ނިލަންދެއަތޮޅު އުތުރުބުރި (ފ.އަތޮޅު)



ނިލަންދެއަތޮޅު އުތުރުބުރީގެ ޗާޓް
ނިލަންދެއަތޮޅު އުތުރުބުރީގެ ގޫގުލް މެޕް

މިއަތޮޅަކީ އަރިއަތޮޅުގެ ދެކުނަށް ރާއްޖޭގެ ދެކުނު ދުނީގައި އޮތް އަތޮޅެކެވެ. މިއަތޮޅާއި ދިވެހިރާއްޖޭގެ ވެރިކަންކުރާ މާލެއާއި ދެމެދުގައި ހުންނަނީ 70 މޭލެވެ. މިއަތޮޅުގެ ބޮޑުމިނަކީ އުތުރުން ދެކުނަށް ގާތްގަނޑަކަށް ¾16 މޭލު، އަދި އިރުން ހުޅަގަށް ގާތްގަނޑަކަށް ½14 މޭލެވެ. އަތޮޅުއޮތީ އުތުރުޢަރުޟުން °03-03 އާއި °03-20 ދެމެދުއެވެ. މިއަތޮޅާއި އަރިއަތޮޅާއި ދެމެދުގައި އޮތީ އަރިއަދޫ ކަނޑެވެ. އަތޮޅުގެ އިރުންއޮތީ ހަތަރުއަތޮޅުގެ މެދުގެ ގޮތުގައި މަޝްހޫރުވެފައިވާ ކަނޑެވެ.

މިއަތޮޅުގައި މީހުން ދިރިއުޅެނީ 05 ރަށުގައެވެ. ކުރިން މީހުން ދިރިއުޅެމުން ގެންދިޔައީ ހިމިއްޗާއެކު 06 ރަށުގައެވެ. ހިމިއްޗަކީ މިހާރު ފަޅު ރަށެކެވެ. މިހާރު މީހުން ދިރިއުޅެނީ ފީއަލީ، ބިލެއްދޫ، މަގޫދޫ، ދަރަބޫދޫ، ނިލަންދޫ ގައެވެ. މިއަތޮޅުގައި ކުރިން ވެރިކަން ކުރަމުން ގެންދިޔައީ މަގޫދޫގައެވެ. މިހާރު ވެރިކަން ކުރަނީ ނިލަންދޫ ގައެވެ. ނިލަންދޫގައި ވެރިކަން ކުރަންފެށީ 18 ޖަނަވަރީ 1999 ގައެވެ.

މިއަތޮޅަކީ ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރިން ބުޑިސްޓުން ރާއްޖޭގައި އުޅުނު ޒަމާނުގައި ވަރަށް މުހިންމު އަތޮޅެކެވެ. އަތޮޅުގެނަން ނިސްބަތްވަނީ އަތޮޅުގެ ދެކުނު ދުނީގައި އޮތް ނިލަންދުއަށެވެ. އަދި މިހާރުގެ ވެރިރަށަކީވެސް ނިލަންދުއެވެ. މިއަތޮޅުގައި ތާރީޚީގޮތުން ފާހަގަ ކުރެވޭ ދެ ރަށަކީ މިއަތޮޅު ނިލަންދުއާއި ހިމިއްޗެވެ. ބިލެއްދޫގައިވެސް އިހުޒަމާނުގެ މިސްކިތެއް ހުރެއެވެ.

މިއަތޮޅު ދަރަނބޫދޫ މީހުން 1969 ވަނަ އަހަރު މިއަތޮޅު މަގޫދޫއަށް ބަދަލު ކުރާގޮތަށް ގޮތަށް ސަރުކާރުން ނިންމެވުމުން ދަރަނބޫދޫގައި އެއިރުތިބި 123 މީހުންގެ ތެރެއިން 89 މީހުން މަގޫދޫއަށް ބަދަލު ވިއެވެ. މަގޫދޫއަށް ބަދަލުވި ދަރަނބޫދޫގެ މީހުން އެނބުރި އެރަށަށް ދިއުމަށް ސަރުކާރުން ހުއްދައެއްވުމުން މަގޫދޫގައި ދިރިއުޅެމުންދިޔަ ދަރަނބޫދޫގެ ގިނަ މީހުން 1977 ވަނަ އަހަރު އެނބުރި ދަރަނބޫދޫއަށް ދިރިއުޅުން ބަދަލުކުރި އެވެ. މިރަށަކީ ފަސްގަނޑު އުސް އިހުޒަމާނުގައި ހުޅަނގު މޫސުމުގައި ފަޅުގަދަ އިހު ޒަމާނުގައި ވަރަށް ގިނައިން ވެލާއެރި ރަށެކެވެ.

