ފ.އަތޮޅުސްޓޯރުގެ ޢިމާރާތަށް ވިފާރި ބަދަލުކޮށް ވިޔަފާރި ކުރުން ޢާންމުކޮށް ހުޅުވާލައިފި

08 ޖަނަވަރީ 2021



ފ.ނިލަންދޫ ރައްޔިތުންގެ "ފިނިހިޔާ" ޢިމާރާތުގައި ކުރަމުން ގެންދިޔަ ފ.އަތޮޅުސްޓޯރުގެ ވިޔަފާރި ފ.އަތޮޅުސްޓޯރުގެ ޢިމާރާތަށް ބަދަލުކޮށް އަތޮޅުސްޓޯރުގެ ޢިމާރާތުގައި ވިޔަފާރި ކުރަން މިރޭ (08 ޖަނަވަރީ 2021 ދުވަހުގެގެރޭ) ފަށައިފިއެވެ.

ފ.އަތޮޅުސްޓޯރުގެ ވިޔަފާރި ކުރުން ޢާންމުކޮށް ހުޅުވާލުމަށްޓަކައި 08 ޖަނަވަރީ 2021 ވަނަ ދުވަހުގެރޭ 20.30 ގައި އަތޮޅުސްޓޯރުގެ ކުރިމަތީގައި ބޭއްވި ރަސްމިއްޔާތުގައި އަތޮޅުސްޓޯރުގެ ވިޔަފާރި ހުޅުވައި ދެއްވީ ވަރަށް ގިނަދުވަސްތަކެއް ވަންދެން އަތޮޅުސްޓޯރ ހިންގައި ބަލަހައްޓަވައި އަދި އަތޮޅުސްޓޯރަށް އެންމެބޮޑު ދިރުމެއް ގެނެސްދެއްވި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް މިހާރު ފ.ނިލަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޖަލީލެވެ.

ފ.އަތޮޅުސްޓޯރުގެ ވިޔަފާރި ޢާންމުކޮށް ހުޅުވާ ލުމަށްޓަކައި ބޭއްވި މި ރަސްމިއްޔާތުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ވެރިންނާއި މުވައްޒަފުންނާއި ފ.އަތޮޅުސްޓޯރުގެ މުވައްޒަފުންގެ އިތުރުން ނިލަންދޫގެ އެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.

ފ.އަތޮޅުސްޓޯރުގައި ވިޔަފާރި ކުރަން ފެށިއިރު ވިޔަފާރި އިންތިޒާމް ކުރެވިފައިވަނީ ގިނަ ބަދަލު ތަކަކާއެކު ވިޔަފާރި ކުރަން އަންނަ ފަރާތްތަކަށް ލުއިފަސޭހަކޮށް ޚިދުމަތްދެވޭ ގޮތަށެވެ. އަތޮޅުސްޓޯރުގެ ވިޔަފާރިއަކީ އެއްފުރާޅެއްގެ ދަށުން ޢާންމުންނަށް ބޭނުންވާ ގިނަ ބާވަތްތަކެއްގެ މުދާ ލިބެން ހުންނަ ވިޔަފާރި އެކެވެ. ކުރިއަށް އޮތްތަނުގައި އާވައްތަރު ތަކުގެ ޕްރޮޑަކްޓްތައް އިތުރު ކުރުމަށްވަނީ ރޭވިފައެވެ.

ނިލަންދޫ ރައްޔިތުންގެ ފިނިހިޔާ ޢިމާރާތުގައި ހުރި މުދާތައް އަތޮޅުސްޓޯރުގެ ޢިމާރާތަށް ބަދަލު ކުރުމަށްޓަކައި 01 ޖަނަވަރީ 2021 ދުވަހުގެ ހެނދުނު 7.00 ގައި ފެށި މަސައްކަތް ނިންމާލާފައިވަނީ 08 ޖަނަވަރީ 2021 ވަނަދުވަހުގެ ހަވީރު 6.00 ގައެވެ.

ފ.އަތޮޅުސްޓޯރުގެ ޢިމާރާތަށް މުދާ ބަދަލު ކުރުމަށްކުރި މި މަސައްކަތުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ވެރިންނާއި މުވައްޒަފުން އަދި އަތޮޅުސްޓޯރުގެ މުވައްޒަފުން އެކުވެރި ކަމާއި އެއްބައިވަންތަ ކަމާއެކު ރެއާއި ދުވާލު ކުރެއްވި ބުރަ މަސައްކަތްތަކާއި މި މަސައްކަތްތަކުގައި މުވައްޒަފުން ދެއްކެވި ސާބިތުކަމާއި ދެއްކެވި ރީތި ނަމޫނާ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއިން ވަރަށްބޮޑަށް ފާހަގަ ކުރެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އަތޮޅުކައުންސިލުން ކުރަމުން ގެންދާ މިފަދަ ކޮންމެ ޙަރަކާތެއްގައިވެސް މުވައްޒަފުންގެ ކިބައިން ރީތި މިސާލެއް ފެނިގެންދާނެ ކަމުގައިވެސް އަތޮޅުކައުންސިލުން އުންމީދު ކުރެއެވެ.


ފ.ނިލަންދޫ ކައުންސިލްގެ ރައީސް އަތޮޅުސްޓޯރ ހުޅުވައި ދެއްވުން
ފ.އަތޮޅުސްޓޯރުގެ ވިޔަފާރި ޢާންމުކޮށް ހުޅުވާލުން
އަތޮޅުކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންނާއި އަތޮޅުސްޓޯރުގެ މުވައްޒަފުން
ފ.އަތޮޅުސްޓޯރުގެ މުވައްޒަފުން