް ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ޕްރައިމަރީ ހެލްތުގެ ނިޒާމަކީ ޞިއްޙީ ޚިދުމަތް ދިނުމުގައި ފަރުވާގެ އިތުރުން، ބަލިތަކުން ދުރާލާ ރައްކާތެރިވެ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ޞިއްޙީ މަޢުލޫމާތު ދިނުމާ ތިމާގެ ޞިއްޙީ ޙާލަތު ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް ހެދުމާ، މީހާގެ ޞިއްޙީ ޙާލަތާ ދިރިއުޅުމުގެ ޙާލަތަށް ރިޢާޔަތްކޮށް، އެމީހަކަށް ނުވަތަ އެ މުޖްތަމަޢުއަކަށް އެންމެ އެކަށީގެންވާގޮތަށް ފަރުވާއާއި އެހެނިހެން ޚިދުމަތްތައް އިންތިޒާމުކުރެވިގެންދާ ނިޒާމެކެވެ.

ޕްރައިމަރީ ހެލްތު ކެއަރ އާލާކޮށް ހަރުދަނާކުރުމުގެ މަސައްކަތް ނިލަންދެއަތޮޅު އުތުރުބުރީގައި ރަސްމީކޮށް ފެށުމުގެ ގޮތުން ފ.އަތޮޅު ހޮސްޕިޓަލުން އިންތިޒާމް ކޮށްގެން ނިލަންދޫ އިރުމަތީ ބަނދަރު ސަރަޙައްދުގައި "ޞިއްޙީ ހަވީރު" ގެ ނަމުގައި ހަވީރެއް ބާއްވާފައި ވެއެވެ. މިހަވީރުގައި ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ‪ފައިސަލް ނަސީމާއި، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމުގެ އިތުރުން ޕްރައިމަރީ ހެލްތު ކެއަރ އާލާކޮށް ހަރުދަނާކުރުމުގެ މަސައްކަތް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ފޮޓޯ: ރައީސް އޮފީސް