މިއަތޮޅުގެ ހުރިހާ ރަށެއްގައި 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ދެމުންދެއެވެ. ގިނަ ދުވަސްތަކެއް ވަންދެން ހުރިހާ ރަށެއްގައިވެސް ކަރަންޓްގެ ޚިދުމަތް ދެމުން ގެންދިޔައީ ރައްޔިތުންގެ ނަމުގައެވެ. ނަމަވެސް މިހާރު ހުރިހާ ރަށެއްގައިވެސް ކަރަންޓްގެ ޚިދުމަތް ދެމުން ގެންދަނީ ސަރުކާރުގެ ކުންފުނިކަމަށްވާ ފެނަކަ ކޯޕަރޭޝަނުންނެވެ. އެންމެ ފުރަތަމަ އޭރުގެ ޔުޓިލިޓީ ކުންފުންޏަށް ކަރަންޓް ބަދަލުކުރީ މިއަތޮޅު ދަރަނބޫދޫއެވެ. އެންމެފަހުން މިހާރުގެ ފެނަކަ ކޯޕަރޭޝަނަށް ކަރަންޓް ބަދަލުކުރީ މިއަތޮޅު ނިލަންދޫއެވެ.

ފީއަލީގެ ކަރަންޓް ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކުރީ 02 އޮކްޓޯބަރ 2014 ގައެވެ. ބިލެއްދޫގެ ކަރަންޓް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރީ 02 މާރިޗު 2014 ގައެވެ. މަގޫދޫގެ ކަރަންޓް ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކުރީ 01 އޯގަސްޓް 2013 ގައެވެ. ދަރަނބޫދޫގެ ކަރަންޓް އޭރުގެ ޔުޓިލިޓީ ކުންފުންޏާއި ޙަވާލުކުރީ 2011 ގައެވެ. ނިލަންދޫގެ ކަރަންޓް ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކުރީ 22 މޭ 2019 ގައެވެ.

މިއަތޮޅު އަތޮޅު ތަޢުލީމީ މަރުކަޒު ހުންނަނީ މިއަތޮޅު ނިލަންދޫގައެވެ. މިއަތޮޅު އަތޮޅު މަދަރުސާ ހުންނަނީ މިއަތޮޅު ފީއަލީގައެވެ. އަތޮޅު މަދަރުސާ ކުރިންހުރީ މިއަތޮޅު މަގޫދޫގައެވެ. ފީއަލީގައި ޢިމާރާތްކުރި އަތޮޅު މަދަރުސާ އަކީ ޖަޕާން ސަރުކާރުގެ އެހީގައި ރާއްޖެތެރޭގައި ބިނާކުރެވުނު ސުކޫލު ތަކުގެ ތެރޭގައި ހިމެނޭ މަދަރުސާ އެކެވެ. ޖަޕާނު ސަރުކާރުން ފީއަލީގައި ޢިމާރާތްކޮށްދެއްވި މަދަރުސާއާއި ގުޅިގެން މަގޫދޫގައި ހުރި އަތޮޅުމަދަރުސާ ފީއައްޔަށް ސަރުކާރުން ބަދަލުކުރެއްވިއެވެ. ފީއަލީގައި ޢިމާރާތްކުރި އަތޮޅު މަދަރުސާ 4 މާރޗް 1982 ގައި ހުޅުވައި ދެއްވީ އޭރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އޮނަރަބްލް އަލްފާޟިލް މުޙަންމަދު ޒާހިރު ޙުސެއިންއެވެ

