ޓޫރިޒަމްގެ ރަންއަހަރު ފާހަގަ ކުރުމުގެ ގޮތުން ނިލަންދޫގައި އިންވެސްޓްމަންޓް ފޯރަމެއް ބާއްވައިފި

22 އޮކްޓޫބަރު 2022


ދިވެހިރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފާފު އިންވެސްޓްމަންޓް ފޯރަމް ބާއްވައިފިއެވެ.

ނިލަންދެއަތޮޅު އުތުރުބުރީގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ކުރެވިދާނެ ކަންތަކާއި ހުރި ފުރުޞަތު ތަކާގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ފ.އަތޮޅު ހޮސްޕިޓަލްގެ ރެކްރިއޭޝަން ހޯލްގައި 21 އޮކްޓޫބަރު 2022 ގައި ބޭއްވި މި ފޯރަމް ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް އަލްފާޟިލް އިބްރާހީމް ރަޝީދެވެ.

ފޯރަމް ފައްޓަވައި ދެއްވަމުން ޝަރަފްވެރި މެހުމާނު އަލްފާޟިލް އިބްރާހީމް ރަޝީދު ދެއްކެވި ވާހަކަ ފުޅުގައި ނިލަންދެއަތޮޅު އުތުރުބުރިއަކީ މިއަދު އެންމެ ރިސޯޓެއް އޮތް އަތޮޅެއް ނަމަވެސް މުސްތަޤްބަލްގައި މިއަތޮޅުގައި އިތުރު ރިސޯޓްތައް އުފެދިގެންދާނެ ކަމަށާއި، މިހާރުވެސް މިއަތޮޅުގެ ތިން ރަށެއް ރިސޯޓް ހެދުމަށް ބަޔަކާއި ޙަވާލު ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިއަތޮޅު ނިލަންދޫފަޅު ހިއްކައިގެން ދެ ރިސޯޓް ހެދުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، ޓޫރިޒަމުން ކުރަންޖެހޭ މަސައްކަތްތައް ނިންމައި ހުއްދަ ހޯދަންޖެހޭ ފަރާތްތަކުން ހުއްދަ ހޯދުމަށް ފޮނުވިފައިވާ ކަމަށްވެސް އިބްރާހީމް ރަޝީދުގެ ވާހަކަ ފުޅުގައި ވިދާޅުވިއެވެ.

މިއަތޮޅުގެ ރަށުކައުންސިލް ތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި، ކުލަބް ޖަމްޢިއްޔާ ތަކާއި މިއަތޮޅުގައި ހުރި ގެސްޓު ހައުސްތައް ހިމެނޭގޮތަށް މަންދޫބުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ މި ފޯރަމްގައި 50 މީހުން ބައިވެރި ވެފައި ވެއެވެ.

މި ފޯރަމްގައި ޓޫރިޒަމްގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވާފައިވަނީ މިދާއިރާގެ ފަންނީ ބޭފުޅުންނެވެ. އެގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމުންނާއި، ޓޫރިޒަމް އެސޯސިއޭޝަންގެ އިތުރުން އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ ރައީސް ބައިވެރިވެ ވަޑައިގެން ޓޫރިޒަމް ދާއިރާގެ މަސައްކަތްތަކާ ގުޅޭގޮތުން ވަރަށްގިނަ މަޢުލޫމާތުތައް ދެއްވައި ބައިވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފައި ވެއެވެ.

ޓޫރިޒަމްގެ ރަންއަހަރު ފާހަގަ ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން -/100,000 ރުފިޔާ ދެއްވާފައި ވެއެވެ.