ފ.ނިލަންދޫ ރައްޔިތުންގެ "ފިނިހިޔާ" ޢިމާރާތް ކުއްޔަށް ހިފުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

04 އެޕްރީލް 2023



ފ. އަތޮޅު ސްޓޯރުގެ ވިޔަފާރި ފުޅާކުރުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ރައްޔިތުންގެ "ފިނިހިޔާ" ޢިމާރާތް ކުށްޔަށް ހިފުމުގެ އެއްބަސްވުމުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުންނާއި، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލުން 03 އެޕްރީލް 2023 ގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ. ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދެވެ.

05 އަހަރު ދުވަހުގެ މުއްދަތަށް މަހަކު -/5000 ރުފިޔާއަށް ކުއްޔަށްހިފި މި ޢިމާރާތަކީ ކުރިންވެސް ދެ ފަހަރެއްގެމަތިން ފ.އަތޮޅުސްޓޯރުގެ ވިޔަފާރި ކުރުމަށް ކުއްޔަށް ހިފާފައިވާ، ޖާގައިގެގޮތުން ރަގަނޅު ވިޔަފާރި ކުރުމަށް އެކަށީގެންވާ ޢިމާރާތެކެވެ.

ފ.އަތޮޅުސްޓޯރުގެ ވިޔަފާރި މިހާރު ކުރަމުންގެންދާ ޢިމާރާތުގެ ޖާގައިގެ ދަތިކަމުން ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ މުދާ ނުގެނެވި ހުރި ހުރުން ނިމުމަކަށް އައިސް މި ޢިމާރާތުގައި މުދާ ވިއްކޭނެގޮތް ތަނަވަސްވެގެން ދިއުމަކީ ވިޔަފާރިއަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމެކެވެ. މި ޢިމާރާތް ކުއްޔަށް ހިފުމާއެކު، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން އެކިބާވަތްތަކުގެ މުދާގެނެސްގެން ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.