މިއަތޮޅުގެ ހުރިހާ ރަށެއްގައިވެސް ޘާނަވީ ފެންވަރަށް މިހާރު ކިޔަވައިދެމުން ގެންދެއެވެ. ނިލަންދުއާއި ބިލެއްދޫގައި ޘާނަވީގެ އިތުރުން މަތީ ޘާނަވީއަށްވެސް ކިޔަވައި ދެމުން ގެންދެއެވެ. މިއަތޮޅުގައި ކިޔަވައިދޭ ތަންތަނުގެ ތެރެއިން އެންމެ ފުރަތަމަ ޖީ.ސީ.އީ އޯލެވެލްހެދީ 1998 ވަނައަހަރު ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އެއަހަރު އެމަރުކަޒުގެ 07 ކުދިން ޖީ.ސީ.އީ އޯލެވެލްގައި ބައިވެރި ވެފައި ވެއެވެ. މިއަތޮޅުގެ ހުރިހާ ސްކޫލްތަކަކީ މިހާރު ސަރުކާރުން ހިންގާ ސަރުކާރުގެ ސްކޫލް ތަކެކެވެ.

ޔުނިސެފުގެ އެހީގައި މިއަތޮޅުގައި ޤާއިމުކޮށްފައިވާ ޓީޗަރސް ރިސޯސް ސެންޓަރު ހުންނަނީ މިއަތޮޅު އަތޮޅުތަޢުލީމީ މަރުކަޒުގައެވެ. މިރިސޯސް ސެންޓަރުގައި ޒަމާނީ ވަސީލަތްތަކާއެކު ޤާއިމު ކޮށްފައިވާ ޓީޗަރުން ތަމްރީނުކުރާ ބަޔަކާއި ކޮމްޕިއުޓަރު ލެބެއް ހުރެއެވެ. މިއީ ރާއްޖޭގައި އެންމެ ފުރަތަމަ ޤާއިމުކުރި ޓީޗަރސް ރިސޯސް ސެންޓަރެވެ. މިސެންޓަރުގެ ޚިދުމަތް 31 އޮކްޓޯބަރ 2006 ން ފެށިގެން ބޭނުން ކުރަމުން ގެންދިޔަ ނަމަވެސް ރަސްމީ ގޮތުން ހުޅުވާފައިވަނީ 26 ނޮވެމްބަރ 2007 ގައެވެ. މިކޮމްޕިއުޓަރ ލެބުގައި އިންޓަރނެޓުގެ ޚިދުމަތް ލިބެން ހުރެއެވެ.

މިއަތޮޅުގެ ހުރިހާ ރަށެއްގައިވެސް މިހާރު ޞިއްޙީ ޚިދުމަތް ލިބެން ހުރެއެވެ. އަތޮޅުހޮސްޕިޓަލް ހުންނަނީ މިއަތޮޅު ނިލަންދޫގައެވެ. ނިލަންދޫގައިހުރި ޞިއްޙީ މަރުކަޒު އަތޮޅު ހޮސްޕިޓަލަކަށް ބަދަލުކުރީ 16 ޑިސެންބަރ 2006 ގައެވެ. މިއީ ދިވެހި ރާއްޖޭގެ އަތޮޅު ތަކުގައި އެންމެފަހުން ޤާއިމްކުރި އަތޮޅު ހޮސްޕިޓަލެވެ. މި ހޮސްޕިޓަލުން 24 ގަޑިއިރު ޚިދުމަތްދް ދެމުން ގެންދެއެވެ. މި ހޮސްޕިޓަލްގައި ލެބޯޓްރީގެ ޚިދުމަތާއި ސްކޭންގެ ޚިދުމަތާއި، އެކްސްރޭގެ ޚިދުމަތާއި ދަތުގެ ޚިދުމަތް ލިބެން ހުރެއެވެ. މީގެ އިތުރުން ކުދިކުދި އޮޕަރޭޝަންތައްވެސް ކުރެވެން ހުރެއެވެ. އަތޮޅު ހޮސްޕިޓަލްގައި ޑެންޓަލް ކްލިނިކެއް ޤާއިމްކޮށް ދަތުގެ ޚިދުމަތް ދޭންފެށީ 03 މޭ 2019 ގައެވެ.

މިއަތޮޅުގައި އެންމެ ފުރަތަމަ ޞިއްޙީ މަރުކަޒެއްގެ ޚިދުމަތް ލިބެންފެށި ރަށަކީ މިއަތޮޅު މަގޫދޫއެވެ. މަގޫދުއަކީ ކުރިން އަތޮޅުވެރިކަން ކުރާ ރަށްކަމަށްވުމުންނާއި ޞިއްޙީމަރުކަޒު ހުރި ރަށްކަމަށްވުމުން އަތޮޅުގެ ހުރިހާ ރަށެއްގެ މީހުން ރަށުން ލިބެންނެތް ޞިއްޙޙީ ފަރުވާ ހޯދުމަށް ގޮސްއުޅެނީ މަގޫދުއަށެވެ. ޒަމާނަށް އަންނަ ބަދަލާއި ގުޅިގެން ޞިއްޙީ ޚިދުމަތް ލިބެމުން ގޮސްފައިވަނީ އެކި ދުވަސްވަރު އެކި ވަރަށެވެ. އަތޮޅުގައި އެންމެ ފުރަތަމަ ޑޮކްޓަރެއްގެ ޚިދުމަތް ލިބެން ފެށީވެސް މިމަރުކަޒުގައެވެ. އެއީ 1994 ވަނަ އަހަރުގައެވެ. އޭގެ ކުރިންތިބެނީ ކޮމިޔުނިޓީ ހެލްތު ވޯކަރުންނެެވެ.

ނިލަންދު ފިޔަވައި އެހެން ރަށްރަށުގައި ހުންނަނީ ޞިއްޙީ މަރުކަޒެވެ. ކޮންމެ މަރުކަޒެއްގައިވެސް ޞިއްޙީ މަރުކަޒުގެ ލެވެލްގެ ނިސްބަތުން ޞިއްޙީ ޚިދުމަތްތައް ލިބެން ހުރެއެވެ. އަދި ކޮންމެ ރަށެއްގައިވެސް ޢާންމު ބަލިތަކުގެ ޑޮކްޓަރަކާއި މަރުކަޒުގެ ލެވެލްގެ ނިސްބަތުން ނަރުހުން ތިބެއެވެ. އަތޮޅު ހޮސްޕިޓަލްގައި ޢާންމު ބަލިތަކަކުގެ ޑޮކްޓަރުންނާއި ކުޑަކުދިންގެ ޑޮކްޓަރަކާއި، މާބަނޑުމީހުންގެ ޑޮކްޓަރަކާއި، ހޭނައްތާ ޑޮކްޓަރަކާއި ހޮސްޕިޓަލް ލެވެލްގެ ނިސްބަތުން ނަރުހުން ތިބެއެވެ. އަތޮޅުހޮސްޕިޓަލްގައި ނަރުހުންގެ ގޮތުގައި މަސައްކަތް ކުރަނީ މުޅިންވެސް ދިވެހި ކުދިންނެވެ. މިއަތޮޅުގެ ހުރިހާ ޞިއްޙީ ޚިދުމަތްދޭ ތަންތަނަކީ މިހާރު ސަރުކާރުން ހިންގާ ތަންތަނެވެ. އެތަންތަން ހިންގުމަށް ކުރަންޖެހޭ ޚަރަދުތައް ކުރަނީވެސް ސަރުކާރުންނެވެ.

01 ސެޕްޓެމްބަރ 2004 ގައި ފުލުހުން އުފެއްދެވުމާ ގުޅިގެން 21 އޭޕްރީލް 2003 ގައި މިއަތޮޅު ނިލަންދޫގައި ޤާއިމު ކޮށްފައިވާ އެން.އެސް.އެސް ނިލަންދޫ މަރުކަޒުގެ ނަން އެތާރީޚުން ފެށިގެން މިއަތޮޅު ޕޮލިސްޓޭޝަނުގެ ނަމަށް ބަދަލު ކުރެއްވިއެވެ. ޕޮލިސްސްޓޭޝަންގެނަން މިހާރު ނިލަންދޫ ޕްލިސްސްޓޭޝަންގެ ނަމަށް ބަދަލު ކުރެއްވި ނަމަވެސް އަތޮޅުގެ އެންމެ އިސް ޕޮލިސްސްޓޭޝަނަކީ މި ޕޮލިސްސްޓޭޝަނެވެ. މިއަތޮޅު މަގޫދޫގައި އަދި ބިލެއްދޫގައިވެސް ޕޮލިސްސްޓޭޝަނެއް ހުރެއެވެ. މަގޫދޫގައި ޕޮލިސްސްޓޭޝަނެއް ޤާއިމްކުރީ 13 ފެބްރުވަރީ 2014 ގައެވެ. ބިލެއްދޫގައި ޕޮލިސްސްޓޭޝަނެއް ޤާއިމްކުރީ 25 އެޕްރީލް 2019 ގައެވެ. މީގެ އިތުރުން ފީއަލީގައި ޕޮލިސް ޕޯސްޓެއް ހުރެއެވެ.

ފެމެލީ ޗިލްޑްރަން ސަރވިސް ސެންޓަރ ހުންނަނީ މިއަތޮޅު ނިލަންދޫގައެވެ. މިތަނުން ޚިދުމަތްދޭން ފަށާފައިވަނީ 28 އޯގަސްޓް 2008 ގައެވެ.

މިއަތޮޅު މަގޫދޫގައި އިޓަލީ ވިލާތުގެ ބިކޯކާ ޔުނިވަރސިޓީގެ އައުޓްޕޯސްޓެއް ހުރެއެވެ. އިޓަލީވިލާތުގެ ބިކޯކާ ޔުނިވަސިޓީގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން މަގޫދޫއަށްއައިސް މި އައުޓްޕޯސްޓްގައި ތަޢުލީމު ޙާޞިލް ކުރަމުން ގެންދެއެވެ. މިތަނުގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ ބިކޯކާ ޔުނިވަސިޓީންނެވެ. މިތަން ހުޅުވާފައިވަނީ 28 ޖަނަވަރީ 2011 ގައެވެ.

ފ. އަތޮޅު ސްޓޯރުގެ ވިޔަފާރިއަކީ 1970 ގެ އަހަރުތަކުން ފެށިގެން އަތޮޅު ރައްޔިތުންގެ ނަމުގައި ކުރަމުން އަންނަ ވިޔަފާރިއެކެވެ. މި ވިޔަފާރި ފައްޓާފައިވަނީ މިއަތޮޅު މަގޫދޫގައެވެ. ވިޔަފާރި ފެށިއިރު ވިޔަފާރީގެ ކެޕިޓަލަކީ ކިހާވަރެއްކަމެއް އެނގޭނޭ ލިއުމެއް މިހާރު ފެންނަން ނެތުމާއެކު ވިޔަފާރީގެ ފުރަތަމަ ކެޕިޓަލަކީ ކިހާވަރެއްކަން އެނގޭކަށް ނެތެވެ. މަގޫދޫގައި ވިޔަފާރި ކުރަމުން ގެންދިޔައީ އޭރުގެ އަތޮޅު ރައްޔިތުންގެ ސިލްވަރސްޓަރ ޢިމާރާތުގައެވެ. ވިޔަފާރި ކުރަމުން ގެންދިޔައީ އަތޮޅުކޮމެޓީގެ ބެއްލެވުމުގެ ދަށުންނެވެ.

މިއަތޮޅުގައި ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތް ދޭންފެށީ 25 ޖަނަވަރީ 2015 ގައެވެ. ބެންކު ހުންނަނީ މިއަތޮޅު ނިލަންދޫގައެވެ. އެހެންވެސް ބެންކު ތަކުން ލިބެން ހުންނަ ހުރިހާ ޚިދުމަތެއް މި ބެންކުން ލިބެން ލިބެން ހުރެއެވެ. މި ބޭންކްގެ އޭޓީ އެމް އިން 24 ގަޑިއިރު ފައިސާ ނެގެން ހުރެއެވެ. ބެންކަށް ނުގޮސް ފައިސާ ޖަމާކުރުމުގެ ޚިދުމަތް ޤާއިމް ކުރުމުގެ ގޮތުން ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރު އޭޓީއެމް މެޝިނެއް ބަހައްޓައި ޚިދުމަތްދޭންފެށީ 05 އެޕްރީލް 2020 ގައެވެ. މިޚިދުމަތްވެސް 24 ގަޑިއިރު ލިބެންހުރެއެވެ.

މިއަތޮޅު ނިލަންދޫގައި މީރާ ކަލެކްޝަން ސެންޓަރެއް ޤާއިމްކޮށް ޚިދުމަތްދޭންފެށީ 04 އޮކްޓޯބަރ 2015 ގައެވެ. މި ކަލެކްޝަން ސެންޓަރ ހުންނަނީ ފ.އަތޮޅުކައުންސިލް އިދާރާ ހިންގާ ޢިމާރާތުގެ ބައެއްގައެވެ. މީރާ ކަލެކްޝަން ސެންޓަރ ރަސްމީކޮށް ހުޅުވީ 19 އޮކްޓޯބަރ 2017 ގައި ކޮމިޝަރ ޖެނެރަލް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި، ފ. އަތޮޅުކައުންސިލް ރައީސް ޢުމަރު ޒާހިރާއި، ފ.ނިލަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޖަލީލެވެ. މީރާ ކަލެކްޝަން ސެންޓަރުގައި 3 މުވައްޒަފުން ތިބެއެވެ. ނިލަންދޫގައިހުރި މި ކަލެކްޝަން ސެންޓަރުން އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރުގެ އަހަރީފީއާއި، ކުންފުނިތަކުގެ އަހަރީ ފީއާއި، ޖީ.އެސް.ޓީ ފީއާއި، އަދި ކުލީ ބިންތަކުގެ ފީއާއި، މުދަލުގެ ޒަކާތުގެ ފައިސާއާއި މިނޫނަސް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ބަލައިގަނަމުން ގެންދެއެވެ.

އަތޮޅުގައި ތިބެގެން މަތީތަޢުލީމު ޙާޞިލްކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޤާއިމް ކޮށްފައިވާ ލާނިންގ ސެންޓަރެއް މިއަތޮޅު ނިލަންދޫގައި ހުރެއެވެ. މިސެންޓަރު ހުޅުވާފައިވަނީ 03 މާރިޗް 2016 ގައެވެ. މިސެންޓަރުން ހިންގާ ކޯސްތަކުގެ ތެރޭގައި މާސްޓަރސް، ޑިގްރީ، ޑިޕްލޮމާ، އެޑްވާންސް ކޯސްތައް ހިމެނެއެވެ.

މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މިފްކޯގެ އައިސް ޕްލާންޓެއް މިއަތޮޅު ނިލަންދޫގައި ޤާއިމް ކޮށްފައި ހުރެއެވެ. މި ޕްލާންޓުން ޚިދުމަތް ދޭންފަށާފައިވަނީ 17 އެޕްރީލް 2015 ގައެވެ. މިއީ 25 ޓަނުގެ ޕްލާންޓެކެވެ. މިޕްލާންޓުން ރެއަކާދުވާލު 18 އަދި 20 ޓަނުގެ އައިސް އުފެއްދެއެވެ. މި އައިސް ޕްލާންޓްގައި 05 މުވައްޒަފުން މިހާރު މަސައްކަތް ކުރެއެވެ.

އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތްތައް އެއާރކޯން ކުރުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ އެއާރކޯންކުރި މިސްކިތަކީ މިއަތޮޅު ދަރަނބޫދޫ މަސްޖިދުއް ތަޤްވާ މިސްކިތެވެ. މި މަޝްރޫޢު ފައްޓަވައި ދެއްވީ 27 މާރިޗު 2019 ވަނަ ދުވަހު ދަރަނބޫދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކު އެފެއާޒު އޮންރަބުލް ޑރ އަޙުމަދު ޒާހިރުއެވެ. ދަރަނބޫދޫގެ މިމިސްކިތުގައި ހަރުކޮށްފައިވާ އެއާރކޯން ތަކަށް ބޭނުންވާ މިންވަރަށް ކަރަންޓް އުފެއްދުމަށް ބޭނުންވާ ސޯލާޕެނަލް މި މިސްކިތުގެ ފުރާޅުގައި ހަރުކޮށްފައި ވެއެވެ.


Back to top